ނިމިދިޔަ އަހަރުގެ އިރު، އައު އަލި ވިލުމަކުން އަލި ވިލުނީ ސަރުކާރުން ދިއްގަރުގައި ހޯމްސްޓޭ ޓޫރިޒަމް ތަޢާރަފް ކުރުމާއެކުއެވެ. "ވޯޓާ ސެލިއުޓާއި" ސަގާފީ ހަރަކާތްތަކާ އެކު ހޯމްސްޓޭގެ ފުރަތަމަ ފަތުރުވެރިންނަށް އެ ރަށުން މަރްޙަބާ ކީ ފޮނި ހުވަފެންތަކާ އެކުއެވެ.

ދިއްގަރުގެ "މޫރިތި" ގެއިން މުޅި ރާއްޖެއަށް އަވަސް ގޮތެއްގައި ފަތުރާލީ ފަތުރުވެރިކަމުގެ އައު ތަސްވީރެކެވެ. އާންމުންނަށް ފަތުރުވެރިކަމުގެ ދާއިރާއަށް ވަނުމަށް ހުޅުވާލި ފޮނި ތަސްވީރެވެ. ނަމަވެސް، އެ ތަސްވީރުގެ އަލިކަން މިއަދު އެއްކޮށްހެން ފަނޑުވެ ހިނގައްޖެއެވެ.

"މޫރިތި" ގެއާ އެކު ރާއްޖޭގެ ފަތުރުވެރިކަމަށް އައު ބޮޅެއް އިތުރު ވާނެ ކަމަށް ބެލެވުނެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެގެއަށް ފަތުރުވެރިއެއްގެ ޙައިސިއްޔަތުން އައީ، ހޯމް ސްޓޭ ތަޢާރަފް ކުރި ދުވަހު އައި ހަތަރު ފަތުރުވެރިން އެކަންޏެވެ.

ހޯމް ސްޓޭ ޓޫރިޒަމް ފެށުމަށް ދިއްގަރަށް ދިޔަ ފުރަތަމަ ހަތަރު ފަތުރުވެރިންނަށް އެރަށުން މަރުހަބާ ކިޔަނީ --- ފޮޓޯ/ އަލީ ޝާފީ

"ހޯމް ސްޓޭގެ އެއްވެސް ކަމެއް ނެތް"

މޫރިތި ގޭއިން ފެށި ހޯމް ސްޓޭ އާ މެދު "ސަން" އިން ސުވާލު ކުރުމުން ހަސަަން މުޙްތާރު ދިނީ ނުތަނަވަސްކަން ބޮޑު ޖަވާބެވެ. މުޙްތާރަކީ މޫރިތި ގޭގެ ހުރިހާ ކަމެއް ބަލަހައްޓާ ފަރާތަށް ވީއިރު، އޭނާ ބުނީ ހޯމް ސްޓޭ އަށް މޫރިތި ގެ ބަދަލު ކުރި ކުރުމަށް މާ ބޮޑު ޙަރަދެއް ނުދިޔަ ނަމަވެސް، އެކަމެއް ރަނގަޅަށް ނުހިނގި ކަމަށެވެ.

މުޙްތާރު ބުނީ އޭނާގެ ފަރާތުން އެކަން ކުރަން އެންމެ ފުރަތަމަ އެދުނީ އޭނާގެ ބައްޕަ ކަމަށެވެ. އެހެން ކަމުން ފުރަތަމަ ހޯމް ސްޓޭ ލޯންޗް ކުރިއިރު މާ ބޮޑު ޕްލޭނެއް ނެތް ނަމަވެސް، ރަނގަޅު އުއްމީދު ތަކެއް ކުރި ކަމަށް އޭނާ ބުންޏެވެ.

ފުރަތަމަ ފެށީމަ ވަރަށް ވިސްނިން މިހެން (ރަނގަޅު) ވާނެއޭ. އެކަމަކު އަސްލު ރަނގަޅެއް ނުވި،ހަސަން މުޙްތާރު

ދިއްގަރު ކައުންސިލުގެ ރައީސް އަހްމަދު ނިޝާމު ވެސް ގަބޫލުކުރައްވާ ގޮތުގައި ހޯމް ސްޓޭއަށް އެރަށުގައި މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ. އެކަން އެރަށުގައި ޕްރޮމޯޓެއް ނުކުރެވުނެވެ.

މ. ދިއްގަރުގައި ހޯމް ސްޓޭ ފަތުރުވެރިކަން ފެށުން --- ފޮޓޯ/ އަލީ ޝާފީ

އަދި، ކ. މާފުށީގައި ހިންގަމުންދާ 490 އެނދުގެ ކާނި ހޯޓެލްސް ގެ ސީއީއޯ އަދި ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ރައީސް އަބްދުﷲ ނަޝީދު ވެސް ގަބޫލުކުރައްވާ ގޮތުގައި ދިއްގަރުގައި ފެށި ހޯމް ސްޓޭ ވައިގައި ނުހިފިއެވެ. އޭގެ ސަބަބުތައް ވެސް ބައިވަރެވެ.

ހޯމް ސްޓޭ ނުހިނގުމުގެ ސަބަބުތައް ގިނަ

ދިއްގަރުގެ މޫރިތި ގެ އިން ފެށި ހޯމް ސްޓޭއަށް ތަރުޙީބެއް ނުލިބި، މަޑުމަޑުން ވަޅު ޖެހުނު ސަބަބު ކަމުގައި މުޙްތާރު ދެކެނީ އެތަން ހިންގުމުގައި ސަރުކާރުން ލިބެން ޖެހޭ އެހީތެރިކަން ނުލިބުމެވެ.

މިކަމުގައި ދޭން ޖެހޭ ވަރަކަށް ސަޕޯޓެއް ނުދެޔޭ އަޅުގަނޑު ބުނާނީ. އަޅުގަނޑަކަށް ނޭނގޭ ރަށު ކައުންސިލަށް (ސަރުކާރުން) ދިން ކަމެއް،ހަސަން މުޙްތާރު

މުޙްތާރު ބުނީ ސަރުކާރުން އެރަށުގެ ކައުންސިލަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދިން ކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް، އެއްވެސް ރަސްމީ ޙައިސިއްޔަތަކުން މޫރިތި ގެއަށް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ހޯމް ސްޓޭ ފުރަތަމަ ތައާރަފްކުރި 'މޫރިތިގެ --- ފޮޓޯ/ ފޭސްބުކް

އެހެން ނަމަވެސް އެރަށު ކައުންސިލުން އެގެއަށް އެހީތެރިވެ ނުދިން ކަން، އެ ރަށު ކައުންސިލުގެ ރައީސް އަހްމަދު ނިޝާމު ގަބޫލެއް ނުކުރައްވައެވެ.

ނިޝާމު ވިދާޅުވީ މޫރިތި ގެ ހިންގާ ފަރާތުން ރަސްމީ ޙައިސިއްޔަތަކުން ކައުންސިލަށް އެހީތެރިކަމަށް އެދިފައިނުވާ ކަމަށެވެ. ނަމަވެސް އެ ފަރާތާ އެކު ކައުންސިލުން އިސްނަގައިގެން ވާހަކަ ދައްކައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްވަރާ ތަކެއް ކުރި ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް މާ ބޮޑަކަށް އެބޭފުޅުންގެ ފަރާތުންނެއް އެތަން ޕްރޮމޯޓު ކުރުމުގައި އެހީތެރިކަމަކަށް އެދިފައެއް ނެތް، ނަމަވެސް އަޅުގަނޑުމެން މި ދަނީ އެބޭފުޅުންނާ އެކީގައި އެކަންތައް ބަލަމުން.އަޙްމަދު ނިޝާމް

ނިޝާމު ވިދާޅުވީ އެތަން ނުހިނގުމުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ސަރުކާރުން ނުވަތަ ކައުންސިލުން އެތަނަށް އެހީތެރިކަން ނުދިނުމެއް ނޫން ކަމަށެވެ. ނަމަވެސް އެއީ އެތަން ޕްރޮމޯޓު ކުރުމަށްޓަކައި އެތަން ހިންގާ ފަރާތުން އެދެވޭ މަސައްކަތްތަކެއް ނުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މ. ދިއްގަރުގައި ހޯމް ސްޓޭ ފަތުރުވެރިކަން ފެށުން --- ފޮޓޯ/ އަލީ ޝާފީ

"ދެން މީގައި މައިގަނޑު ގޮތެއްގައި އަޅުގަނޑަށް ފާހަގަ ކުރެވެނީ އެތަން ޕްރޮމޯޓު ކުރުމުގެ މަސައްކަތްތަކެއް އެ ދަނޑިވަޅުގައި ކުރެވިފައި ނެތުން،"އަޙްމަދު ނިޝާމް

ނިޝާމު ވިދާޅުވި ފަދައިން، "ގޭމް" ގެ ރައީސް އަބްދުﷲ ނަޝީދު ވެސް ގަބޫލުކުރައްވާ ގޮތުގައި ދިއްގަރުގައި ފެށި ހޯމް ސްޓޭގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ އެތަން އިޝްތިހާރު ނުކުރެވުމެވެ.

