އުތުރުގެ ރަށެއްގައި ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 49 އަހަރުގެ ދިވެހި ފިރިހެން މީހާ ދޫކޮށްލުމުން މިއަދު އަނެއްކާ ހައްޔަރުކޮށްފިއެވެ.

އެމީހާ ޖިންސީ ގޯނާ ކުރީ އުމުރުން 12 އަހަރާއި 14 އަހަރުގެ ދެ އަންހެން ކުއްޖަކަށެވެ. މިއީ ކުޑަކުދިންނާ ގުޅޭ މައްސަލައަކަށް ވާތީ އިތުރު ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ.

މިދިޔަ އަންގާރަ ދުވަހު ފުލުހަށް އެ މައުލޫމާތު ލިބުމުން އެ މައްސަލަ ބެލުމަށްފަހު އެ މީހާ ހައްޔަރު ކުރިއެވެ. އެކަމަކު މުއްދަތު މަޖިލީހަށް ރޭ ހާޒިރު ކުރުމުން ކޯޓުން އޭނާ ދޫކޮށްލީ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އެފަހުން އޭނާ ދޫކޮށްލައިފައި ވަނިކޮށް ކޯޓު އަމުރެއްގެ ދަށުން މިއަދު އޭނާ އަނެއްކާ ވެސް ހައްޔަރުކޮށްފައި ވާކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.