12 Dec 2022, 10:01
މީގެ ކުރިން އެކްޓަރު ވަރުން ދަވަން މުހިންމު ރޯލްއަކުން ފެންނާނެކަމަށް ރިޕޯޓުތަކުން ބުނި ފިލްމު "އެއްކީސް"އިން އެ އެކްޓަރު ވަކިވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުގައި ވަރުންގެ ބަދަލުގައި ފިލްމުން ފެންނާނީ އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތުޔާ ނަންދާއެވެ. އަގަސްތުޔާ ނަންދާއަކީ އަމީތާބް ބައްޗަންގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަންގެ ކުއްޖެކެވެ. ފިލްމުގައި އަގަސްތުޔާ ލީޑް ރޯލްއިން ފެންނާނެކަން ޕްރޮޑިއުސަރު ދިނޭޝްއާއި ޑައިރެކްޓަރު ސްރީރާމްވަނީ ކަށަވަރުކޮށްދީފައެވެ.
އަގަސްތުޔާ ނަންދާ މި ފިލްމުގެ ލީޑްއަށް ހޮވާފައިވާއިރު ޕްރޮޑިއުސަރު ޒޯޔާ އަޚްތަރު ނެޓްފްލިކްސްއަށް އުފައްދާ ފިލްމެއްގައިވެސް އަގަސްތުޔާ އަންނަނީ މަސައްކަތްކުރަމުންނެވެ. މަޝްހޫރު ކޮމިކް "އާޗީޒް" އަސްލަކަށް ބަލައިގެން ތައްޔާރުކުރާ މިއުޒިކަލް ފިލްމަކީ އަގަސްތުޔާ ބޮލީވުޑަށް ތައާރަފުވާނެ ފިލްމެވެ.
ފިލްމު "އެއްކީސް"އަކީ، އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ އެ ގައުމުގެ މިލިޓަރީ އޮފިސަރު ލެފްޓިނެންޓް އަރުން ޚެތާޕަލްގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެކެވެ. މިބައޯޕިކްގައި އަރުންގެ މިލިޓަރީ ހަޔާތުގައި ގައުމަށްޓަކައިވި ގުރުބާނީތަކުގެ އަސަރުގަދަ ވާހަކަތައް ކިޔައިދޭނެއެވެ.
މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި އެކްޓަރު ވަރުންގެ ބަދަލުގައި އަގަސްތުޔާ ފިލްމަށް ހޮވާފައިވަނީ ޒުވާން އާ މޫނެއް މިރޯލަށް ފިޓްކުރުމުގެ މަގުސަދުގައެވެ. ލެފްޓިނެންޓް އަރުން ގައުމަށްޓަކައި ޝަހީދުވިއިރު އުމުރުން 21 އަހަރެވެ. އެހެންކަމުން 35 އަހަރުވެފައިވާ ވަރުން ދަވަން އަރުންގެ ރޯލަށް މިހާރު ނުފެތޭނެކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ދެކޭ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
މީގެ ތިން އަހަރު ކުރިން ފިލްމު އިއުލާނުކުރިއިރު ވަރުން ފިލްމުގައި ކުޅޭ ރޯލަށް ފިޓްވާނެކަމަށް ގަބޫލުކުރެވުނަސް ތިން އަހަރު ފަހުން އެކްޓަރުގެ ހަށިގަނޑަށްވެސް ބޮޑެތި ބަދަލުތަކެއްވަނީ އައިސްފައެވެ. ޚާއްޞަކޮށް ދާދިފަހުން ރިލީޒްވި ފިލްމު "ބޭޅިޔާ"ގެ ރޯލަށް ފިޓްވުމަށް ވަރުންވަނީ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައެވެ.
މިފިލްމުން ވަރުން ވަކިވިނަމަވެސް ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރާ މެދު އޮންނަ ގާތް ގުޅުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ވަރުން ދަވަންގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭގައި، ޕޯސްޓް ޕްރޮޑަކްޝަންގެ މަރުހަލާގައި އޮތް ފިލްމު ބަވާލް ހިމެނެއެވެ.