31 Dec 2022, 22:10
ޗައިނާއިން އިއްޔެވަނީ އެގައުމުގެ ޚާރިޖީ ވަޒީރަކަށް އައު ބޭފުޅަކު އައްޔަން ކޮށްފައެވެ. މި މަގާމަށް އައްޔަންކުރީ އެމެރިކާގައި ހުންނެވި ޗައިނާގެ ސަފީރު ޗިން ގާންގްއެވެ.
ޗިންއަކީ އެމެރިކާއާއި ޔޫރަޕުން ދުނިޔެއަށް އަތްގަދަ ކުރަން ކުރާ މަސައްކަތްތަކަށް ވަރަށް ފާޅުގައި ފާޑުވިދާޅުވާ އައުޓް ސްޕޯކެން ޑިޕްލޮމެޓެކެވެ. ޗައިނާގެ ޚާރިޖީ ވަޒީރުކަމުން ވަކިވެވަޑައިގެންނެވި ވާންގްޔީ އަކީ ކޮންމެވެސް ވަރަކަށް ހުޅަނގަށް ފާޑުވިދާޅުވިނަމަވެސް ވަރަށް މަޑުމައިތިރި ޑިޕްލޮމެޓިކް އުސޫލުތަކެއް ގެންގުޅުއްވި ބޭފުޅެކެވެ. އޭނާ ވަރަށް މަދުން ނޫނީ ހުޅަނގުން ޗައިނާއަށް ކިޔާ ފާޑުކިޔުންތަކަށް ރައްދުވެސް ނުދެއްވައެވެ.
ނަމަވެސް މިއާ ޚިލާފަށް ޗައިނާގެ ޚާރިޖީ ވަޒީރަކަށް އަލަށް އައްޔަންކުރި ޗިން ގާންގް އަކީ ޑިޕްލޮމެޓިކް ގޮތުން ހުޅަނގަށް ވަރަށް ގިނައިން އެކި މުނާސަބާތަކުގައި ރައްދު ދެއްވާ ބޭފުޅެކެވެ. އެހެންކަމުން އެމެރިކާ އާއި ޔޫރަޕްގެ މިޑިއާއިން ޗިން ސިފަކުރަމުން ގޮސްފައިވަނީ ޗައިނާގެ ޑިޕްލޮމަސީގެ "ފައިޓިން ވުލްފު" ގެ ނަމުންނެވެ.
އުމުރުން 56 އަހަރުގެ ޗިންއަކީ ޗައިނާގެ ޚާރިޖީ ވުޒާރާގައާއި ބޭރުގައުމުތަކުގައި ހުންނަ ޗައިނާގެ އެންބަސީ ތަކުގައި ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ޑިޕްލޮމެޓެކެވެ.
ޗިން އަދާކުރެއްވި އިސް މަގާމުތަކުގެ ތެރޭގައި ޗައިނާގެ ޚާރިޖީ ވަޒީރުގެ ނައިބުކަމާއި އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ޗައިނާގެ ސަފީރުކަމާއި ޔޫރަޕްގެ އިއްތިހާދަށް ކަނޑައަޅާފައިވާ ޗައިނާގެ ސަފީރުކަމާއި އެމެރިކާއަށް ކަނޑައަޅާފައިވާ ޗައިނާގެ ސަފީރުކަން ހިމެނެއެވެ. ޗިން މަތީ ތައުލީމު ޙާސިލް ކުރެއްވީ ޗައިނާގެ އިންޓަނޭޝަނަލް ރިލޭޝަންސް ޔުނިވާސިޓީންނެވެ. ޗިން ޚާއްސަވެވަޑައިގެންފައިވަނީ އިންޓަނޭޝަނަލް ޕޮލިޓިކްސް އަށާއި އިންޓަނޭޝަނަލް ލޯ (ބައިނަލްއަގްވާމީ ގާނޫނު) އަށެވެ.
