އަންނަ ޖެނުއަރީ އެކަކުން ފެށިގެން ޖީއެސްޓީ ނަގާ ރޭޓު ބަދަލުވުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި، ޓެކުހާ ގުޅޭ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ހަފުތާގެ ތެރޭގައި އިތުރު ފަސް ރަށަކަށް ދިއުމަށް ނިންމައިފިއެވެ.

މީރާގެ ކޮމިޝަނަ ޖެނެރަލް ޓެކްސޭޝަން ފަތުހުﷲ ޖަމީލު މިއަދު "ސަން"އަށް ވިދާޅުވީ ޖީއެސްޓީ ނަގާ ރޭޓު ބަދަލުވުމާއި ޓެކުހާ ގުޅޭ މައުލޫމާތު ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ވަކިވަކި ފިހާރަތަކަށް ގޮސް މައުލޫމާތު ދިނުމާއި އަތޮޅުތަކަށް މީރާގެ ޓީމުތައް ފޮނުވައިގެން ވެސް އެކަމަށް ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް ސެޝަންތައް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުހުﷲ ވިދާޅުވީ މި ހަފުތާގެ ތެރޭގައި މީރާއިން ދިއުމަށް ހަމަޖެހިފައިވަނީ ފަސް ރަށަކަށް ކަމަށެވެ. އެގޮތުން ދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ގއ. މާމެންދޫ، ފ. ބިލެއްދޫ، އދ. ދަނގެތި، ނ. ވެލިދޫ އަދި މ. މުލަށް ހިމެނެއެވެ. އެ ރަށްތަކަށް މީރާގެ ޓީމުތައް ދިއުމަށް ނިންމާފައިވާއިރު މީގެ ކުރިން ވެސް މީރާއިން ވަނީ އަތޮޅުތެރެއަށް އެ އޮތޯރިޓީގެ ޓީމުތައް ފޮނުވައި މައުލޫމާތު ދީފައެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ބުރާސްފަތި ދުވަހަށް މީރާގެ ޓީމުތައް ކުރި ދަތުރުގައި ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ޅ. ހިންނަވަރު، ގދ. ހޯޑެއްދޫ އަދި ލ. އިސްދޫ/ ކަލައިދުއަށް ވަނީ ޒިޔާރަތް ކޮށްފައެވެ.

އޭގެ އިތުރުން މީރާއިން ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އައު ރޭޓުތަކުގައި ޖީއެސްޓީ ނެގުމަށް ޓަކައި ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގުޖެހުމަށް ކުރަންޖެހޭ ކަންކަން ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރާ ބިލް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިދިޔަ މަހު ތަސްދީގުކުރެއްވުމާ ގުޅިގެން ޖެނުއަރީއިން ފެށިގެން ޓޫރިޒަމްގެ ބޭނުންތަކަށް ހިންގާ ރިސޯޓުތަކާއި ހޮޓާތަކާއި، ގެސްޓު ހައުސްތަކާއި އެ ނޫން ވެސް ތަންތަނުން ނުވަތަ ޓޫރިސްޓު ޚިދުމަތްތަކުން ނަގާ ޓެކްސް 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުވާނެއެވެ.

ހަމައެއާއެކު އާންމު ޚިދުމަތްތަކާއި މުދަލުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ޖެނުއަރީއިން ފެށިގެން ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުވާނެއެވެ.