11 Nov 2022, 10:24
އަލަށް ހެދުމެއް ލިބުމުން އެ އެންމެނަށް ދައްކަން އަވަހަށް އެ ލައިގެން އުޅޭ އާދައަކީ ގިނަ ބައެއްގެ މެދުގައި ހުންނަ އާދައެކެވެ. ގިނަ ފަހަރަށް އެ ލައިގެން ހުންނަ ހެދުމަކީ ފިހާރައިން ގެންނަ ގޮތަށް ނުވެސް ދޮވެ ލާ ހެދުމެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި އާދައެއްކަން އެނގޭ ހެއްޔެވެ؟
ފިހާރަތަކުގައި ހުންނަ ހެދުންތަކަކީ އެ ނުދޮވެ ލުން ނުރައްކާތެރި އެއްޗެއްސަށް ވަނީ ގިނަ ބަޔަކު އޭގައި އަތް ކާތައި އެ ހެޔޮވަރު ކޮށްފައިވާތީ ކަމަށް ހީވެދާނެއެވެ. އެ ދޮވެގެން ލާން ޖެހެނީ އެ ސަބަބާ ހުރެ ކަމަށް ހީވެފައި އޮވެދާނެއެވެ. ނަމަވެސް ސަބަބަކީ އެއީއެއް ނޫނެވެ.
އަލަށް ހެދުމެއް ލާއިރު އެ ނުދޮވެ އޮތް ނަމަ އެލާޖިކް ކޮންޓެކްޓް ޑާމަޓައިޓިސް ވުން އެކަށީގެންވެއެވެ. އެއަކީ އިމިއުން ސިސްޓަމާ ގުޅުންހުރި އެލާޖިކް ރިއެކްޝަން އެކެވެ. އަދި އިންސާނާގެ ހަމުގައި ޖެހޭ އެއްޗެއްގެ ސަބަބުން އެ ރިއެކްޝަން އުފެދި ހަފުތާއަށްވުރެ ގިނަ ދުވަސް ވަންދެން އެކަމުގެ އަސަރު ހުރުން ވެސް އެކަށީގެންވެ އެވެ.
ކޭސް ވެސްޓަން ޔުނިވާސިޓީގެ ޕްރޮފެސާ އިން ޑާމިޓޯލޮޖީ ޑރ. ސޫޒަން ނީޑޮރޮސްޓް ފާހަގަކުރާގޮތުގައި އެފަދަ އެލާޖިކް ރިއެކްޝަނެއްގެ ސަބަބުން މުޅި ގައި ކަހައި ގައިގައި ފިތްގަނޑުތައް ލުން އެކަށީގެން ވެއެވެ.
"މިއީ އާންމުކޮށް ހެދުމުގައި ހުންނަ 'ޑައި' އެއްގެ ސަބަބުން މެދުވެރިވާ ކަމެއް. މިއަށް ކިއައި އުޅެނީ ޑިސްޕާސް ޑައި،" އޭނާ ކިޔައިދީފައިވެއެވެ.
ޑިސްޕާސް ޑައި އަކީ ޕޮލިސްޓަރާއި ނައިލޯން ފަދަ ސިންތެޓިކް ފޮތި މެޓީރިއަލްގައި ބޭނުންކޮށްފައި ހުންނަ ޑައި، ނުވަތަ ކުލަ އެކެވެ. އަދި އަލަށް ގަންނައިރު، ނުދޮވެ ހުންނަ ހެދުންތަކުގައި އެ ޑައި ހުންނަ މިންވަރު ބައެއް ފަހަރު ގިނަ ވާނެއެވެ.
އެފަދަ ޑައި ހިމެނޭ މެޓީރިއަލްތައް ލައިގެން ހުއްޓައި ދާހިއްލައި ގައިގައި ކޭއްތޭ ނަމަ އެ ޑައި ގައިގައި ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި އެފަދަ މެޓީރިއަލް ހެދުންތަކަކީ ޖިމަށްދާން އަދި ދަތުރުމަތީގައި ލައި އުޅޭ ކަހަލަ ހެދުންތަކެވެ. އެހެންވުމުން ގައިން ދާ ހިއްލުމުގެ ފުރުސަތު ވެސް މި ހެދުންތައް ލައިގެން އުޅޭއިރު ބޮޑުވާނެއެވެ.
ފިހާރައިން ގަންނަ ގޮތަށް ހެދުން ލައި އުޅޭ އާދަ ދޫކޮށްލަން އެބަޖެހެއެވެ.