27 Dec 2022, 16:52
އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މުޅި ރާއްޖޭގައި ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
އިދިކޮޅު ލީޑަޝިޕްގެ މެމްބަރުން މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔާމީނަށް އިއްވި "ހަރާމް ހުކުމާ"ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެ ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00އިން ފެށިގެން 18:00އަށެވެ.
އެ ހަރަކާތާ ގުޅޭ މާ ބޮޑު ތަފްސީލެއް އަބްދުއްރަހީމް ދެއްވާފައި ނުވާ ނަމަވެސް އެ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ލީޑާޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ފޮޓޯ/ ޕީޕީއެމް
އަންނަ ހުކުރު ދުވަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތާ ގުޅޭ ގޮތުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު "ސަން"އަށް ވިދާޅުވީ އެ ހަރަކާތަކީ ޔާމީން މިނިވަންކުރުމަށް އިދިކޮޅުން ކުރިއަށް ގެންދާ އެކި ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ބޮޑު ހަރަކާތެއް ކަމަށެވެ.
"ރާއްޖެ ތެރޭގެ އެކި ރަށްރަށުގައި އެ ހަރަކާތް ކުރިއަށް ގެންދާ ގޮތް އެނގޭނީ އެ ރަށަކުން އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތްތަކަށް. ބައްދަލުވުމަކަށް ވެސް ވެދާނެ. ހިނގާލުމަކަށް ވެސް، އެއްވުމަކަށް ވެސް. އެ ނިންމާނީ އެ ރަށަކުން. އެކަމު ހުކުރު ދުވަހު ހަވީރު ހުރިހާ ރަށެއްގައި ވެސް މި ހަރަކާތް ކުރިއަށް ދާނެ،" އޭނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވި ގޮތުގައި ހުކުރު ދުވަހު މާލޭގައި އެ ހަރަކާތް ކުރިއަށް ގެންދާނީ ސުލްހަވެރި އިހުތިޖާޖެއް ގޮތަށެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާ ކުރި ކަން ސާބިތުވެ މިދިޔަ އާދިއްދަ ދުވަހު، 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ވަނީ އިއްވާފައެވެ.
އެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި އެކަން ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި ބައްދަލުކުރަން ޖެހޭ ސަރުކާރުގެ އިދާރާތަކާވެސް ބައްދަލުކުރާނެ ކަމަށް އިދިކޮޅުން ބުންޏެވެ.
ހަމައެއާއެކު ޔާމީން މިނިވަން ކުރުމަށް ގޮވާލާ ސިލްސިލާ މުޒާހަރާތަކެއް އިދިކޮޅުން ކުރަމުންދާއިރު ޔާމީން މިނިވަންވުމާ ހަމައަށް އެ މުޒާހަރާތައް ކުރާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ކުރާ މުޒާހަރާ--- ފޮޓޯ/ ޕީޕީއެމް
އެގޮތުން އާދިއްތަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާއިން 16 މީހަކު ހައްޔަރު ކޮށްފައިވާއިރު ރޭ ބޭއްވި މުޒާހަރާއިން ވަނީ ޖުމުލަ 15 މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އެ އެންމެންވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ.
މީގެ އިތުރުން އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓަށް އަބަދުވެސް ވާނީ ޔާމީން ކަމަށާއި އިތުރު އެއްވެސް ހާލަތަކަށް ނުވިސްނާ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.