24 Dec 2022, 19:33
ހއ. އުލުގަމުގައި ފުޓްބޯޅަ ކުޅެން އުޅުނު ކުއްޖެއްގެ ގައިމައްޗަށް ގޯލު ވެއްޓި މަރުވެއްޖެއެވެ.
އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:30 ހާއިރުއެވެ.
އުލިގަމް ސިއްހީ މަރުކަޒުގެ މެނޭޖަރު އަހްމަދު ރަޝީދު 'ސަން' އަށް ވިދާޅުވީ, ކުޅެން އުޅުމުގެ ތެރޭގައި ގައިމައްޗަށް ގޯލެއް ވެއްޓިގެން ނުވަ އަހަރުގެ ފިރިހެން ކުއްޖަކު މިއަދު އެ މަރުކަޒަށް ގެނައި ކަމަށެވެ.
އެ ކުއްޖާ ގެނައިއިރު ހާލު ސީރިއަސްކަން ފާހަގަކޮށް ރަޝީދު ވިދާޅުވީ, އޭރުވެސް ދިޔައީ އަނގައިންނާއި ނޭފަތުން އަދި ކަންފަތުން ވެސް ލޭ އަންނަމުން ކަމަށެވެ.
"މިކޮޅަށް ގެނައިރު ވެސް ވަރަށް ކްރިޓިކަލް. ވިންދެއް ނެތް," އަހްމަދު ރަޝީދު ވިދާޅުވިއެވެ.
މަރުކަޒުން ދެވެން ހުރި ހުރިހާ ފަރުވާއެއް ދިން ނަމަވެސް މާ ގިނައިރުތަކެއް ނުވެ އެ ކުއްޖާ މަރުވެފައިވާކަމަށް ޑޮކްޓަރާ ހަވާލާ ދެއްވާ އަހްމަދު ރަޝީދު ވިދާޅުވިއެވެ.
އުލިގަމުގެ ފުޓްސަލް ދަނޑު ހަދަމުންދާތީ އެ ކުދިން ކުޅެން ތިބީ އެތަނާމާ ދުރު ނޫން ހިސާބެއްގައި ވެލިގަނޑު މަތީގައެވެ.
ކައުންސިލްގެ ނައިބް ރައީސް އަސަދުالله މުހައްމަދު ވިދާޅުވީ, އެ ކުދިން ކުޅެން ތިބީ ފުޓްސަލް ސައިޒްގެ ދެ ގޯލު ވެލިގަނޑު މަތީގައި ބަހައްޓައިގެން ކަމަށެވެ. ސައިޒުން މާ ބޮޑު ނޫން ނަމަވެސް އެ ގޯލު ވަރަށް ބަރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ގޯލުގައި ހުރި އެ ކުއްޖާ ބޯޅަ ހިފުމަށް ފުންމާލި ގަނޑީގައި ގޯލު ވެސް އަރިއަޅާލައިގެން އެ ކުއްޖާގެ ގައިމައްޗަށް ވެއްޓުނީ," އަސަދުالله ވިދާޅުވިއެވެ.