ބްރޯޑްކާސްޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދާދި ފަހުން ލިބިވަޑައިގެންނެވި، ކުރީގެ އިންފޯމޭޝަން މިނިސްޓަރު ސަމަރުބްލޫ އިބްރާހީމް މަނިކް (ސަމަރޭ) މިއަދު އަވަހާރަވުމާ ގުޅިގެން ތައުބީނުގެ ޖަލްސާއެއް ބާއްވަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އިބްރާހީމް މަނިކް އަވަހާރަވުމުން ތައުބީނުގެ ޖަލްސާއެއް ބާއްވައި ތައުޒިޔާގެ ދަފްތަރެއް ހުޅުއްވުމަށް ސަރުކާރުން ހަމަޖައްސައިފައިވާ ކަމަށެވެ.

އެގޮތުން އެކަން އިންތިޒާމު ކުރާނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަމަށް ސަރުކާރުން ބުންޏެވެ. އަދި ތައުޒިޔާގެ ދަފްތަރު ހުޅުވާނީ، ދިވެހިރާއްޖޭގެ އަޑުގައި ކަމަށާއި އެއީ، ދިވެހިރާއްޖޭގެ އަޑަކީ، އިބްރާހީމް މަނިކު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އިދާރާ ކަމަށް ވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިބްރާހީމް މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެ އާއިލާއަށް ތައުޒިޔާ ވެސް ވިދާޅުފައެވެ.

އެގޮތުން އިބްރާހީމް މަނިކަކީ، ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އަދި ހާއްސަކޮށް، ދިވެހިރާއްޖޭގެ އަޑުގައި އަމަލީގޮތުން ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަދި އާއްމުން ޝައުގުވެރިވި އެތައް ޕްރޮގްރާމްތަކެއް ހުށަހަޅުއްވައި، މި ދާއިރާއަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމްއަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އިބްރާހީމް މަނިކަށް، ބްރޯޑްކާސްޓިން ކޮމިޝަނުން ދޭ، ބްރޯޑްކާސްޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ސަމަރުބްލޫ އިބްރާހިމް މަނިކު --- ސަން ފޮޓޯ/ މުޙައްމަދު އާސިފް

ދިވެހި ރާއްޖޭގެ އަޑާ 1974 ވަނަ އަހަރުގެ ޖުލައި 24ގައި އިބްރާހީމް މަނިކު ގުޅިވަޑައިގަތީ އާދައިގެ ވަގުތީ ވަޒީފާއަކަށެވެ. އޭގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރެއްވިއިރު އެހާތަނަށް މީޑިއާގެ ތަޖުރިބާއެއްވެސް ލިބިވަޑައިގެންފައެއް ނުވެއެވެ. އަޑުގެ ވަގުތީ ވަޒީފާއިން ދާއިމީ ވަޒީފާއަށް ބަދަލުވީ 1976 ވަނަ އަހަރުއެވެ. ކުރެއްވި ބުރަ، އަދި އިހުލާސްތެރި މަސައްކަތްތަކާއެކު އަޑުގެ ވެރިޔާގެ މަގާމާ ހަމައަށް ވަޑައިގެންނެވިއެވެ.

އޭގެ ފަހުން 1980ގެ އަހަރުތަކުގެ ތެރޭގައި ޓީވީއެމްގެ ވެސް ވެރިޔާގެ މަގާމު ލިބިވަޑައިގެންނެވިއެވެ. އޭގެ ފަހުން އެ ދާއިރާގެ ވަޒީރުކަން ވެސް ކުރެއްވިއެވެ. ދެހާސް ހަވަނަ އަހަރު ޔޫތު މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން 32 އަހަރު އިބްރާހީމް މަނިކު ވަނީ މެދުކެނޑުމެއް ނެތި ބްރޯޑްކާސްޓިން ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވައިފައެވެ.