28 Dec 2022, 00:44
ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ކޮވިޑް ހުއްޓުވުމަށް އެޅި ގިނަ ފިޔަވަޅުތަކެއް އުވާލައި، އަންނަ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު އެގައުމުގެ ބޯޑަރު އަލުން ހުޅުވަން ނިންމައިފިއެވެ.
ކޮވިޑް ފެތުރުން ހުއްޓުވުމަށް ޗައިނާ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ދެހާސް ވިހި ވަނަ އަހަރުން ފެށިގެން ބޭރު ގައުމުތަކުން ޗައިނާއަށް ދަތުރުކުރާމީހުން ސަރުކާރުން ކަނޑައަޅާފައިވާ ތަނެއްގައި ކަރަންޓީނުވާން ޖެހެއެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ، ޖެނުއަރީ އަށް ވަނަ ދުވަހުން ފެށިގެން ބޭރު ގައުމުތަކުން ޗައިނާއަށް ދާ މީހުން ކަރަންޓީން ވާން ނުޖެހޭނެކަމަށެވެ. އަދި ވަޒީފާއަށާއި، ވިޔަފާރީގެ ބޭނުންތަކަށް ބޭރު ގައުމުތަކުން ޗައިނާއަށް ދާ މީހުންނަށް ވިސާ ދޫކުރުމުގެ މަސައްކަތްވެސް ފަށާނެ ކަމަށް ޗައިނާ އެ ކޮމިޝަނުން ބުނެއެވެ.
އެގައުމަށް ދަތުރުކުރަން ބޭނުންވާ މީހުން ދަތުރުގެ 48 ގަޑިއިރު ކުރިން ޕީސީއާރު ޓެސްޓު ހަދަން ޖެހެއެވެ.
އެއްގަމާއި ކަނޑުމަގުން ދަތުރުކުރާ މީހުންނަށް ވަގުތުން ބޯޑަރު ހުޅުވާލަން ޗައިނާ ސަރުކާރުން ނިންމާފައިވާއިރު، ކޮވިޑަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ކުރުމާއި އެގައުމުގެ ސިޓީތައް ލޮކްޑައުން ކުރުންވެސް ވަނީ މުޅީން ނިމުމަކަށް ގެނެސްފައެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ، ޗައިނާ ރައްޔިތުންނަށް ފަތުރުވެރިންގެ ގޮތުގައި ގައުމުން ބޭރަށް ދިޔުމަށް ވަރަށް އަވަހަށް އަލުން ފަށާނެ ކަމަށާއި، ދިވެހިރާއްޖެއަކީ އަބަދުވެސް ޗައިނާގެ ފަތުރުވެރިންގެ އެންމެ ކަމުދާ މަންޒިލަކަށް ވާނެ ކަމަށެވެ.
މީީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބޯޑަރު ހުޅުވާލުމުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަން ބޭނުންވެފައި ތިބި ޗައިނާ ރައްޔިތުންނާއެކު ބައެއް އެއާލައިންތަކާއި ޓްރެވަލް ވެބްސައިޓް ތަކަށް ބާރު ބޮޑުވާނެއެވެ.
ޗައިނާއިން ކޮވިޑަކީ އާންމު ބައްޔެއް ކަމަށް ދެކިގެން ކޮވިޑާ ކުރިމަތިލަމުން އަންނަ އިރު އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތައް ފަދަ ތަންތަނުގައި ރައްކާތެރި ފިޔަވަޅުތައް ވަރުގަދަ ކުރުމަށާއި، އެމީހުން ކޮވިޑް ވެކްސިން ޖެހުން އިތުރުކޮށް، ހައިރިސްކް މީހުން ދެވަނަ ޑޯޒް ޖެހުމަށް ހިތްވަރުދޭ ކަމަށް ޗައިނާ ސަރުކާރުން ބުނެއެވެ.
ޗައިނާއަކީ ކޮވިޑްގެ ސަބަބުން އެންމެ ފުރަތަމަ ބޯޑަރު ބަންދުކޮށް، އެންމެ ފަހުން ބޯޑަރު ހުޅުވާލާނެ ގައުމެވެ.