ޔޫރޮޕާ ލީގުގައި އެތުލެޓިކޯ މެޑްރިޑާއި ބަޔާން ލިވަކޫސަން ބައްދަލުކުރި މެޗު އެއްވަރުވެ އެތުލެޓިކޯ ވެސް ޔޫރޮޕާ ލީގު ކުޅެން ޖެހިއްޖެއެވެ.

ރޭ އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ލިވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރިވި ކުޅުމެއް ފެނުނު އެ މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ލިވަކޫސަންއިންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އެޑަމް ހްލޮޒެކް ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިގައިހެން އެ ގޯލު ލިވަކޫސަންއަށް ޖަހައިދީފައިވަނީ މޫސާ ޑިއާބީއެވެ.

ނަމަވެސް މެޗުގެ 22 ވަނަ މިނެޓުގައި އެތުލެޓިކޯއިން ވަނީ ގޯލެއްޖައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެންޓޯނިއޯ ގްރީޒްމަންގެ އެހީއާއެކު ޔަނިކް ކަރަސްކޯ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ތިރީކަނަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަކޫސަންއިން ވަނީ އަލުން މެޗުގެ ލީޑުނަގައިފައެވެ. އެ ގޯލަކީ މެޗުގެ 29 ވަނަ މިނެޓުގައި ނަޑިއެމް އަމީރީ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން ހޮޑްސަން އޮޑޯއީ ޖެހި ގޯލެކެވެ.

އެ ނަތިޖާއިން މެޗުގެ ފުރަތަމަ ހާފު ނިމުނު ކަމުގައިވިޔަސް ދެވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ކަރަސްކޯގެ އެހީއާއެކު ރޮޑްރިގޯ ޑި ޕައުލް ވަނީ ގޯލެއްޖަހައި އަލުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އެތުލެޓިކޯ މެޑްރިޑާއި ލިވަކޫސަން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ލިވަކޫސަން

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށްދެއްކި ވަގުތުގެ އެންމެ ފަހު މިނެޓުގައި އެތުލެޓިކޯއަށް ވަނީ މެޗުގެ ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ލިވަކޫސަންގެ އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ކަރަސްކޯ ފޮނުވާލި އެ ޕެނަލްޓީގެ ހުރަހަކަށްވީ ލިވަކޫސަންގެ ކީޕަރު ލޫކަސް ހްރަޑެކީއެވެ.

ލޫކަސް އަތުގައި ޖެހިފައި ބޯޅަ އެނބުރި ކުޅުމަށް އައުމުން ސައުލް ނިގޭޒް ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އެ ނަތީޖާއިން މެޗު އެއްވަރުވުމުން ޗެމްޕިއަންސް ލީގް ގުރޫޕް ބީގެ އެއްވަނަ ލިބެނީ ކުލަބް ބުރޫޖަށެވެ. އެ ޓީމު އެއްވަނައިގައި އޮތީ 10 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި ޕޯޓޯއޮތީ ނުވަ ޕޮއިންޓާއެކުއެވެ. އެތުލެޓިކޯ މެޑްރިޑް ތިންވަނައިގައި އޮތީ ފަސް ޕޮއިންޓާއެކުއެވެ. އަދި ލިވަކޫސަން ތާވަލުގެ ފުލުގައި އޮތީ ހަތަރު ޕޮއިންޓު ލިބިގެންނެވެ.

އެ ގްރޫޕުން ދެވަނަ ބުރަށް ގޮސްފައިވަނީ ބްރޫޖްގެ އިތުރުން ޕޯޓޯއެވެ. އެ ގްރޫޕްގެ އެއްވަނަ އާއި ދެވަނަ ޔަގީންވާނީ އަންނަ ހަފުތާގައި ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައެވެ.