Last Updated: 3 year 5 day ago
Last Updated:
3 year 5 day ago
ވޯލްޑް ކަޕުގެ ހަތްވަނަ މެޗުގެ ލައިވް ބްލޮގް: ޕޮލެންޑް - މެކްސިކޯ
22:50
ވޯލްޑް ކަޕުގެ ގްރޫޕް ސީގައި ޕޮލެންޑާއި މެކްސިކޯ ބައްދަލުކުރި މެޗު ނިމިއްޖެ. ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވޭ.
މި ގުރޫޕުގައި ދެން ހިމެނޭ އާޖެންޓީނާ އާއި ސައުދީ އަރަބިއްޔާގެ ކުރިމަތިލުމުގައި ކުރި ހޯދީ ސައުދީ.
މިއާއެކު މި ގުރޫޕުގެ އެއްވަނައިގައި ސައުދީ އޮތީ ތިން ޕޮއިންޓާއެކު. ދެވަނަ އަދި ތިންވައިގައި އޮތީ މެކްސިކޯ އާއި ޕޮލެންޑު. ފުލުގައި އޮތީ ޕޮއިންޓެއް ލިބިފައި ނުވާ އާޖެންޓީނާ.
މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި 7 މިނެޓު ދައްކައިފި.
88 ވަނަ މިނެޓު: ނަތީޖާއަކަށް ބަދަލެއް ނާދޭ. މުޅި މެޗުހެން ކޮންޓްރޯލް ކުރި މެކްސިކޯ އިން 10 ހަމަލާއެއް އުފެއްދި އިރު ޕޮލެންޑަށް އުފެއްދުނީ ހަތަރު ހަމަލާއެއް.
70 ވަނަ މިނެޓު: މެކްސިކޯ އިން ދެ ބަދަލެއް ގެނެސްފި. ހެކްޓަރ ހެރޭރާ އާއި ހެންރީ މާޓިންގެ ބަދަލުގައި ކުޅެން އެރުވީ ކާލޯސް އަލްބާޓޯ ރޮޑްރިގޭޒް އަދި ރައުލް ހިމެނޭޒް.
ޕޮލެންޑުން ވެސް ބަދަލެއް ގެނައި. ސެބާސްޓަން ޒިމާންސްކީގެ ބަދަލުގައި ފްރެންކޮސްކީ ވަނީ ކުޅެން އަރުވާފަ.
ލެވަންޑޮސްކީގެ ޕެނަލްޓީ ހުއްޓުވި އޮޗޯއާ އަކީ 1966 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް، ވޯލްޑް ކަޕުގެ މެޗެއްގެ ތެރިއިން (ޕެނަލްޓީ ޝޫޓް އައުޓް ނުލައި) ޕެނަލްޓީއެއް ދިފާއުކުރި މެކްސިކޯގެ ފުރަތަމަ ގޯލް ކީޕަރު.

64 ވަނަ މިނެޓު: މެކްސިކޯގެ ނުރައްކާތެރި ހަމަލާއެއް. އޭރިއާ ބޭރުން އެލެކްސިސް ވޭގާ ފޮނުވާލި ބާރު ހަމަލާއެއް، އޭރިއާ ތެރޭގައި ހުރި މެކްސިކޯގެ އިތުރު ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ގޯލާއި ދިމާލަށް މިސްރާބު ބަދަލުވެގެން ދަނިކޮށް ޕޮލެންޑުގެ ކީޕަޕު ޝެޒްނީ ވަނީ ދިފާއުކޮށްފަ. ޝެޒްނީގެ މޮޅު ސޭވް އެއް.
މިއީ މިހާތަނަށް ލެވަންޑޮސްކީ ޕޮލެންޑުގެ ޖާޒީގައި ފޮނުވާލި 14 ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވުނު ދެވަނަ ޕެނަލްޓީ.

ލެވަންޑޮސްކީގެ ޕެނަލްޓީ ހުއްޓުވާ، މެކްސިކޯގެ އިތުބާރު ކީޕަރު އޮޗޯއާ މެކްސިކޯ އަށް އިތުބާރު ހޯދައިދީފި.
ވީއޭއާރް ބެލުމަށްފަހު ލެވަންޑޮސްކީ އަށް މެކްސިކޯގެ މޮރޭނޯ ފައުލްކުރި ކަމަށް ނިންމާ ޕޮލެންޑަށް ޕެނަލްޓީއެއް ދީފި. ޕެނަލްޓީ ފޮނުވާލަނީ ރޮބާޓް ލެވަންޑޮސްކީ.
ލެވަންޑޮސްކީ ހުއްޓުވަން އުޅުމުގެ ތެރޭގައި މެކްސިކޯގެ ކުޅުންތެރިން ފައުލް ކުރިތޯ ބެލުމަށް ވީއޭއާރުގެ އެހީ ހޯދަނީ. ޕެނަލްޓީއެއް ލިބުމުގެ ފުރުސަތު އެބައޮތް.
53 ވަނަ މިނެޓު: ދެވަނަ ހާފުގައި ޕޮލެންޑުގެ ނުރައްކާތެރި ފުރަތަމަ ހަމަލާ. އެޓީމމުގެ ތަރި ލެވަންޑޮސްކީ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަން ނަމަވެސް، މެކްސިކޯގެ ކުޅުންތެރިން ވަނީ އޭނާއަށް ބޯޅަ ލިބުމުގެ ފުރުސަތު ނުދީ ހިފަހައްޓާފަ.
ދެވަނަ ހާފު ފަށައިގެންވެސް އެޓޭކިންގް ވިސްނުމެއްގައި ހަމަލާތައް އުފައްދަން މަސައްކަތް ކުރަމުންދަނީ މެކްސިކޯ އިން. މި ހާފުގެ މިހާތަނަށް ގިނަވަގުތު ބޯޅަ އޮންނަނީވެސް ޕޮލެންޑުގެ ހާފުގެ ތެރޭގައި.
ޕޮލެންޑުން ދެވަނަ ހާފު ފެށީ ބަދަލަކާއި އެކު. ޒެލިއުސްކީގެ ބަދަލުގައި ކުޅެންއެރީ ކްރިސްޓިއަން ބިއެލިކް.