ޗައިނާއިން އެގައުމުގެ ޚާރިޖީ ވަޒީރުކަމަށް އައު ބޭފުޅަކު އައްޔަން ކޮށްފައިމިވަނީ ދުނިޔޭގެ ޖިޔޮޕޮލިޓިކަލް މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ވަރަށް ޙައްސާސް ދަނޑިވަޅެއްގައެވެ. އައު ޚާރިޖީ ވަޒީރަކު އައްޔަން މިކުރީ 1991 ވަނަ އަހަރުގެ ފަހުކޮޅު ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމާއެކު އެމެރިކާ ހަމައެކަނި ދުނިޔޭގެ ބޮޑުބާރަށްވެ ދުނިޔޭގެ ކޮންޓްރޯލް އެމެރިކާއަށް ލިބުނުތާ 21 އަހަރުފަހުން ދުނިޔެއިން އެމެރިކާގެ ފުލް ކޮންޓްރޯލް ގެއްލި އެމެރިކާއާ ހުރިހާ ގޮތަކުންވެސް ފައި ހަމަކުރެވޭވަރުގެ ބޮޑު ބާރެއްގެ ގޮތުގައި ޗައިނާ ފާޅުވަމުންދާ ދަނޑިވަޅެއްގައެވެ.
މިކަމަށް އިޙްސާސް ކުރެއްވިގެން އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ދާދިފަހުންވަނީ މިހާރު މިއޮތް ބައިނަލްއަގްވާމީ ނިޒާމަށް ބަދަލުގެނެވޭނެ އަދި ބަދަލު ގެނައުމުގެ އިގްތިސާދީ ޓެކްނޮލޮޖީ އަދި އަސްކަރީ ގާބިލުކަން އޮތް ހަމައެކަނި ގައުމަކީ ޗައިނާ ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.
ރަޝިއާއަކީ ދެވަނަ އަސްކަރީ ބާރެވެ. އަދި ދުނިޔޭގެ އެއްވަނަ ނިއުކްލިޔާ ބާރެވެ. އަދި ދުނިޔޭގައި ގުދުރަތީ ރިސޯސްގެ ގޮތުން އެންމެ މުއްސަނދި އެންމެ ރިސޯސްފުލް ގައުމަކީވެސް ރަޝިއާއެވެ. އެހެންކަމުން ރަޝިއާއަކީވެސް ދުނިޔޭގެ ބޮޑު ބާރެކެވެ. ނަމަވެސް ރަޝިއާއަކީ ޗައިނާވަރުގެ ބާރުގަދަ އިގްތިސާދަކާއި އެވަރުގެ މަދަނީ ސިނާއަތު އޮތް ގައުމެއްނޫނެވެ.
ރަޝިއާގައި އޮތް މައިގަނޑު ސިނާއަތަކީ ހަމައެކަނި އަސްކަރީ ސިނާއަތެވެ. ޒަމާނީ ޓެކްނޮލޮޖީގެ ގޮތުންވެސް ރަޝިއާ ދަށެވެ. އެހެންކަމުން ދުނިޔޭގެ ބޮޑުބާރުގެ ގޮތުގައި އެމެރިކާއާ ހުރިހާ ރޮނގަކުންވެސް ވާދަކުރެވޭ ފެންވަރުގައި މިހާރު އޮތް ހަމައެކަނި ގައުމަކީ ޗައިނާއެވެ. މިއާއެކު އެމެރިކާއަށްވަނީ ދުނިޔޭގައި މިހާތަނަށް އޮތް ބާރާއި ކޮންޓްރޯލް ގެއްލި އޭގެތެރެއިން ބޮޑުބައެއް ޗައިނާއާ ހިއްސާ ކުރަންޖެހިފައެވެ.
އެމެރިކާގެ ފުލް ކޮންޓްރޯލް ދުނިޔެއަށް ނެތްކަން އެނގެނީ އެމެރިކާއަށް ގޮންޖަހާފައި ޗައިނާއާ ގާތްވަން ސައޫދީ އަރަބިއާއާއި ގަލްފުގެ ގައުމުތައްފަދަ އެމެރިކާގެ ޒަމާންވީ ބައިވެރިން ކުޑަކޮށްވެސް ޖެހިލުން ނުވުމެވެ. ޔޫކްރެއިން ހަނގުރާމައާއެކު އިގްތިސާދީ ގޮތުން ރަޝިއާ އިނދަޖައްސާލުމަށް އެމެރިކާއާއި ޔޫރަޕް ގުޅިގެން އެޅި 80 ހާހަށްވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާ އިނދަޖައްސާލުމުގައި އެމެރިކާ ނާކާމިޔާބުވިއެވެ.
މީގެއިތުރުން އީރާނަށް ކިޔަމަން ކުރުވުމަށް އެމެރިކާއަށް ކުރެވެން އޮތްހާކަމެއްކޮށް 70 ހާހަށްވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅުތައް އީރާނާދެކޮޅަށް އެޅިނަމަވެސް އީރާން އިނދަޖައްސާލައި އީރާން ކިޔަމަން ކުރުވުމުގައި އެމެރިކާ މުޅިން ފޭލްވެފައިވުމެވެ.
އަނެއްކޮޅުން އެމެރިކާގެ އިގްތިސާދީ ބާރުގެ މައިބަދަކަމަށްވާ ޔޫއެސް ޑޮލަރުގެ ބާރަށްވެސް މިހާރުވަނީ ވަރަށް ބޮޑަށް ލޮޅުން އަރަން ފަށާފައެވެ. މިގޮތުން މިހާތަނަށް ދުނިޔޭގެ ރިޒާވް ފައިސާގެ ގޮތުގައި އެމެރިކާގެ ޑޮލަރު އޮތް އޮތުން ނިމުމަކަށް އައުމުގެ ކޮޅުމަތި މިހާރުވަނީ ފެންނަންފަށާފައެވެ.
މީގެތެރޭގައި ޗައިނާއާއި ރަޝިއާ އެދެގައުމުގެ ފައިސާއިން ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް ކުރަންފެށުމާއި އިންޑިއާއާއި ރަޝިއާވެސް ޑޮލަރުގެ ބަދަލުގައި އެދެގައުމުގެ ފައިސާއިން ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް ކުރަންފެށުމާއި އަދި ސައުދީއާއި ގަލްފުގެ ގައުމުތައްވެސް ޗައިނާ، ރަޝިއާ އަދި އިންޑިއާ އާއެކުކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ޑޮލަރުގެ ބަދަލުގައި އެގައުމުތަކުގެ ފައިސާއިން މުއާމަލާތް ކުރަން ފެށުން ހިމެނެއެވެ.
މީގެމާނައަކީ ޑޮލަރުގެ މުއާމަލާތް އެއްކޮށް ދޫކޮށްލުމެއްނޫނެވެ. އަދި ކުއްލިއަކަށް ޑޮލަރު ބަލިކަށިވުމެއް ނޫނެވެ. ވިޔަފާރީގެ އެއްބައި ޑޮލަރުންކޮށްފައި އަނެއްބައި އެގައުމުތަކުގެ ފައިސާއިން ކުރަންފެށުމެވެ. އަނެއްކޮޅުން މިގައުމުތަކުންނާއި ދުނިޔޭގެ ބޮޑެތި ބައެއް ބޭންކްތަކުންވެސް މިހާރުވަނީ ރިޒާވް ފައިސާގެ ގޮތުގައި ޑޮލަރާއި ޔޫރޯގެ އިތުރުން ޗައިނާގެ ޔުވާން އާއި ރަޝިއާގެ ރުބެލް އާއި ސައޫދީ ރިޔާލްއާއި ޔޫއޭއީގެ ދިރުހަމް އާއި އިންޑިއާގެ ރުޕީ ބޭނުންކުރަން ފަށާފައެވެ.
މިކަމުގެ ނޭދެވޭ އަސަރު އެމެރިކާގެ އިގްތިސާދަށް މިހާރުވެސްވަނީ ކުރަންފަށާފައެވެ. ނަމަވެސް މިކަން ފެންނަން އަދި ދެތިން އަހަރު ނަގާނެއެވެ.
ޗައިނާގެ ޚާރިޖީ ވަޒީރަކަށް އައު ބޭފުޅަކު އައްޔަން ކޮށްފައިމިވަނީ ދުނިޔޭގެ މުޅި މަސްރަހު މުޅިން ބަދަލުވެ ބޮޑު އެއްބާރު ކަމަށްވާ އެމެރިކާގެ ކޮންޓްރޯލްގެ ބަދަލުގައި އެމެރިކާވެސް ހިމެނޭގޮތަށް ޗައިނާއާއި ރަޝިއާ ފަދަ ބޮޑެތި ބާރުތަކުގެ މަލްޓި ކޮންޓްރޯލް އޮންނަ ނިޒާމަކަށް ދުނިޔެ ބަދަލުވަމުންދާ ވަރަށް ޙާއްސާސް ދަނޑިވަޅެއްގައެވެ. މިބަދަލުތަކާއެކު އެމެރިކާގެ ބޮޑެތި ފިއްތުންތަކެއް ޗައިނާއަށް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައިވެސް މެއެވެ.