މައިކްރޮސޮފްޓުން އެކްސެލް އަށް އާ ސްމާޓް ފީޗާތަކެއް ތައާރަފްކޮށްފިއެވެ. މި ފީޗާތައް ވެބްގެ އިތުރުން ވިންޑޯޒް އަދި މެކް ބޭނުންކުރާ ފަރާތްތަކަށް ވެސް ވަނީ ތައާރަފްކޮށްފައެވެ.

ވެބް ބޭނުންކުރާ ފަރާތްތަކަށް އަލަށް ތައާރަފްކުރި ފީޗާތަކުގެ ތެރޭގައި ސަޖެސްޑް ލިންކްސް، އިމޭޖް ފަންކްޝަން، ފޯމިއުލާ ސަޒޭޝަންސް، ފޯމިއުލާ ބައި އެގްޒާމްޕަލް ފަދަ ފީޗާތައް ހިމެނެއެވެ.

"ސަޖެސްޓް ލިންކްސް" ފީޗާގެ ސަބަބުން ކްލައުޑް ވޯކްބުކެއްގެ ހަލާކުވެފައިވާ އެކްސްޓާނަލް ލިންކެއް ދެނެގަނެ، އެ ލިންކްތައް ރަނގަޅު ކުރުމަށް އާ ލޮކޭޝަނެއް އިޚްތިޔާރު ކުރުމަށް ލަފާ ދޭނެއެވެ. އިމޭޖް ފަންކްޝަން ޓޫލް މެދުވެރިކޮށް ސެލްތައް ރީސައިޒްކޮށް، ތަރުތީބުކޮށް، ފިލްޓަރކޮށް، އެކްސެލް ޓޭބަލްގެ ތެރޭގައި ހުރި ފޮޓޯތަކާ އެކު މަސައްކަތް ކުރެވޭނެއެވެ.

މައިކްރޮސޮފްޓުން ކުރި ބްލޮގް ޕޯސްޓެއްގައި ވާގޮތުން ފޯމިއުލާ ސަޖެޝަންސް އާއި ސާމްޕަލް ފޯމިއުލާ އެއް ވެބް ބޭނުންކުރާ ފަރާތްތަކަށް ފޯރު ކުރުމުގެ އިތުރުން ސަޖެސްޑް ލިންކްތަކާއި އިމޭޖް ފަންކްޝަން އަދި ކުއަރީސް ޕޭންގައި އާ ސާޗް ބާއެއް ވެސް ފެންނަން ހުންނަގޮތަށް އަންނަނީ ތައާރަފު ކުރަމުންނެވެ.

އަދި ވިންޑޯޒް ބޭނުންކުރާ ފަރާތްތަކަށް އިމޭޖް ފަންކްޝަނާއި އާ ކީބޯޑް ޝޯޓްކަޓެއް ތައާރަފްކޮށްފައިވާއިރު، މެކް އެކްސެލް ބޭނުންކުރާ މީހުންނަށް ލިބޭނީ ހަމައެކަނި އިމޭޖް ފަންކްޝަން ޓޫލްއެވެ.

ފޯމިއުލާ ސަޖެޝަންސް ފީޗާގައި ބޭނުންކުރާ ފަރާތުގެ ޑޭޓާއަށް ބިނާކޮށް އެންމެ ރަނގަޅު ފޯމިއުލާ އޮޓޯ-ސަޕްރައިޒް ކުރާނެއެވެ. މި ފީޗާ އަށް ވަނުމަށް ބޭނުންކުރާ ފަރާތްތަކުން ސެލްއެއްގައި ނުވަތަ ފޯމިއުލާ ބާއެއްގައި "=" ޓައިޕް ކުރަން ޖެހޭނެއެވެ. މިހާރު އެކްސެލް އަށް ސަމް، އެވްރެޖް، ކައުންޓް، މެކްސް، މިން އަދި ކައުންޓާ ފޯމިއުލާތައް މިސާލާއެކު ފެންނަން ހުންނާނެއެވެ.

މިސާލު ފޯމިއުލާގެ ސަބަބުން ޕެޓާން ދެނެގަނެ، އަމިއްލައަށް ފޯމިއުލާ ޖެހުމަށް ނުވަތަ ސާމްޕަލް ފޮމިއުލާ އެޑިޓްކުރުމުގެ ލަފާދީ އަމިއްލައަށް ފޯމިއުލާ އުފެއްދުމަށް ފަސޭހަކޮށްދޭނެއެވެ.

މީގެ އިތުރުން, އަލަށް ތަޢާރަފްކުރި ސާޗް ބާ ފީޗާގެ ސަބަބުން ވެބް ބޭނުންކުރާ ފަރާތްތަކަށް ކުއަރީސް ސާޗް ޕޭންގައި އެ މީހުންގެ ސުވާލުތައް ސާޗްކޮށް ހޯދޭނެއެވެ.

މައިކްރޮސޮފްޓުން އަންނަނީ ވިންޑޯޒް 11 ގައި ނޯޓްޕެޑް އެޕްލިކޭޝަނަށް ބޭނުންވާ ޓެބްސް ފީޗާގެ މަސައްކަތް ވެސް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފީޗާ މިހާރު އޮތީ އާލީ އިންޓާނަލް ޓެސްޓިންގައި ކަމަށްވާއިރު، 2023 ވަނަ އަހަރުގެ ކުރީކޮޅު މި ފީޗާ ތައާރަފް ކުރާނެ ކަމަށް ބެލެވެއެވެ.