21 Dec 2022, 10:19
އާންމުކޮށް ކައި އުޅޭ އެއްޗެހިންނާއި ކެއުމުގެ އާދަތަކުގެ ސަބަބުން މޭ އެންދުން ނުވަތަ ހާޓްބާން އަކީ ދޭތެރެ ދޭތެރެއިން ގިނަ ބަޔަކަށް ތަހައްމަލު ކުރަން ޖެހޭ ވޭނެކެވެ. މޭ އެންދުމަކީ ވޭން ހުރި ކަމެކެވެ. މިކަމަށް އަވަސް އަދި ފަސޭހަ ހައްލެއް އެބައޮތެވެ.
ގިނަ ފަހަރަށް ރޭގަނޑުގެ ކެއުމުގެ އާދައިގެ ސަބަބުން ނިދުމުގެ ކުރިން މޭ އެންދުމަކީ ވަރަށް ގިނަ ބަޔަކަށް ތަހައްމަލު ކުރަން ޖެހޭ އިހުސާސެކެވެ. މިއީ ވަރަށް އާންމު ކަމެކެވެ.
އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް އޮފް ހެލްތު (އެންއައިއެޗް) އިން އާންމުކޮށްފައިވާ ގޮތުގައި އެގައުމުގައި އެކަނިވެސް ކޮންމެ މަހަކު މޭ އެންދުން އިހުސާސް ކުރާ މީހުންގެ އަދަދު 60 މިލިއަނުން މައްޗަށް އަރައެވެ. އަދި އެންއައިއެޗް އިން ބުނާގޮތުގައި ބައެއް މީހުން ކޮންމެ ދުވަހެއްގައި ހެން މޭ އެންދުން އިހުސާސް ކުރަން ޖެހެއެވެ.
"މޭ އަންދަން އަސްލު މެދުވެރި ވަނީ ބަނޑުގައި ހުންނަ އެސިޑްތައް ކާ އެއްޗެހީގެ ހޮޅިއަށް ނުވަތަ ފުޑް ޕައިޕަށް އެޅުމުން. މީގެ ސަބަބުން އިންސާނާގެ މެއަށް ތަދުވެ ރިއްސާ އިހުސާސް ކުރާނެ،" ގޭސްޓްރޯއެންޓްރޯލޮޖިސްޓެއް ކަމަށްވާ ޑރ. މާކް ޕިމެންޓަލް ބުނެފައިވެއެވެ.
މޭ އެންދުމުގެ ސަބަބުން ގިނަ ފަހަަރަށް ކަރުތެރެއާއި އަނގައިގައި ހިތި ރަހަ ލާފައި ހުންނާނެ ކަމަށް ޕިމެންޓަލް ފާހަގަކުރެއެވެ. މި އިހުސާސް ގިނަ ފަހަރަށް ކުރެވޭނީ ކެއުމުގެ ފަހުން ކަމަށާއި ގިނަ ފަހަރަށް ރޭގަނޑު ކަމަށް އޭނާ ބުނެއެވެ.
އިތުރު ޑޮކްޓަރެއް ކަމަށްވާ ވިވެކް ޝެރިއަން ބުނާގޮތުގައި މޭ އެނދުމުން އެހީތެރިވުމަށް ގިނަ ކަންތައް ކުރެވޭނެއެވެ. އޭނާ އެންމެ ފުރަތަމަ ލަފާ ދެނީ ބަނޑަށް ބާރުވާ އެއްޗެހި ލުން މަދު ކުރުމަށެވެ. އަދި ހާއްސަކޮށް ކާއިރު ބަނޑަށް ދޫ އެއްޗެހި ލައިގެން ކެއުމަކީ މޭ އެނދުމުގެ އިހުސާސް ކުޑަކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް ޝެރިއަން ފާހަގަކުރެއެވެ.
ކެއުމަށްފަހު ވަގުތުން ތަނެއްގައި އޮށޯތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއެވެ. އެހެންވީމާ ކެއުމަށްފަހު އެންމެ މަދުވެގެން ދެ ވަރަކަށް ގަޑިއިރު ތަނެއްގައި އޮށޯވެ އޮތުމާ ދުރުވުމަށް ޑރ. ޝެރިއަން ލަފާ ދެއެވެ. އޭގެ ބަދަލުގައި ކެއުމަށްފަހު ހިނގުން ނުވަތަ ތެދަށް އިށީނދެ އިނުމަށް އޭނާ ހަނދާން ކޮށްދެއެވެ.
ޗުއިން ގަމް ބޭނުން ކުރުމަކީ ވެސް މޭ އެނދުމުގެ އުނދަގޫ ޖެހުމުގެ ކުރިން އެކަން ކުޑަ ކުރުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށް ވެސް އޭނާ ފާހަގަކުރެއެވެ.
ލަންޑަންގެ ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިން އަށް ޝާއިއު ކުރި ދިރާސާއެއްގައި ބުނާގޮތުން ކެއުމަށްފަހު 30 މިނެޓު ވަންދެއް ޗުއިން ގަމް ބޭނުން ކުރާނަމަ މޭ އެނދުމުގެ ފުރުސަތު ކުޑަވާނެއެވެ. މިކަމަށް ބޭނުން ކުރަން ޖެހޭނީ "ޝުގަ ފްރީ" ޗުއިން ގަމެވެ.