ކުޑަކުދިންގެ މެދުގައި އެތައް އަހަރެއް ވަންދެއް މަގުބޫލުކަން ހޯދާފައިވާ "ބާބީ" ކެރެކްޓަރަށް ބިނާކޮށް އުފައްދާ ފިލްމުގެ ފުރަތަމަ ޓީޒާ އާންމުކޮށްފިއެވެ.

ގްރެޓާ ގާވިގް ޑައިރެކްޓް ކުރާ ބާބީ ފިލްމަކީ މެޓެލްގެ ބާބީ ބުދަށް މުޅިން އާ ވާހަކައެއް ދިނުމަށް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމު އިއުލާން ކުރުމާއެކު އެތައް ބަޔަކު އަންނަނީ ފިލްމަށް އިންތިޒާރު ކުރަމުންނެވެ.

ފިލްމުގެ ކޮންސެޕްޓަކީ ވަރަށް ތަފާތު ކޮންސެޕްޓަކަށް ވެފައި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހުސް އޭ ލިސްޓު ހޮލީވުޑް ތަރިން ހިމެނުމަކީ މި ފިލްމަށް އޮތް ޝައުގުވެރިކަން އިންތިހާއަށް ބޮޑުވި ކަމެކެވެ.

ބާބީގެ ރޯލުން ފެނިގެން ދާނީ މަޝްހޫރު އެކްޓަރު މާގޯ ރޮބީއެވެ. އަދި ކެންގެ ރޯލުން ފެނިގެން ދާނީ ރާޔަން ގޮސްލިންއެވެ. ފިލްމުގެ އިތުރު ބާބީ ކެރެކްޓަރުންގެ ރޯލުން ވިލް ފެރެލް އާއި އިސާ ރޭގެ އިތުރުން ސިމު ލޫ އާއި ޝޫޓީ ގަޓްވާ އަދި ކޭޓް މިކެނަން ފެނިގެންދާނެއެވެ.

ވޯނާބްރޮސް އިން އުފައްދާ މި ފިލްމުގެ ފުރަތަމަ ޓީޒާ އިން ތަފާތު މަންޒަރުތައް ފެނިގެންދެއެވެ. އެގޮތުން ބާބީ ކެރެކްޓަރު ތަކާއި ބާބީ ދިރިއުޅޭ ތަންތަން ހުންނާނެ ގޮތް ވެސް ޓްރެއިލާއިން ފެނިގެންދެއެވެ. ކުރީގެ ބާބީގެ އިޝްތިހާރުތަކަށް މި ޓީޒާގައި ހަޖޫ ޖަހައެވެ.

ކުރީގެ ބާބީ އިޝްތިހާރުތަކުގައި ހުރި މައްސަލަތައް މި ޓީޒާގައި ފާހަގަކުރެއެވެ. ފިލްމުގެ ޓިޒާއަށް ސޯޝަލް މީޑިއާގައި ލިބެމުން އަންނަނީ ވަރަށް ޕޮޒިޓިވް ރިވިއުތަކެކެވެ. ނަމަވެސް ފިލްމަށް ލިބޭ ކާމިޔާބީއެއް އެނގޭނީ ފިލްމު ދައްކަން ފެށުމުންނެވެ.

ބާބީގެ ފިލްމު ސިނަމާތަކުގައި ދައްކަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 21 އިން ފެށިގެންނެވެ.