ފައިސާގެ މުއާމަލާތްތަކާ ގުޅުން ހުރި ކުށްތަކާ ބެހޭ ގަވާއިދުތަކާއި މާލީ ރިޕޯޓުތަކާ ބެހޭ ގޮތުން ޚަބަރު ލިޔުމާ ބެހޭ ވޯކްޝޮޕެއް ބާއްވަން ބީއެމްއެލްއާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ ނޫސްވެރިންނަށާއި އެޑިޓަރުންނަށް އަމާޒުކޮށްގެން ބާއްވާ އެ ވޯކްޝޮޕް އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހު މަންހަޓަން ބިޒްނަސް ހޮޓެލްގައި ކަމަށެވެ.

އެމްއެމްސީގެ ރައީސް މުހައްމަދު ޝަފާއު މިރޭ "ސަން"އަށް ވިދާޅުވީ އެ ވޯކްޝޮޕް ބާއްވަނީ 19 ވަނަ ދުވަހުގެ ހެނދުނުން ހަވީރަށް ކަމަށެވެ. އަދި އެ ވޯކްޝޮޕްގައި 25 މީހަކަށް ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވޯކްޝޮޕްގައި، މަނީ ލޯންޑަރިން އާއި ޓެރަރިޒަމްއަށް ޚަރަދު ކުރުމާ ދެކޮޅަށް ހަދާފައިވާ ގަވާއިދުތަކާ ބެހޭ ގޮތުންނާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަށް ޚަބަރު އުފެއްދުމާ ބެހޭ ގޮތުން މައުލޫމާތު ދޭނެއެވެ.

ހަމައެއާއެކު، ދައުލަތުގެ ބަޖެޓު ފަދަ މާލީ ރިޕޯޓުތަކަށް ޚަބަރު ހެދުމުގައި އިސްކަން ދޭން ޖެހޭ ކަންތައްތަކާ ބެހޭ ގޮތުން ވެސް ވޯކްޝޮޕްގައި މައުލޫމާތު ދޭނެ ކަމަށް ޝަފާއު ވިދާޅުވިއެވެ.

"އެންމެ ބޮޑު ކަމަކަށް އަޅުގަނޑުމެން މި ބަލަނީ ބަޖެޓަށް. މިކަހަލަ ވޯކްޝޮޕަކަށް ދިޔައިމަ ބަޖެޓުގަ ޖަހާފަ ހުންނަ ނަމްބަރުތައް ރީޑް ކުރަން ތަންކޮޅެއް ފަސޭހަވާނެ. އެހެންވީމަ އެގޮތަށް ބަލާފަ ފައިނޭޝަލް ޖާނަލިޒް ވޯކްޝިޕެއް ބާއްވަން ނިންމީ،" އޭނާ ވިދާޅުވިއެވެ.

އެ ވޯކްޝޮޕުގައި ބީއެމްއެލްގެ ޗާޓާޑް ބޭންކަރުންނާއި ކަމާ ގުޅުން ހުރި އެހެން މާހިރުން ވެސް ވާހަކަ ދައްކަވާނެއެވެ.