22 Nov 2022, 22:58
އދ.ގެ ސަލާމަތީ މަޖިލީހާއި، ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ މެމްބަރު ކަމަށް ރާއްޖެއިން ވާދަކުރަން ނިންމައިފިއެވެ.
މި އިންތިޚާބުތައް ކާމިޔާބުކުރެވިއްޖެ ނަމަ އެކަން ވެގެންދާނީ އދ.ގެ މި ދެ ގުނަވަނުގެ މެންބަރު ކަމަށް ރާއްޖެ އިންތިޚާބުވާ ފުރަތަމަ ފަހަރަށެވެ.
ފޮރިން މިނިސްޓްރީން މިރޭ ބުނި ގޮތުގައި އދ.ގެ ސަލާމަތީ މަޖިލީހަށް ރާއްޖެއިން ކުރިމަތިލާން ނިންމާފައިވަނީ 2033 އިން ފެށިގެން 2034 ވަނަ އަހަރުގެ ދައުރަށެވެ. އަދި 2027 ވަނަ އަހަރުން ފެށިގެން 2029އަށް އެޖަމުއިއްޔާގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާން ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ މައިގަނޑު މަގުސަދުގެ ގޮތުގައި އޮންނަނީ ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމެވެ. އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ދައުރުގައި ރާއްޖެއާއި ބޭރު ދުނިޔެއާ ދޭތެރޭގައި އޮންނަ ގުޅުންތައް އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ ފުޅާވެ، ބަދަހިވަމުންނެވެ. އެގޮތުން ރާއްޖެއިން ހޯދާފައިވާ ކާމިޔާބުތަކަށް ބަލާލާއިރު، އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް އިންތިޚާބުވުން ފާހަގަ ކުރެވެއެވެ.