ޑްރޯން ބޭނުންކުރުމުގެ ހުއްދައަށް އެދި ތިން ދުވަސް ކުރިން ފޯމު ހުށައަޅަން ޖެހޭނެ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ, ޑްރޯން އޮޕަރޭޓް ކުރަން ބޭނުންވާ ތާރީޚުގެ މަދުވެގެން ތިން ދުވަސް ކުރިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެގޮތާއި ޚިލާފަށް ޑްރޯން އެރުވުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުތައް ބާތިލުވާނެކަމަށް އިއުލާނުގައި ވެއެވެ.

ޑްރޯން އޮޕަރޭޓުކުރާނެ ތަނުގެ ޕޮޒިޝަން އެނގޭނެ ގޮތަށް، އެ ސަަރަހައްދުގެ ޗާޓެއް ފޯމާއެކު ހުށަހަޅަންޖެހޭ އިރު އާބަން ސަރަހައްދުތަކުގައި ޑްރޯން އޮޕަރޭޓް ކުރުމަށް ހުއްދަ ދޭނީ 50 މީޓަރުގެ ރޭޑިއަސް އެއްގައި ކަން ފާހަގަ ކޮށްފައިވެއެވެ. އަދި ކަނޑުގެ ސަރަހައްދުތަކުގައި ޑްރޯން އޮޕަރޭޓް ކުރުމަށް ހުއްދަ ދޭނީ 150 މީޓަރު ރޭޑިއަސް އެއްގައި ކަމަށް އެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ބުނީ ޑްރޯން އުދުއްސުމުގެ ހުއްދަ ދޭނެ އެންމެ އުސްމިނަކީ 120 މީޓަރު ކަމަށެވެ.

ސަލާމަތީ ސަބަބުތަކަށް ޓަކައި މާލޭގައި ރަސްފަންނު ފިޔަވައި އެހެން ސަރަހައްދުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން އެރުވުން ޑިފެންސް މިނިސްޓްރީން މަނާކޮށް އެކަން އިއުލާން ކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހުގައެވެ.