10 Nov 2022, 12:51
މިއުޒިކް އިންޑަސްޓްރީގައި މުޅި ދުނިޔޭގައި ވެސް މިއަހަރު އެންމެ ނުފޫޒު އޮތް އެއް އާޓިސްޓަކީ ލެޓިން ލަވަކިޔުންތެރިޔާ ބޭޑް ބަނީ ކަމަށް ކަނޑައަޅައި އެޕަލްގެ މިއުޒިކް ސާވިސްގެ އަހަރުގެ އާޓިސްޓުގެ މަގާމު ދީފިއެވެ.
އެޕަލްގެ މިއުޒިކް ސާވިސް އިން ބޭޑް ބަނީ އަށް އަހަރުގެ އާޓިސްޓުގެ މަގާމު ދިން އިރު މިއީ އޭނާއަށް ފުދޭވަރަކަށް ބިޒީ އަހަރެކެވެ. ތަފާތު މިއުޒިކް ރިލީޒްކޮށް ބޭޑް ބަނީ ވަނީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް މުޅި އަހަރު ތެރޭގައި ވެސް ހޯދައި އެ މަގުބޫލުކަން ދަމަހައްޓާފައިވާ އާޓިސްޓަކަށް ވެފައެވެ.
ބޭޑް ބަނީ ވަނީ މިއަހަރުގެ މެއި މަހުގައި އޭނާގެ ހަ ވަނަ ސްޓޫޑިއޯ އަލްބަމް "އުން ވެރާނޯ ސިން ތީ" ރިލީޒްކޮށްފައެވެ. މި އަލްބަމް އަކީ އެޕަލްގެ މިއަހަރުގެ އެންމެ ސްޓްރީމް ކޮށްފައިވާ އަލްބަމްއެވެ. އަދި އެޕަލް މިއުޒިކްގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނައިން ސްޓްރީމް ކޮށްފައިވާ ލެޓިން އެމެރިކަން އަލްބަމެވެ.
އެޕަލް މިއުޒިކްގެ ނައިބު ރައީސް އޮލިވާ ޝޫޒާ ވިދާޅުވާގޮތުގައި ބޭޑް ބަނީގެ ކާމިޔާބީތައް ފާހަގަކުރުމަކީ އެޕަލް މިއުޒިކަށް ލިބޭ ވަރަށް ބޮޑު ފަހުރެކެވެ. އެގޮތުން ބޭޑް ބަނީގެ މިއުޒިކުގެ އަޑު ވަނީ މިއަހަރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ވާސިލުވެފައި ކަމަށް އޮލިވާ ފާހަގަކުރެއެވެ.
އޭނާ ފާހަގަކުރި ގޮތުގައި އެޕަލްގެ "އަޕް ނެކްސްޓް އާޓިސްޓް"ގެ މަގާމު ބޭޑް ބަނީ އަށް 2018 ވަނަ އަހަރު ލިބުނެވެ. އެއީ އަރަމުން އަންނަ އާޓިސްޓުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ ހާއްސަ އެވޯޑެކެވެ. ނަމަވެސް އެހާ ހިސާބުން ފެށިގެން ހަތަރު އަހަރުގެ ތެރޭގައި އަހަރުގެ އާޓިސްޓުގެ މަގާމު ލިބޭ މަންޒަރު ބަލާލަން ލިބުމަކީ ވަރަށް ވެސް އާދަޔާ ހިލާފު މަންޒަރެއް ކަމަށް އޭނާ ފާހަގަކުރިއެވެ.