14 Dec 2022, 18:07
ރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރި ތާރީޚަށް މިހާރު 50 އަހަރު ވެފައިވާއިރު، ދެ ގައުމުގެ ގުޅުމަކީ އެހެން ގައުމުތަކަށް މިސާލެއްކަން ހާމަކޮށްދީފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީިރު، ވަން ލީޝިން ވިދާޅުވެއްޖެއެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއާ ގުޅޭ ގޮތުން މިއަދު ހޮޓެލް ޖެންގައި ބޭއްވި ވިޔަފާރި ފޯރަމެއްގައި ސަފީރު ވިދާޅުވީ ރާއްޖެ އާއި ޗައިނާއިން އަބަދުވެސް އެއް ގައުމުން އަނެއް ގައުމަށް އިޙުތިރާމްކޮށް، ހިތްވަރުދޭ ކަމަށެވެ.
އެކަން އެންމެ ބޮޑަށް ފެނުނީ ކޮވިޑް-19ގެ ދުވަސްވަރުކަން ފާހަގަ ކުރައްވަމުން ސަފީރު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ދެ ގައުމުން ވެސް "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްސް"ގެ އައު ބާބެއް ހުޅުވާފައިވާ ކަމަށެވެ.
"ޗައިނާއިން ކޮވިޑްގެ ވެކްސިންގެ 200،000 ޑޯޒްގެ އިތުރުން ބަލިމަޑުކަން ފެތުރުން ހުއްޓުވަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި ރާއްޖެއަށް ކޮވިޑްގެ ތެރޭގައި ފޯރުކޮށްދީފައިވޭ،" ސަފީރު ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ރާއްޖޭގައި ޗައިނާގެ އެހީތެރިކަމާއެކު ނުވަތަ ޗައިނާގެ ކުންފުނިތަކުން ހިންގި އަދި ހިންގަމުންދާ ބައެއް މަޝްރޫއުތަކަށް އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން ސަފީރު ވިދާޅުވީ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް"ގެ ދަށުން ހިންގި މުހިންމު މަޝްރޫއެއް ކަމަށްވާ ސިނަމާލެ ބްރިޖު އެޅުމުގެ މަސައްކަތަކީ ދެގައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއް ކަމަށެވެ. އަދި އެންމެ ހަތަރު އަހަރު ތެރޭގައި އެ ބްރިޖުން 100 މިލިއަން މީހުން ހުރަސްކޮށްފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި 11،000އަށް ވުރެ ގިނަ ސޯޝަލް ހައުސިން ޔުނިޓުތައް އަޅާފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ ސަބަބުން ރާއްޖެއަށް ލިބުނު ކުރިއެރުންތައް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑު ކުރުމުގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުގެ ގާބިލްކަން ދެގުނައަށް އިތުރުވެގެން ދިޔަ، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި އިޝްތިހާރުކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" ސަފީރު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ޗައިނާގެ ކުންފުނިތަކުން ރާއްޖޭގެ އެކި މަޝްރޫއުތަކުގައި ބައިވެރިވިކަން ސަފީރު ފާހަގަ ކުރިއެވެ. އޭގެ ތެރޭގައި އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މަޝްރޫއުތަކާއި އޮފީސްތަކުގެ އިމާރަތްތައް އެޅުމާއި ކުނި ނައްތާލުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޗައިނާ އާއި ރާއްޖޭގެ ގުޅުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ރާއްޖޭގެ ރައްޔިތުންނަށް އޭގެ ބޮޑެތި ފައިދާތަކެއް ކުރި،" ސަފީރު ވިދާޅުވިއެވެ.
"ބެލްޓް އެންޑް ރޯޑް"ގެ ޖޮއިންޓް ކޮންސްޓްރަކްޝަން ބިޒްނަސް ފޯރަމަކީ ރާއްޖޭގައި ހުޅުވިފައިވާ ވިޔަފާރީގެ ފުރުސަތުތަކާއި، ރާއްޖޭގައި އިންވެސްޓްކުރުމަށް ކުރެވޭނެ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ބަދަލުކުރުމަށް ބޭއްވި ފޯރަމެކެވެ.