ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ފީފާއިން ވޯލްޑް ކަޕުގައި ކުޅޭ މެޗުތަކުގެ ހައިލައިޓްސްތައް، ސައިން ލެންގުއޭޖް ނުވަތަ އިޝާރާތު ބަހުރުވައިން ގެނެސްދޭން ނިންމައިފިއެވެ.

މިއާއެކު ގަތަރުގައި ކުޅޭ ވޯލްޑް ކަޕް 2022ގެ 64 މެޗުގެ އުސްއަލިތައް، އަޑުއިވުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ހިތްހަމަޖެހުމާއިއެކު ބަލާލެވޭނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕަކީ، ފުޓުބޯޅައިގެ ސަޕޯޓަރުންނަށް ބަލާހިތްވާ، ހިތްހަމަޖެހޭ ތަޖުރިބާއެއް ކުރެވޭނެ ވޯލްޑް ކަޕަކަށް ހެދުމަށް މުބާރާތުގެ ހޯސްޓު، ގަތަރާއި ގުޅިގެން ފީފާއިން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިއަހަރުގެ ކުރީކޮޅު ތައާރަފްކުރި ފުޓްބޯޅަ ފޭންޑަމްގެ ރަސްމީ ޑިޖިޓަލް ޕްލެޓްފޯމް ކަމަށްވާ، ފީފާ ޕްލަސް އިން މިހާރު ވަނީ ފީފާ ވޯލްޑް ކަޕުގެ މެޗުތައް 11 ބަހަކުން ގެނެސްދިނުމަށް ނިންމާފައެވެ.

އަދި ފީފާ ޕްލަސްގެ އެޕްލިކޭޝަނާއި ވެބްސައިޓު މެދުވެރިކޮށް، ފެންޓަސީ ލީގާއި، އަދިވެސް ފޭނުންނަށް ވޯލްޑް ކަޕުގައި ކޮންމެވެސް މިންވަރަކަށް ބައިވެރިވެވޭނެ ގޮތްތައް ފީފާއިން ވަނީ ފަހިކޮށްދީފައެވެ.

ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 އަކީ މިހާތަނަށް ބާއްވާ އެންމެ ތަފާތު، އަދި އެންމެ ފާހަގަކޮށްލެވޭ އެއް މުބާރާތެވެ.

އެގޮތުން މިފަހަރުގެ ވޯލްޑް ކަޕަކީ، މެދުއިރުމަތީ ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ އޭޝިއާ ބައްރުގެ ގައުމެއްގައި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ.