ހައި ކޯޓުގެ އިސްފަނޑިޔާރުގެ ޒިންމާ ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުއާ ހަވާލުކޮށްފިއެވެ.

ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ހުންނެވި ފަނޑިޔާރު ހާތިފް ޙިލްމީ ވަނީ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގަންނަވާފައެވެ.

އެހެންވެ، އިސް ފަނޑިޔާރުކަމަށް ބޭފުޅަކު ހަމަޖެހެންދެން އެ ކޯޓު ވަގުތީގޮތުން ހިންގުން ފަނޑިޔާރު ޙުސައިން ޝަހީދުއާ ޙަވާލުކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ހައި ކޯޓުން ރިޓަޔާ ކުރެއްވި ހާތިފަކީ ސިވިލް ކޯޓުގެ ފަނޑިޔާރުކަން 10 އަހަރު ކުރެއްވި ބޭފުޅެކެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުކަން އޭނާ އެއް އަހަރު ކުރައްވާފައި ވެއެވެ.

ހައި ކޯޓުގެ އިސްފަނޑިޔާރުގެ ޒިންމާ ހަވާލުކުރެއްވި ޝަހީދު އެ ކޯޓާ ގުޅިވަޑައިގަތީ 2018 ވަނަ އަހަރުގެ ޖުލައި 24 ވަނަ ދުވަހުއެވެ. އޭގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމު ވެސް އަދާކޮށްފައެވެ.