ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްއިން، ވާޗުއަލް ރިއާލިޓީ (ވީއާރު) ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއާޕޯޓް ރޭމްޕް އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން އެމްއޭސީއެލްއިން މިއަދު ވަނީ ވީއާރު ބޭނުންކޮށްގެން އެއާޕޯޓް ރޭމްޕް އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދާގޮތް ދައްކާލައި ތަޖުރިބާކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ދީފައެވެ.

ވައިގެ ދަތުރުފަތުރާބެހޭ މައި އިދާރާއިން ގަބޫލުކުރާ "އަޔާޓާ ރޭމްޕް ވީއާރު" ބޭނުންކޮށްގެން މި ޓްރެއިނިންގައި، ރޭމްޕްގެ ބައެއް މަސައްކަތްތައް ކުރުމުގައި ރިއަލް ލައިފް ސިމިއުލޭޓަރެއް ބޭނުންކުރުމުގެ ފުރުސަތުދެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރޭމްޕްގެ ޖެނެރަލް މެނޭޖަރު އަލީ ސައީދު ވިދާޅުވީ، "އަޔާޓާގެ ރޭމްޕް ވީއާރު" އާއެކު އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫ ނާރައި ރޭމްޕްގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނު ކުރެވޭނެ ކަމަށެވެ. މިއީ ވީއާރު ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި މިފަދަގޮތަކަށް ރޭމްޕްގައި މަސައްކަތްކުރާ މުވައްޒަފުން ތަމުރީނުކުރަންފެށި ފުރަތަމަ ފަހަރެވެ.

"މީގެ ކުރިން އަޅުގަނޑުމެން ރޭމްޕް މުވައްޒަފުން ތަމުރީނުކުރަމުން އައީ ބޯޓު ކައިރީ ކަމާ ގުޅުންހުރި އާލާތްތައް ހިފައިން. ނަމަވެސް ރޭމްޕް ވީއާރު ބޭނުންކުރަން ފެށުމުން ކުލާސް ރޫމް ތެރޭގައި އަސްލާ އެއްގޮތަށް ތަމުރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ. މިއީ ރޭމްޕްގައި މަސައްކަތްކުރާ މުވައްޒަފުން ތަމުރީނުކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް،" އަލީ ސައީދު ވިދާޅުވިއެވެ.

ވީއާރުގެ އެހީގައި ރޭމްޕް މުއައްޒަފުން ތަމްރީނުކުރާ ގޮތް ނޫސްވެރިންނަށް ދައްކާލަނީ-- ފޮޓޯ/އެމްއޭސީއެލް

އެމްއޭސީއެލްއިން ވަނީ ރޭމްޕް ވީއާރު ބޭނުންކޮށްގެން މިހާރުވެސް 36 ރޭމްޕް އޮފިސަރުން ތަމުރީނުކޮށްފައެވެ.

އެމްއޭސީއެލްއިން ބުނީ، "އަޔާޓާގެ ރޭމްޕް ވީއާރު" ބޭނުންކޮށްގެން ރާއްޖޭގެ ދެންހުރި އެއާޕޯޓުތަކުގެ ރޭމްޕްގައި މަސައްކަތްކުރާ އޮފިސަރުން ތަމްރީނުކުރުމަކީ އެކުންފުނީގެ ވިސްނުމެއް ކަމަށެވެ. މި މަސައްކަތް ކައިރި މުސްތަގުބަލެއްގައި ފެށޭނެ ކަމަށް އުއްމީދުކުރާކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްއޭސީއެލްއަކީ ރާއްޖޭގައި އެއާޕޯޓް އޮޕަރޭޓްކުރާ އެންމެ ބޮޑު ކުންފުންޏެވެ. އެ ކުންފުނިން މުވައްޒަފުންގެ ތަމްރީން ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ތަމުރީނުތައް ކުރިއަށްގެންދިއުމަކީ ވަރަށް ބޮޑަށް އިސްކަންދޭ ކަމެއްކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްއޭސީއެލްއިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އޭޓީސީ ޓަވާ ސިމިއުލޭޓަރެއް ވެސް ގާއިމުކޮށް ޓަވަރުގެ މުވައްޒަފުން ތަމުރީނުކުރަން ފަށާފައެވެ.