ރާއްޖެ ޒިޔާރަތް ކުރާ ގިނަ ފަތުރުވެރިންނަކީ ބޭރުގެ އެކި ވެބްސައިޓުތަކުން ޗެކްކޮށް ރާއްޖެ އަންނަ ފަތުރުވެރިންނަށް ވީއިރު، ހޯމް ސްޓޭގެ ގޮތުގައި ފެށި، މޫރިތި ގެ އިޝްތިހާރު ނުކުރަންވީ ސަބަބެއް ނެތް ކަމުގައި ނަޝީދު ވެސް ގަބޫލުކުރައްވައެވެ.

އިޝްތިހާރު ވެސް އެއްވެސް މީހަކު ނުކުރޭ. އެގޮތަށް ޓޫރިސްޓުންނެއް ނާންނާނެ، މިހާރުގެ ޓްރެންޑެއް ނޫން އެގޮތަށް ދަތުރުކުރުމަކީ. އެގޮތަށް ދަތުރުކުރަން ބޭނުންވާ ބަޔަކު އުޅޭނެ ކަމަށް ވެސް ނުދެކެން،އަބްދުﷲ ނަޝީދު

ނަޝީދު ހިންގާ ކާނި ހޮޓެލްސް ވެސް ހިންގަނީ ބޭރުގެ އެކި ޕްލެޓްފޯމުތަކުގައި އިޝްތިހާރުކޮށްގެންނެވެ. ނަމަވެސް އެފަދަ މަސައްކަތްތަކެއް މޫރިތި ހޯމް ގެއަކުން ނުފެނެއެވެ.

މާފުށީގައި ހިންގާ ކާނި ހޮޓެލް -- ފޮޓޯ: ޓްރިޕް އެޑްވައިޒާ

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ އައްސަދު ރިޒާ ވެސް ވިދާޅުވީ އެވާހަކައެވެ. އައްސަދު ވިދާޅުވީ ރަށްތައް ޕްރޮމޯޓް ކުރުމުގައި ހުރި ދަތިތައް ހޯމް ސްޓޭގެ ތެރެއިން ފެނުނު ކަމަށާއި، އެކަންތައް ރަނގަޅު ކުރުމުގެ ބުރަ މަސައްކަތްތަކެއް މިނިސްޓްރީ އިން ކުރަމުންދާ ކަމަށެވެ.

ރަށްތައް ޕްރޮމޯޓް ކުރުމުގެ އެންމެ މައިގަނޑު އެއް ޒިންމާއެއް ކޮނޑުއެޅިފައިވާ ބަޔަކީ އެރަށްތަކުގެ ކައުންސިލް ތަކެވެ. ނަމަވެސް، ދިއްގަރުގެ ހޯމް ސްޓޭއާ އެކު، އެރަށު ކައުންސިލުން ވެސް އެތަނުގެ ޕްރޮމޯޝަނަށް ނުވަތަ ދިއްގަރުގެ ޕްރޮމޯޝަނަށް މާ ގިނަ މަސައްކަތްތަކެއް ކުރި ކަމެއް ފެންނާކަށެއް ނެތެވެ. އެކަން އަސަދު ވެސް ފާހަގަ ކުރެއްވިއެވެ.

ކައުންސިލް ތަކުން ވެސް އެބަ ޖެހެޔޭ މީގައި ލީޑް ނަގައިދޭން. ޢާންމުންނަށް މި ވިޔަފާރިއަށް ވަދެވި، ޕްރޮމޯޓް ކުރުމަށް އެހީތެރިވެދޭން. ރަށެއް ބްރޭންޑްކޮށް، ޕްރޮޑަކްޓެއްގެ ގޮތުގައި މާކެޓް ކުރުމުގެ މަސައްކަތް ކައުންސިލްތަކުން އެބަ ޖެހޭ ވަރަށް ބޮޑަށް ކުރަން،އައްސަދު ރިޒާ

ހޯމް ސްޓޭ އަށް ކުރިއަށް އޮތް ތާނގައި ވާނީ ކިހިނެއް؟

އަދިވެސް ހޯމް ސްޓޭ އަކީ ސަރުކާރުގެ އުންމީދު އެކަމުގައި އޮތް ބޮޑު މަޝްރޫއެކެވެ. މި ވަގުތު ދެ ގެ އެއް ހޯމް ސްޓޭގެ ގޮތުގައި ހިންގަމުން އަންނަ އިރު، އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގެ ގެއަކާއި މޫރިތިގެއެވެ.

