އަތޮޅުތެރޭގައި އެޅުމަށް ނިންމާފައިވާ ހަ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދުމަށް އިތުރު ދެ ކުންފުންޏާއެކު ޕްލޭނިން މިނިސްޓްރީން ސޮއި ކޮށްފިއެވެ.

ސަރުކާރުން އެއާޕޯޓް އެޅުމަށް އިއުލާނުކޮށްފައިވާ ރަށްތަކަކީ ށ. ބިލެތްފަހި، ބ. ތުޅާދު، ތ. ވިލުފުށި، ފ.މަގޫދޫ، ހދ. މަކުނުދުއެވެ. މީގެ އިތުރުން ރ އަތޮޅު ދެކުނު ބިތުގެ ރަށެއްގައި ވެސް އެއާޕޯޓެއް އެޅުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މި ރަށުގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެ ރަށްތަކުގެ ތެރެއިން ދެ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅަން ޕްލޭނިން މިނިސްޓްރީއިން ވަނީ މީގެ ކުރިން މުނި އެންޓަޕްރައިސަސް އާ ދެމެދު ފައިނޭންސިން އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ.

ބުރާސްފަތި ދުވަހު އިތުރު ދެ ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު އެއީ އިންޑިއާގެ ޓަމިލްނާޑު ކުންފުންޏެއް ކަމަށްވާ ރޭންކް ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑާއި އަންގިރި ރިސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑެވެ.

ޕްލޭނިންގް މިނިސްޓްރީ އިންޑިއާގެ ކުންފުންޏާ ދެމެދު ފައިނޭންސިންގ އެގްރިމެންޓުގައި ސޮއި ކުރަނީ--- ފޮޓޯ/ ޕްލޭނިންގް މިނިސްޓްރީ

އެ އެއްބަސްވުމުގެ ދަށުން ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދުމަށް ހަމަޖެހިފައިވެއެވެ.

ސަރުކާރުން ވަނީ މި ރަށްތަކުގައި އެއާޕޯޓު އެޅުމަށް ހިނގާނެ ޚަރަދުތައް ލަފާކޮށްފައެވެ.

އެގޮތުން މަކުނުދޫ އެއާޕޯޓަށް 23.3 މިލިއަން ޑޮލަރު، ބިލެތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު، ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު، ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު އަދި މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރުގެ އިތުރުން ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް 23.6 މިލިއަން ޑޮލަރުގެ ޚަރަދުވާނޭކަމަށް ސަރުކާރުން ލަފާކުރެއެވެ.