ޕޮލެންޑާއި މެކްސިކޯ ބައްދަލުކުރާ މެޗުގެ ދެވަނަ ހާފު ފަށައިފި.
މެކްސިކޯގެ ސަޕޯޓަރުން

މެކްސިކޯ އާއި ޕޮލެންޑް ބައްދަލުކުރާ މެޗުގެ ފުރަތަމަ ހާފު ނިމިއްޖެ. ދެޓީމުން ކުރެ ޓީމަކަށް އަދި ލަނޑެއް ކާމިޔާބު ނުކުރެވޭ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަވަގުތު ހަމަވެެއްޖެ. އިތުރުވަގުތުގެ ގޮތުގައި ދެ މިނެޓު.
މިހާތަނަށް އައި އިރު މެކްސިކޯ އިން ވަނީ ހަތަރު ހަމަލާއެއް އުފައްދާ އެއް ހަމަލާ ގޯލާއި އަމާޒުކޮށްލާފަ. ޕޮލެންޑަށް ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.
މެޗުގެ ޕޮޒެޝަން 63 އިންސައްތަ އާއިއެކު ޑޮމިނޭޓު ކުރަނީ މެކްސިކޯ އިން.
45 ވަނަ މިނެޓު: މެކްސިކޯގެ ޕްރެސިންގް ގޭމަށް ޕޮލެންޑުން ފަހަތަށް ޖެހި ކުޅެނީ ޑިފެންސިވް ގޭމެއް. ނަތީޖާއަކަށް ބަދަލެއް ނާދޭ.
30 މިނެޓުގެ ކުޅުން ހަމަވިއިރު ނަތީޖާއަކަށް ބަދަލެއް ނާދޭ. މޮޅަށް ކުޅެ ގިނަ ވަގުތު ބޯޅަ ހިފަހައްޓަނީ މެކްސިކޯ އިން. އެޓީމުން ވަނީ މިހާތަނަށް 60 އިންސައްތަ ޕޮޒެޝަން ޑޮމިނޭޓު ކޮށްފަ. މިހާތަނަށް ދެ ހަމަލާއެއް އެޓީމުން އުފައްދާފައިވާއިރު ޕޮލެންޑަށް ފޮނުވާލެވުނީ އެންމެ ހަމަލާއެއް. އެހެންނަމަވެސް ދެޓީމުން ކުރެ ޓީމަކަށް އަދި ގޯލާއި އަމާޒުވާގޮތަށް ބޯޅައެއް ފޮނުވާލެވިފައެއް ނުވޭ.
މެކްސިކޯއިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދަން ފުރުސަތު ތަނަވަސްކޮށްފަ.
މިހާތަނަށް އައިއިރު ޕޮލެންޑުން ހަތް ފައުލު ކޮށްފައިވާއިރު މެކްސިކޯގެ ކުޅުންތެރިން ފަސް ފައުލެއް ކޮށްފައިވޭ. މެކްސިކޯގެ ކުޅުންތެރިއަކަށް ރީނދޫ ކާޑެއްވެސް ދައްކާފައިވޭ.
10 ވަނަ މިނެޓު: ދެ ކުޅުންތެރިންވެސް ފަރުވާއަށްފަހު ކުޅުމުގައި ބައިވެރިވެއްޖެ. ކުޅުން ކުރިއަށް ގެންދަނީ.
ގާތްގާތުގައި ޕޮލެންޑަށް ތިން ކޯނަރު. ތިންވަނަ ކޯނަރުގައި މެކްސިކޯގެ ކުޅުންތެރިއަކާއި ޕޮލެންޑުގެ ކުޅުންތެރިއެއްގެ ބޯ ޖެހި، ކުޅުން މެދުކަނޑާލައިފި.
ކޯނަރުން ތަނަވަސްވި ފުރުސަތުގައި ލެވަންޑޯސްކީގެ ރަނގަޅު ހަމަލާއެއް. މެކްސިކޯގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި އަނެއްކާވެސް ކޯނަރަކަށް.
7 ވަނަ މިނެޓު: މެޗުގެ ފުރަތަމަ ކޯނަރު ޕޮލެންޑަށް.
މެޗު ފަށައިގެން މެކްސިކޯގެ ފަރާތުން މިހާތަނަށް ފެންނަނީ ބޮޑަށް ޕްރެސް ކޮށްގެން، އެޓޭކިންގް ގޭމެއް ކުޅެން މަސައްކަތް ކުރާތަން. މި މަސައްކަތުގައި އެޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ފުރުސަތުތަކެއް ތަނަވަސްކޮށްފައިވޭ.
މެޗުގައި ދެޓީމުން ބޭނުންކުރާ ފުރަތަމަ 11.
ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގައި މެކްސިކޯ އާއި ޕޮލެންޑް ބައްދަލުކުރާ މެޗު ފަށައިފި.
