18 Dec 2022, 10:13
ތަމަޅަ، ތެލުގޫ އަދި މަލަޔާލަމް ފިލްމުތަކުން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ހުނަރުވެރި ބަތަލާ, ނަޔަންތާރާގެ ކުރިއަށް އޮތް ފިލްމު "ކަނެކްޓް"ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.
ހިންދީ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވެސް މަޤުބޫލު މިބަތަލާގެ ފިލްމު "ކަނެކްޓް" ތަމަޅަ ބަހުން ރިލީޒްކުރުމަށްފަހު އެއް ހަފުތާ ފަހުން ހިންދީ ބަހުން ރިލީޒްކުރުމަށް ވަނީ ތައްޔާރުވެފައެވެ. ބިރުވެރި ޙާދިސާތަކެއް އެކުލެވިގެންވާ މި ފިލްމުގައި ބަތަލާ ނަޔަންތާރާގެ އިތުރުން ފެނިގެންދާނީ، ސަތްޔާރާޖް، އަނޫޕަމް ޚޭރް އަދި ވިނޭ ރާއީއެވެ.
މި މަހުގެ 30 ވަނަ ދުވަހު ފިލްމު ސިނަމާގައި އަޅުވާއިރު ރިލީޒް ކޮށްފައި ވަނީ ވެސް ހިންދީ ބަހުން ގެނެސްދީފައިވާ ޓްރެއިލާއެކެވެ.
ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު އަޝްވިން ސަރަވަން މި ފަހަރު ކިޔައިދެނީ، ކޮވިޑް19އިގެ ބަލިމަޑުކަމުގެތެރޭގައި ދަތުރުކުރަމުން ދިޔަ އުފާވެރި ޢާއިލާއަކަށް ދިމާވާ ބިރުވެރި ޙާދިސާތަކެއްގެ ވާހަކައެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ކަންބޮޑުވުންތަކުގެ އިތުރުން، އެހެން ބިރުވެރި ކަންތައްތަކެއް ދިމާވާ މި އާއިލާ އެކަންކަމުން އަރައިގަންނަން ކުރާ މަސައްކަތްތައް ފިލްމުގައި ދައްކުވައިދޭނެއެވެ. ފިލްމުގައި ބަތަލާ ނަޔަންތާރާ ފެނިގެންދާނީ ޢާއިލާގައި ހިމެނޭ ޒުވާން އަންހެންކުއްޖާގެ މަންމަގެ ރޯލްއިންނެވެ.
މި ފިލްމުގެ ހިންދީ ބައެއް ރިލީޒްކުރުމަށް ނިންމާފައިވަނީ ފިލްމުގެ ޓްރެއިލާ ރިލީޒްވުމާއެކު ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުޙީބަށް ބެލުމަށް ފަހުގައެވެ.
މީގެ ކުރިން ވެސް ބަތަލާ ނަޔަންތާރާ ވަނީ ޑައިރެކްޓަރު އަޝްވިން ސަރަވަނަންއާއެކު މަސައްކަތްކޮށްފައެވެ. އެއީ 2015 ވަނަ އަހަރު ރިލީޒްވި "މާޔާ" ނަމަކަށް ކިޔާ ފިލްމަކުންނެވެ. ފިލްމު "ކަނެކްޓް"އަކީ ނަޔަންތާރާއަށް ވަރަށް ޚާއްޞަ ފިލްމެއް ވެސް މެއެވެ. ސަބަބަކީ، މިއީ ބަތަލާ ޒަވާޖީ ޙަޔާތެއް ފެށުމަށް ފަހު ފިރިމީހާ އަދި ފިލްމު ޕްރޮޑިއުސަރު ވިގްނޭޝް ޝިވަންއާއެކު މަސައްކަތްކުރާ ފުރަތަމަ ފިލްމަށްވުމެވެ.
ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ވިގްނޭޝްއާ ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު ދެ މީހުން ކައިވެނިކުރީ މި އަހަރުގެ ޖޫން މަހުގެ ވަނަ ދުވަހުއެވެ. މި އަހަރުގެ އޮކްޓޯބަރު މަހު ދެމަފިރިން ވަނީ އެއް މާބަނޑު ދެ ކުދިން ޢާއިލާއަށް އިތުރުވިކަމުގެ އުފާވެރި ޚަބަރު ފޭނުންނާ ޙިއްސާކޮށްފައެވެ.
ބަތަލާ ނަޔަންތާރާގެ ކުރިޔަށް އޮތް ހިންދީ ފިލްމު "ޖަވާން"އަކީ ބެލުންތެރިން އެންމެ އިންތިޒާރުކުރާ އެއްފިލްމެވެ. ޑައިރެކްޓަރު އަޓްލީގެ މި ފިލްމުގައި ނަޔަންތާރާއާއެކު ފެނިގެންދާނީ އެކްޓަރު ޝާހްރުކް ޚާންއެވެ.