03 Jan 2023, 23:24
ރަސްމީ ފާލަމާ ދިމާލު ފަޅުތެރެއަށް އެޅިފައިވާ ކަޅުތެޔޮތައް ނަގައި ނިންމާލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.
ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީއާ ދެމެދަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރިކަމުގެ މައުލޫމާތު ލިބިގެން އެ ތެޔޮތައް ނެގުމުގެ މަސައްކަތް މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން އެމްއެންޑީއެފުން ވަނީ ފަށާފައެވެ.

މާލޭ ފަޅުތެރެއަށް ފެތުރިފައިވާ ކަޅުތެޔޮތައް ބޫމިން ބޭނުންކޮށްގެން ނަގަނީ .-- ފޮޓޯ/ އެމްއެންޑީއެފް
އެ ސަރަހައްދުގެ ފަޅުތެރެއަށް އެޅިފައިވަނީ 1000 ލީޓަރު ކަޅުތެލެވެ. އޭގެ ތެރެއިން އިއްޔެގެ ނިޔަލަށް 400 ލީޓަރުގެ ތެޔޮ ނަގާފައިވެއެވެ.
އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑް އޮއިލް ރެސްޕޮންސް ޓީމާއި މާލެ އޭރިއާ ސިފައިން ގުޅިގެން ރަސްމީ ފާލަމާ ދިމާލު ފަޅުތެރެއަށް އެޅިފައިވާ ކަޅު ތެޔޮތައް ނަގައި, އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް މިއަދު 13:35 ހާއިރު އެއްކޮށް ނިންމާފައިވާކަމަށެވެ.
"އެ ސަރަހައްދުން 15 ބެރަލްގެ ތެޔޮ ވަނީ ނެގިފައި،" އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ އެ ސަރަހައްދަށް އެޅިފައިވާ ކަޅުތެޔޮތައް ނެގީ ބޫމިން ބޭނުންކޮށްގެން ކަމަށެވެ
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން "ސަން"އަށް ބުނެފައިވަނީ އެ ސަރަހައްދަށް ކަޅުތެޔޮ އެޅުނު މައްސަލަ ކޯސްޓްގާޑާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.