03 Dec 2022, 13:25
ނުވަ އަހަރަށް ފަހު މ. މުލިން ގޯތި ދޫކުރަން އެ ރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.
އެންމެފަހުން މުލިން މީހުން ދިރިއުޅެން ގޯތި ދޫކުރީ 2013ވަނަ އަހަރެވެ. އޭގެ ފަހުން ގޯތި ދޫކޮށްފައެއް ނުވެއެވެ.
އެ ރަށު ކައުންސިލްގެ ރައީސް ޝަމްއޫން ރަމީޒު މިއަދު "ސަން"އަށް ވިދާޅުވީ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލުމަކީ ރަށުގެ ރައްޔިތުން އެދެމުން އައި ކަމެއް ކަމަށެވެ.
އެހެންނަމަވެސް އެ ކަން ކުރުން ލަސްވީ ލާމަރުކަޒީ ގާނޫނު އުފެދި، ކައުންސިލުން އެކުލަވައިލައިފައިވާ ރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ލަސްވުމުންނެވެ.
"ލޭންޑް ޔޫސް ޕްލޭން ފާސްކުރަން އަސްލު ގިނަ ވަގުތުތަކެއް މިދިޔައީ. އަޅުގަނޑުމެން ބޭނުންވަނީ މި ކަން އެއްވެސް މައްސަލައެއް ނާންނަހެން ކުރަން،" ޝަމްއޫން ވިދާޅުވިއެވެ.
މުލިން މި ފަހަރު 2،000 އަކަފޫޓުގެ 135 ގޯތި ދޫކުރާނެއެވެ. އޭގެ ތެރެއިން 10 ގޯތި ޚާއްސަކޮށްފައިވަނީ އެ ރަށަށް ހިޖުރަ ކުރަން ބޭނުންވާ ރަށުން ބޭރު މީހުންނަށެވެ. އެއީ އެ ރަށުގެ އާބާދީ އިތުރުކުރުމުގެ ބޭނުމުގައިކަމަށް ޝަމްއޫން ވިދާޅުވިއެވެ.
ޝަމްއޫން ވިދާޅުވި ގޮތުގައި މިއީ އެ ރަށުގެ އިގްތިސާދަށާއި އިޖްތިމާއީ ހާލަތަށް ކުރިއެރުންތަކެއް އަންނާނެ ކަމެކެވެ.
"މިހާރު އެއް ގެއެއްގެ ތެރޭގައި އެބައުޅޭ ހަތަރު ފަސް އާއިލާ ވެސް. ދަތިކޮށް އުޅޭ މީހުން އެބައުޅޭ،" ޝަމްއޫން ވިދާޅުވިއެވެ.
މާދަމާއިން ފެށިގެން ގޯއްޗަށް އެދި ފޯމު ހުށަހެޅޭނެއެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށެވެ.