11 Dec 2022, 09:15
ބޮލީވުޑްގެ އެންމެ މަގުބޫލު ޒުވާން އެކްޓަރުންގެ ތެރޭގައި މިހާރު ހިމެނޭ ޖާންވީ ކަޕޫރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ޖާންވީ ކަޕޫރު ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އައިސްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އެ އަށްފަހު އޭނާގެ ދަތުރުގެ ވާހަކަތައް އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ޖާންވީއަށް ރާއްޖެ ކަމުގޮސްފައިވާ ކަން އޭނާގެ ޕޯސްޓުތަކުގައި އަންނަނީ ބުނަމުންނެވެ. އެގޮތުން ރާއްޖޭގެ ކަނޑުތަކުގެ ރީތިކަމާއި ވަށައިގެންވާ މާހައުލަށް އޭނާ ވަނީ ތައުރީފުކޮށްފައެވެ.
ޗުއްޓީގެ ދުވަސްތައް ހޭދަކޮށްލުމަށް ޖާންވީ ރާއްޖެ އައިސް މަޑުކޮށްލައިގެން ހުރީ ސޮނެވާ ޖާނީގައެވެ. ނަމަވެސް އޭނާ ރާއްޖެ އައިސްފައިވަނީ އިތުރު މީހަކާއެކުގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އަދި ރާއްޖެ އައިސް އެނބުރި އިންޑިއާއަށް ދިޔުމަށް ހަމަޖެހިފައިވާ ދުވަހެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. ބައެއް ދުވަސްވަރާ ދިމާކޮށް ކޮންމެ އަހަރެއްގައި ވެސް ބޮލީވުޑްގެ ބޮޑެތި ތަރީން ރާއްޖެއަށް ޗުއްޓީއަށް އާދެއެވެ. ގިނަ ފަހަރަށް އަންނާނީ މި ތަރިންގެ އެންމެ ގާތް މީހުންނާއި އާއިލާއާއެކުގައެވެ.
މިއީ ޖާންވީ ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އައި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މިދިޔަ އަހަރުގެ ކުރީކޮޅުގައި ވެސް އޭނާ ވަނީ ރާއްޖެއަށް އައިސްފައެވެ.
ބޮލީވުޑްގެ އައިކަން ސްރީ ދޭވީގެ ދަރިފުޅު ޖާންވީ ބޮލީވުޑަށް ނިކުމެފައިވަނީ 2018 ވަނަ އަހަރު ނެރުނު ފިލްމު "ދަޅަކް" އާއެކުގައެވެ. އެއަށްފަހު ތަފާތު ޖޯންރާގެ ފިލްމުތަކުން އޭނާ ވަނީ ފެނިގެން ގޮސްފައެވެ. މިއަހަރު ނިމެން ކައިރި ވެފައިވާއިރު އަންނަ އަހަރުގެ ތެރޭގައި ވެސް އޭނާ ދެ ފިލްމަކުން ފެނިގެންދާނެއެވެ. އެއީ "ބަވާލް" އާއި "މިސްޓަ އެންޑް މިސިސް މާހީ"އެވެ.