ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެންމެ ވަރުގަދަ ސާޗް އިންޖީނު ކަމަށްވާ ގޫގުލް ސާޗްއިން އިންފިނިޓް ނުވަތަ ދިގުދެމިގެންދާ ސްކްރޯލިން ފީޗާ، ޑެސްކްޓޮޕް ބްރައުޒާއަށްވެސް ތައާރަފުކޮށްފިއެވެ.

ގޫގުލް އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޑެސްކްޓޮޕްގައި އިންފިނިޓް ސްކްރޯލިން ފީޗާ މިވަގުތު ބޭނުން ކުރެވޭނީ އެމެރިކާގައި އެކަނި ކަމަށެވެ. އަދި އެ ފީޗާ މިވަގުތަށް ޚާއްސަ ކޮށްފައި ވަނީ އިނގިރޭސި ބަހުން ކުރާ ގޫގުލް ސާޗްތަކަށް އެކަނި ކަމަށް ވެސް އެ ކުންފުނީގެ ޓުވީޓުގައިވެއެވެ.

އެ ފީޗާ އެހެން ގައުމުތަކަށް ތައާރަފު ކުރާނެ ތާރީޚެއް ގޫގުލްއިން އަދި ހާމަނުކުރެއެވެ.

ޑެސްކްޓޮޕްއިން ގޫގުލް ސާޗް މެދުވެރިކޮށް އެއްޗެއް ހޯދަން މަސައްކަތް ކުރާއިރު މިހާރު ފެންނާނީ ނުވަ ވަރަކަށް ލިންކު ދައްކުވައިދޭ ވަކިވަކި ޕޭޖުތަކެވެ. އިތުރު ލިންކުތައް ހޯދަން ބޭނުން ނަމަ ޖެހޭނީ ޕޭޖުގެ ތިރިއަށް ގޮސް، ޖެހިގެން އޮންނަ ޕޭޖަކަށް ދާން ނަމްބަރަކަށް ފިތާށެވެ.

ޑެސްކްޓޮޕް ވެބަށް އިންފިނިޓް ސްކްރޯލިން ތައާރަފު ކުރުމުން، ގޫގުލް ސާޗްގެ ނަތީޖާގެ ގޮތުގައި އާންމުކޮށް ހަ ޕޭޖުން ދައްކުވައިދޭ ލިންކުތައް އެއް ޕޭޖަކުން ދައްކާނެއެވެ. އެގޮތުން ކޮމްޕިއުޓަރުގެ މައުސްއިން ތިރިއަށް ސްކްރޯލް ކުރިވަރަކަށް ފެންނަމުންދާ ލިންކުތައް އިތުރުވަމުން ދާނެއެވެ.

ގޫގުލްއިން ވަނީ މޯބައިލް ބްރައުޒާއަށް މިހާރު ވެސް އިންފިނިޓް ސްކްރޯލިން ތައާރަފުކޮށްފައެވެ. އެހެންކަމުން ފޯނުގައި ގޫގުލް ސާޗް މެދުވެރިކޮށް ސްކްރޯލް ކުރިވަރަކަށް ލިންކުތައް އިތުރަށް ފެންނާނެއެވެ. އެކަމަކު އެއީ ހުސްވުމެއް ނެތް ލިންކުތަކެއް ނޫނެވެ. އެ ލިންކުތައް ވެސް ވަކި ހިސާބަކުން ހުއްޓޭނެއެވެ.