ފީނަން ގޮސް އުޅުނު ރ. ކަނދޮޅުދޫ ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ށ. ކަނޑިތީމު ކައިރީގައި އޮންނަ ގޮނާ ފަރު، ކިޔާ ފަރު ކައިރިއަށް މިއަދު ފީނަން ގޮސް އުޅެނިކޮށް މަރުވެފައިވަނީ ރ. އުނގޫފާރު، ޗަނބޭލީގޭގައި ރެޖިސްޓްރީ ކޮށްފައިވާ، ކަނދޮޅުދޫއަށް އުފަން އަބްދުﷲ ސާދިގު، 23،އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ށ. ގޮނާ ފަރުގެ ބޭރަށް ޑައިވް ކުރަން އުޅުނު އެ ޒުވާނާ ގެއްލިގެން ފުލުހަށް ރިޕޯޓް ކުރީ މިއަދު 15:00ހާއިރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެވަގުތުން ފަށައިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މިއަދު 16:15ހާއިރު އެމީހާ ފެނިފައިވާ ކަމަށެވެ.

"އެމީހާއަށް ފަރުވާ ދިނުމަށް ށ. ކަނޑިތީމު، ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ވަނީ މައުލޫމާތު ދީފައި،" އޮފިޝަލް ވިދާޅުވިއެވެ.

އުގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު، "ސަން"އަށް ވިދާޅުވީ އެ ޒުވާނާ އިތުރު ބަޔަކާއެކު ދޯންޏެއްގައި ގޮނާ ފަރު ކައިރިއަށް ދިޔައީ ފާނަ ބާނަން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.