ހައި ކޯޓުން ނިންމާފައި އޮތް މައްސަލައެއް ދެވަނަ ފަހަރަށް އެ ކޯޓުގައި އިސްތިއުނާފް ކުރަން ހުއްދަ ދިން ކަން ހާމަވެއްޖެއެވެ.

ދަރީންގެ ޚަރަދު ހޯދުމަށް އެދި ފެމެލީ ކޯޓުން ކޮށްފައިވާ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ އަހަރުގެ މާޗް މަހުގައި ނިންމާފައިވަނީ ފެމެލީ ކޯޓުގެ ނިންމުން ބަދަލު ކުރަންޖެހޭ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ފެމެލީ ކޯޓުގެ އެ ހުކުމް ދެވަނަ ފަހަރަށް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަދި އިސްތިއުނާފް ކުރުމުގެ ހުއްދަ ދިނުމަށް ވެސް އެ ކޯޓުން ނިންމިއެވެ.

އެ މައްސަލަ ދެވަނަ ފަހަރަށް އިސްތިއުނާފް ކޮށްފައިވަނީ ފެމެލީ ކޯޓުގެ ހުކުމުގައި ބުނެފައިވާ ހިސާބުގެ ކުށެއް އިސްލާހު ކުރުމަށެވެ. ނަމަވެސް އެ މައްސަލަ ބަލައިގަނެ އިސްތިއުނާފްކުރުމުގެ ހުއްދަ ދިންއިރު އެއީ މީގެ ކުރިން އެ ކޯޓުން ބެލި މައްސަލައެއްކަން އެނގެން ނެތް ކަމަށް އިއްޔެ ހައި ކޯޓުން ނިންމި ނިންމުގައި ވަނީ ބުނެފައެވެ. އަދި މީގެ ކުރިން އެ މައްސަލައިގައި ހައި ކޯޓުން ނިންމި ނިންމުން އެނގެން ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ.

ދަރީންގެ ޚަރަދު ހޯދުމުގެ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ, ދަރިންގެ ބައްޕައެވެ. އެ މައްސަލާގައި މީގެ ކުރިން ހައި ކޯޓުން ގޮތެއް ނިންމާފައިވާކަން ސަމާލު ކަމަށް ގެނައީ މައްސަލަ ރައްދުވި ދަރީންގެ މަންމަގެ ފަރާތުންނެވެ.

އެ މައްސަލަ ދެވަނަ ފަހަރަށް ހައި ކޯޓުން ނުބެލޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ. އަދި ހައި ކޯޓުގެ ނިންމުންތައް އިސްތިއުނާފް ކުރަން ޖެހޭނީ ސުޕްރީމް ކޯޓުގައި ކަމަށް ވެސް ވަނީ ބުނެފައެވެ.