މ. ނިރުފެހީގައި ހިންގާ ގަރާޖެއްގައި އަލިފާން ރޯވެ، 10 މީހުން މިހާތަނަށް މަރުވެފައިވާއިރު މިއީ އެ ގަރާޖުގައި ރޯވި ތިން ވަނަ ފަހަރުކަން "ސަން" އަށް އެނގިއްޖެއެވެ.

އިސްކަންދަރު މަގުގައި ހުންނަ ނިރުފެހީގައި އެ ކާރު ގަރާޖު ހިންގަމުން އައީ ގްރައުންޑް ފްލޯގައެވެ. ފަސްޓް ފުލޯގައި ހުންނަނީ ބިދޭސީން ނިދާ އެކޮމެޑޭޝަންއެކެވެ. އެތަނުގެ ވެންޓިލޭޝަނަށް ހުންނަނީ އެންމެ ކުޑަ ދޮރެކެވެ.

އެ ސަރަހައްދުގައި ހުރި "ސަން" ގެ ނޫސްވެރިޔާ އަޙްމަދު އިޒްމީމް ބުނީ އަލިފާން ނިއްވަން ހަރަކާތްތެރިވާ ސިފައިންގެ ފަރާތުން މައުލޫމާތު ލިބޭގޮތުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ގަރާޖުގައި ވަނީ އަލިފާން ރޯވެފައެވެ. މިއީ ރޯވި ތިން ވަނަ ފަހަރެވެ. އެގޮތުން މީގެ ދެ މަސް ކުރިން ވެސް އެތަނުގައި ރޯވެފައިވާ ކަމަށް ސިފައިންގެ މީހާއާ ހަވާލާދީ އޭނާ ބުންޏެވެ.

"މިފަހަރު ވެސް ގަރާޖުގައި ރޯވީ، އޭރު ބިދޭސީން ތިބީ މަތީ ފްލޯގައި ނިދީފައި. އެންމެ ކުޑަދޮރެއް ހުރީމައި ފަސޭހައަކުން ނުކުމެވޭކަށް ނެތް. އެމްއެންޑީއެފްގެ ބޭފުޅާ ވިދާޅުވީ އެޓަމްބޮމެއް ދަށަށްލައިފައި އޭގެ މަތީގައި އެ މީހުން ނިދަން ބެއިތިއްބީ ކަމަށް،" އިޒްމީމް ކިޔައިދިނެވެ.

މިފަހަރުގެ އަލިފާންގެ ހާދިސާގައި އެ ގަރާޖު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

އެ އެކޮމެޑޭޝަންގައި އުޅޭ ބިދޭސީންގެ އެކުވެރި އެހެން ބިދޭސީއަކާ ހަވާލާދީ އިޒްމީމް ބުނީ އެތަނުގައި 20 މީހުން ނިދާ ކަމަށެވެ. އޭގެ ތެރެއިން އަނިޔާއެއް ނުވެ ސަލާމަތްވީ ފަސް މީހުންނެވެ.

ރޯވި އިމާރާތުން، މީހުންގެ ހަށިގަނޑު ބޮޑީބޭގަށް ލައިގެން ނެރެފައިވޭ --- ސަން ފޮޓޯ/

މިހާތަނަށް އެތަނުގެ ތެރެއިން މަރުވެފައިވާ 10 ބިދޭސީން ފެނިފައިވާއިރު ދެން ފެނުނު މީހާ އޮތީ ވެންޓިލޭޓަރުގައެވެ.

ގަރާޖުތަކުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިންގުމަކީ ދޭތެރެއަކުން ހިނގާ ކަމެކެވެ. މިއީ ނުރައްކާތެރި ކަމަކަށްވާތީ ގަރާޖުތައް މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ގެންދިއުމުގެ ވާހަކަ ދައްކާތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. އޭގެ ފަހުން އެތައް ސަރުކާރެއް ބަދަލުވެގެން ގޮސްފައިވާއިރު މިހާތަނަށް ވެސް އަމަލީ މަސައްކަތެއް ނުކުރެވެއެވެ.

މީގެ އަހަރުތަކެއް ކުރިން މާލޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެން ވެސް މީހަކު މަރުވެ، އެތައް ގެއެއް ބޭނުން ނުކުރެވޭ ވަރަށް އެނދިއެވެ. ކެމިކަލް ގުދަންތައް މާލޭން ބޭރު ކުރީ އެ ހާދިސާއަށް ފަހުގައެވެ.