ހިޔާ ސަރަހައްދުގައި ދުވާރު ހަދާފައިވާ ގޮތުން ނުކުޅެދޭ ކުއްޖަކަށް ދަތިވާކަމަށް ބުނެ މީހަކު ކުރި ޓްވީޓެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސަމާލުކަމަށް އައިސް، އެ މައްސަލަ ހައްލުކުރަން ފަށައިފިއެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ދުވާރުގެ ގާތައް އަތުރާފައި ހުންނަ ގޮތުން ފުރޮޅުލީ ގޮނޑި ދުއްވަން އުނދަގޫވާކަން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައި ވާކަމަށެވެ.

އެހެންކަމުން އެކަން ހައްލުކުރުމަށް ޓަކައި ދުވާރުގައި އަތުރާފައި ހުންނަ ގާތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ހިޔާ ސަރަހައްދުގަ އެކަނި އެކަހަލަ ގާ ހުރީ. ކުރިއަށް އޮތްތާ ބަދަލު ކުރާނެ މުޅި ސަރަހައްދު ވެސް އެކަމަކު މިއަދު ހަމަ ހާއްސަކޮށް އެތަންކޮޅު ބަދަލު މި ކުރީ،" އޭނާ ވިދާޅުވިއެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހަކަމާއެކު އުޅެވޭނެ މާހައުލެއް ގާއިމްކޮށްދިނުން ކަމަށެވެ. އަދި އެކަމުގައި އާންމުންގެ އެއްބާރުލުން ބޭނުންވާކަމަށް އެ ކުންފުނިން ބުންޏެވެ.