15 Nov 2022, 23:02
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ދިމާވާ މައްސަލަތައް ދެނެގަތުމަށް "ރިވެލި ފޯރަމް 2022"ގެ ނަމުގައި ޖެންޑާ މިނިސްޓްރީން މިއަދު ފޯރަމްއެއް ބާއްވައިފިއެވެ.
އެ ފޯރަމް ފެށުމަށް މިއަދު ހ. މީރުމާ ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ.
ރިވެލި ފޯރަމްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ގުޅުން ހުރި 23 އިދާރާއަކުން ބައިވެރިވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަފާތު ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމާއި އެ މީހުންނަށް ލިބޭ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަތުމާ ގުޅޭގޮތުން ފޯރަމްގައި މަޝްވަރާކުރިއެވެ.

ޖެންޑާ މިނިސްޓްރީން އިންތިޒާމްކޮށްގެން ބޭއްވި ރިވެލި ފޯރަމްގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ
އެގޮތުން ނުކުޅެދުންތެރިކަން ހުރިކަން ދެނެގަނެވޭނެ ނިޒާމެއް އެކުލަވައިލުމާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ ގޮތުން އެ ފޯރަމްގައި މަޝްވަރާކުރިއެވެ.
ހަމައެއާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް މުޖުތަމައުގެ މުހިންމު ހިއްސާއަކަށް ހެދުމާއި ދޮށީ އުމުރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން މަޝްވަރާކޮށް، އެކި ދާއިރާތަކުން މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ކަންކަން އެ ފޯރަމްގައި ވަނީ ދެނެގަނެފައެވެ.
އެ ފޯރަމް ޝަރަފުވެރިކުރައްވާ މިއަދު މިނިސްޓަރު އައިޝާ ވިދާޅުވީ ރިވެލި ފޯރަމްއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރިއަށް އޮތް 10 އަހަރަށް ކަނޑައަޅާ ލަނޑުދަނޑިތަކުގެ ޕްލޭން އެކުލަވައިލުމަށް ބޭނުންވާ މަޝްވަރާތައް ވެސް ކުރުމަށް ބޭއްވި ފޯރަމައެއް ކަމަށެވެ.

ޖެންޑާ މިނިސްޓްރީން އިންތިޒާމްކޮށްގެން ބޭއްވި ރިވެލި ފޯރަމްގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ
މިނިސްޓަރު ވިދާޅުވި ގޮތުގައި ރިވެލި ފޯރަމްގައި ފަށާ މަސައްކަތަކީ ވަރަށް ބޭނުންތެރި މަސައްކަތަކަށް ވާނެއެވެ.
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަޑުއަހާލަން އެންމެ ކައިރިން އަޅުގަނޑު ބޭނުން. އަޅުގަނޑުމެންނަށް ފޯރަމަކަށް ނުގެނެވޭ ހާލަތްތަކުގައި ތިބި އާއިލާތަކުގެ އަޑުއަހާލަން ވެސް ބޭނުން،" މިނިސްޓަރު ވިދާޅުވިއެވެ.
އައިޝާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ އަޑު އަހައި އެމީހުންނަށް މުޖުތުމައުގައި ހަމަހަމަ ފުރުސަތުތަކެއް ގާއިމުކޮށްދީ ތައުލީމާއި ތަމްރީނު ދިނުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށެވެ.

ޖެންޑާ މިނިސްޓްރީން އިންތިޒާމްކޮށްގެން ބޭއްވި ރިވެލި ފޯރަމްގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ
ރިވެލި ފޯރަމް މިއަދު ހެނދުނު 09:00އިން ފެށިގެން ހަވީރު 17:00އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމުގެ ގޮތުން "ރިވެލި މައުރަޒު 2022"ގެ ނަމުގައި އިއްޔެ ވަނީ ޚާއްސަ މައުރަޒެއް ވެސް ހުޅުވައިފައެވެ.
އިއްޔެއިން ފެށިގެން މިރޭގެ ނިޔަލަށް ކުރިއަސް ގެންދާ އެ މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ތެރެއިން މަސައްކަތްތެރިކަމާއި ވިޔަފާރި ކުރުމަށް ޝައުގުވެރިކަން ހުންނަ މީހުން ބާރުވެރިކޮށް، ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
އެ މައުރަޒު އޮތީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.