މިއާއެކު ޓޫރިޒަމް މިނިސްޓްރީ އިން އެކަމުގައި މުހިއްމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެކަމުގެ މައުލޫމާތު "ސަން" އާ ހިއްސާ ކުރައްވަމުން އައްސަދު ރިޒާ ވިދާޅުވީ ގިނަ ފަތުރުވެރިން އަބަދުވެސް ދަތުރުކުރަނީ އެއް "ޑެސްޓިނޭޝަނަކަށް" ކަމަށް ވުމުން، އެތަނެއްގައި މަޑު ކުރުމަށް ގެސްޓް ހައުސެއް ނުވަތަ ތަނެއް ހޯދާ ކަމަށެވެ.

މ. ދިއްގަރުގައި ހޯމް ސްޓޭ ފަތުރުވެރިކަން ފެށުން --- ފޮޓޯ/ އަލީ ޝާފީ

އެހެން ކަމުން އެފަދަ ކަންކަމުގެ ތެރެއިން އެތަނެއް ރަނގަޅަށް އިޝްތިހާރު ކުރެވޭ ނަމަ، ހޯމް ސްޓޭއަށް ވެސް އޮންނަ ޑިމާންޑް އިތުރުކުރެވޭނެ ކަމުގައި އަސްއަދު ވިދާޅުވިއެވެ.

މިސާލަކަށް ފުވައްމުލަކުގައި ދާ ފަތުރުވެރިއަކު އައީ. އެއީ ވަކި ފުވައްމުލަކުގައި ހުރި ވަކި ގެސްޓް ހައުސަކަށް ދާކަށް ނޫން. އެތާނގައި ޓައިގާ ޝާކް ފަދަ ކަންކަން މަޝްހޫރު ވެފައި އޮތީމަ ދާ ކަމެއްގެ ގޮތުން އެތަނަށް ދަނީ. އެހެން ވީމާ ހުންނާނެ ފެސިލިޓީއެއް އެބަ ޖެހޭ އެ ރަށުން ހޯދަން.އައްސަދު ރިޒާ

އައްސަދު އެ ވިދާޅުވި މުހިއްމު ވާހަކައެކެވެ. ދިއްގަރުގައި ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ވެސް އެއީއެވެ. "ދިއްގަރު ދަ ރިހާކުރު އައިލެންޑުގެ" ނަމުގައި މުޅިން އައު ޕްރޮޑަކްޓެއް ބޭނުން ކުރި ނަމަވެސް، އެކަން ދަންނަ މީހަކު، ޓުއާ ގައިޑަކު ނުވަތަ ފަތުރުވެރިއަކު ނެތެވެ. އެތަން އިޝްތިހާރު ނުކުރެވުނީމައެވެ.

އެރަށު ކައުންސިލުގެ ރައީސް ވެސް މިކަން ގަބޫލު ކުރައްވައެވެ. އެގޮތުން ނިޝާމް ވިދާޅުވީ މޫރިތި ގެ ނުހިގުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރަށް މާކެޓު ކުރުމުގެ މައްސަލަތަކަކާ އެކު، މޫރިތި ގެ މާކެޓު ކުރުމުގެ މައްސަލަތަކެއްވެސް އޭގައި ހިމެނުމެވެ.

މ. ދިއްގަރުގައި ހޯމް ސްޓޭ ފަތުރުވެރިކަން ފެށުން --- ފޮޓޯ/ އަލީ ޝާފީ

ނަމަވެސް ކުރިއަށް އޮތް ތާނގާއި ގެސްޓް ހައުސްގެ ވިޔަފާރިއާ އެއްކޮށް، ހޯމް ސްޓޭ ކުރިއެރުމަށް މަސައްކަތްތަކެއް އެ ރަށުގެ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

ކޮންމެއަކަސް، ފޮނި އުންމީދު ތަކަކާ އެކު ފެށި ހޯމް ސްޓޭގެ އަލި މިއަދު މުޅިން ފަނޑުވެ ހިނގައްޖެއެވެ. އެކަން ފްލޮޕަކަށް ވެއްޖެއެވެ. ސަރުކާރުގެ އިދާރާތަކުން އެކަމުގައި ދޫ ދޭން ނުނިންމި ނަމަވެސް، އެކަން ފެށި އާންމު ރައްޔިތު މީހާއަށް ހޯމް ސްޓޭ އަކީ ނުތަނަވަސްކަމަކަށް ވެއްޖެއެވެ. ކުރިއަށް އޮތް އަހަރުތަކުގައި މި މަޝްރޫއު، މިއަށް ވުރެ ރަނގަޅު ހާލެއްގައި ކުރިއަށް ދާނެތޯ އެއީ މިއަދު ކުރެވޭ ސުވާލެވެ.