އިސްލާމިކް މިިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲ، އެ މަގާމުން ވަކިކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި އޭނާއަށް 1.1 މިލިއަން ރުފިޔާ ދޭން ހައިކޯޓުން ކުރި ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސީއެސްސީ އިން ބަލަމުންދިޔަ މައްސަލަތަކަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު މުސްއަބު މަގާމުން ވަކިކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ހައިކޯޓުން ވަނީ އޭނާ މަގާމުން ވަކިކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިފައެވެ.

އެ މައްސަލައިގައި 2020 ވަނަ އަހަރު ސިވިލް ކޯޓުން ނިންމީ މުސްއަބު ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ސާބިތު ނުވާ ކަމަށެވެ.

އެކަމަކު، އޭނާގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުން ނިންމާފައިވަނީ އޭނާ މަގާމުން ވަކިކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށާއި އޭނާއަށް ބަދަލުގެ ގޮތުގައި 1.18 މިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ. އަދި، ވަޒީފާގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތުގެ މުސާރަ ކުރިއަށް އޮތް 14 ދުވަސް ތެރޭގައި ދިނުމަށް ހައި ކޯޓުންވަނީ އަމުރުކޮށްފައެވެ.

އެކަމަކު، އެ އަމުރަށް ސީއެސްސީން އަމަލުކޮށްފައެއް ނުވެއެވެ. އެހެންވެ، ތިން ދުވަސް ތެރޭގައި އެ ހުކުމް ތަންފީޒުކުރުމަށް ސިވިލް ކޯޓުން އަމުރެއް ވެސް ނެރުނެވެ. އެކަމަކު، އެ އަމުރަށް ވެސް ސީއެސްސީން ތަބާ ވެފައެއް ނުވެއެވެ.

ނަމަވެސް، މައްސަަލަ ނިމެންދެން ހައި ކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ސީއެސްސީން އެދުމުން ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ އެ ކޯޓުން ގޮތެއް ނުނިންމަނީސް ހުކުމް ތަންފީޒުކޮށްފި ނަމަ އިންސާފު ގާއިމްކުރަން ހުރަސް އެޅިދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންވެ، އެ މައްސަލަ ސުޕްރީމް ކޯޓުން ބަލާ ނިމެންދެން ހައިކޯޓުގެ ނިންމުން ތަންފީޒުކުރުން ފަސްކޮށްލުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.