ގިނައިން ފެން ބުއިމަކީ އެންމެން ވެސް ގައިގައި ހަރުލައްވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. ވަކި ވަގުތަކަށް ބެލުމެއް ނެތި ކޮންމެ ދުވަހެއް ވެސް ނިމެން ވާއިރަށް ވީހާވެސް ގިނައިން ފެން ބުއިމަކީ ދުވަހުގެ ގޯލަކަށް ވާން ޖެހެއެވެ. ބައެއް ވަގުތުތަކުގައި ފެން ބުއިމަށް ސަމާލުކަން ދިނުމަކީ މީހާގެ ހަށިގަނޑަށް ފަސޭހަވެ ބޮޑެތި ފައިދާތައް ލިބޭ ކަމެކެވެ. އޭގެން އެއް ވަގުތަކީ ނިދުމުގެ ކުރިންނެވެ.

ފެނަކީ އިންސާނާގެ ހަށިގަނޑަށް އެތައް ގިނަ ގުނަ ފައިދާތައް ލިބޭ އެއްޗެކެވެ. އެހެންވީމާ ގިނައިން ފެން ބުއިމަށް އާދަކުރަންވާނެއެވެ. ނަމަވެސް ނިދުމުގެ ކުރިން ފެން ބޯ ނަމަ އޭގެ ސަބަބުން ހަށިގަނޑަށް ފައިދާ ވާކަން ގިނަ ބަޔަކަށް ނޭނގިދާނެއެވެ.

ޖޭޕޫރުގައި ހުންނަ ނާރާޔަނަ މަލްޓިޑިސިޕްލިނަރީ ހޮސްޕިޓަލުގެ މެޑިކަލް ގެސްޓްރޯއެންޓެރޮލޮޖީ ކޮންސަލްޓެންޓު ޑރ. އަބިނަވް ގުޕްތާ ބުނާގޮތުގައި ނިދުމުގެ ކުރިން ފެން ބޯ ނަމަ ނިދުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެގޮތުން އިންސާނާގެ ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލު ކުރުމުގައި ފެން އެހީތެރިވާ ކަމަށް ޑރ. އަބިނަވް ފާހަގަކުރިއެވެ.

"ދިރާސާއިން އެބަ އެނގޭ، ފެން ނުލިބުމުގެ ސަބަބުން ނިދާއިރު މީހާ ޑީހައިޑްރޭޓްވާކަން. މީގެ ސަބަބުން މީހާ ހޫނުވުމަށް މެދުވެރިވެދާނެ. ފެން ބޮއެގެން ނިދާނަމަ އެ ހޫނުމިން ކޮންޓްރޯލުކުރުމަށް ހަށިގަނޑު މަސައްކަތް ކުރާނެ،" އޭނާ ފާހަގަކުރިއެވެ.

ކަމާ ގުޅޭ މާހިރުން ބުނާގޮތުން ފެން ބޮއެގެން ނިދުމަކީ ފުރިހަމަ ނިންޖެއް ލިބުމަށް ވެސް އެހީތެރިވާ ކަމެކެވެ. އަދި ރަނގަޅަށް ފެން ލިބިފައިވާނަމަ ރޭގަނޑު ފަސޭހައިން ނިދި ނުގެއްލި ހަމަޖެހިގެން ނިދޭނެ ކަމަށް ވެސް މާހިރުން ބުނެއެވެ.

ނިދުމުގެ ކުރިން ފެން ބުއިމަކީ ރަނގަޅު އާދައަކަށް ވި ނަމަވެސް ގިނައިން ފެން ބުއިމާ ދުރަށް ދިޔުމަށް ޑރ. ގުޕްތާ އިރުޝާދު ދެއެވެ. އެގޮތުން ބަނޑަށް އުނދަގޫ ވާ ވަރަށް ފެން ބޮއެގެން ނިދަން އިތުރަށް އުނދަގޫ ވާނެ ކަމަށާއި އަނެއްކާ ފާހާނައަށް ދިޔުމަށް އިތުރަށް ރޭގަނޑު ހޭލަން ޖެހޭ ގޮތްވެސް ވެދާނެ ކަމަށް އޭނާ ފާހަގަކުރެއެވެ.