ޖަރުމަނުގެ ކެމެރާ އުފައްދާ މަޝްހޫރު ކުންފުނި ލެއިކާއާ ގުޅިގެން ޝިއޯމީއިން ބޮޑެތި ކެމެރާ ލެންސް އެޅުވޭ ފޯނެއް އުފައްދައި، ދައްކާލައިފިއެވެ.

"ޝިއޯމީ 12އެސް އަލްޓްރާ ކޮންސެޕްޓް" ފޯން ދައްކާލާފައިވާ އިރު އެ ފޯނަކީ ޝިއޯމީ 12އެސް އަލްޓްރާއާ އެއްވައްތަރު ފޯނެކެވެ. އެކަމަކު 12އެސް އަލްޓްރާ ކޮންސެޕްޓުގެ ފަހަތުގައި ކެމެރާ ހުންނަ ތަނުގައި އެއް އިންޗީގެ 50.3 މެގަޕިކްސެލްގެ ސެންސަރެއް ހުރެއެވެ.

މި ފޯނުގައި ހިމެނޭ ޚާއްޞަ ސެންސަރަކީ ސޮނީގެ އުފެއްދުމެކެވެ. އެއީ އައިއެމްއެކްސް 989 މޮޑެލްގެ ސެންސަރެވެ. އެ ސެންސަރު ހަރުކޮށްފައިވަނީ ލެންސް އަޅުވާއިރު ނިވާވާ ގޮތަށް، ވަށްކޮށް ހުންނަ ސެފަޔާ ބިއްލޫރި ކޮޅެއްގެ ދަށުގައެވެ.

އެ ފޯނުގައި ހަރުކުރެވެނީ f/1.4 އިން ފެށިގެން f/16 އާ ދެމެދުގެ އެމް ސީރީޒް ލެސިއާ ލެންސް މޮޑިއުލްތަކެވެ. އެ މޮޑިއުލް އިންސްޓޯލް ކުރަންޖެހެނީ ފޯނުގެ ފަހަތުގައި ކެމެރާތައް ވަށައިގެން ހުންނަ ރިންގް ނަގައި އެޑަޕްޓަރެއް މެދުވެރިކޮށް މައުންޓް ކޮށްގެންނެވެ.

ޝިއޯމީ އިން ބުނެފައިވާ ގޮތުގައި 5ޖީ ޚިދުމަތް ލިބޭ އެ ފޯނުގެ ފީޗާތަކުގެ ތެރޭގައި ފޯކަސް ޕީކިން، ޒިބްރާ ލައިންސް އަދި ކެމެރާ ހިސްޓޯގްރާމް ހިމެނެއެވެ.

ޝިއޯމީ 12އެސް އަލްޓްރާ ކޮންސެޕްޓް ފޯނުގައި ކެމެރާ ލެންސެއް ހަރުކުރެވޭ --

ޝިއޯމީ 12އެސް އަލްޓްރާ ކޮންސެޕްޓަކީ އޭގެ ނަމުން ދޭހަވާ ފަދަ އަދި ހަމައެކަނި ކޮންސެޕްޓެކެވެ. އެހެންކަމުން މިފޯނު އާއްމުންނާ ހިސާބަށް އަންނާނެ ކަމެއްވެސް އަދި އަންނާނެ ދުވަހެއްވެސް ބުނާކަށް ނޭނގެއެވެ. ޝިއޯމީ އިން ބުނެފައި ވަނީ އަދި މިހާތަނަށް އުފައްދާފައިވަނީ އޭގެ އެންމެ ދިހަ ސާމްޕަލް ކަމަށެވެ.

ނަމަވެސް ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ޝިއޯމީއިން މި ފޯނު އުފައްދަން ކޮށްފައިވާ ބުރަ މަސައްކަތަށް ބަލާލުމުން، މި ފޯނު ބާޒާރަށް ނެރެވޭ ވަރަށް އޭގެ ކޮންސެޕްޓް ފުރިހަމަ ކުރާނެ ކަމަށް ބެލެވެއެވެ.

ތަފާތު ގެޖެޓްތަކާއި އިލެކްޓްރޯނިކްސްއާ ބެހޭ މައުލޫމާތު ގެނެސްދޭ މަޝްހޫރު ޓެކްނޮލޮޖީ ބްލޮގެއް ކަމަށްވާ 'އެންގެޖެޓް'އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝިއޯމީއިން އެ ކޮންސެޕްޓް ފޯނުގެ ކޮންމެ މޮޑެލްއެއް ސާމްޕަލެއް އުފެއްދުމަށް ގާތްގަނޑަކަށް 300،000 ޔުއާން ނުވަތަ ގާތްގަނޑަކަށް 41،210 ޑޮލަރު ޚަރަދުކުރިއެވެ. އެހެންކަމުން އެއީ އަގުގެ ގޮތުން ބަލާއިރު އެކަށީގެންވާ ޑިޒައިނެއް ނޫންކަމަށް ކުންފުނިން ނިންމަފާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މި ކޮންސެޕްޓާ އެންމެ ގާތްކުރާ އެއްޗަކަށް މިހާތަނަށް ބާޒާރަށް ނެރެފައިވާ އެއްޗަކީ އެންޑްރޮއިޑް ފޯންތަކުގައި ބޭނުން ކުރެވޭ، ޔޮންގްނޫއޯ މިރޯލެސް ކެމެރާތަކެވެ. އެއީ ހަމައެކަނި ޗައިނާގައި ވިއްކާ ކެމެރާއެވެ.

މީގެ އިތުރުން މީގެ އަހަރުތަކެއް ކުރިން ނެރުނު ސެމްސަންގް ގެލެކްސީ ކެމެރާ އާއި ސެމްސަންގް ގެލެކްސީ އެންއެކްސް ވެސް މި ކޮންސެޕްޓާ ކޮންމެވެސް ވަރެއްގެ އެއްގޮތް ކަމެއް ހުރެއެވެ.