04 Jan 2023, 13:14
ރ. ދުވާފަރު ކައުންސިލުން ހިންގިކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމުގެ އެންމެ ފަހު މަރުހަލާއަށް ގޮސްފައިވާ ކަމަށާއި ވަރަށް އަވަހަށް ދައުވާ ކުރަން ފޮނުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް، ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފައިވާކަމަށް އެލްޖީއޭއިން އެކުލަވާލި ޚާއްސަ މޮނިޓަރިން ރިޕޯޓަކުން ވަނީ ހާމަވެފައެވެ.
އެގޮތުން، ލާމަރުކަޒީ ގާނޫނާއި، އެގާނޫނުގެ ދަށުން އެލްޖީއޭއިން އާންމުކޮށްފައިވާ އުސޫލުތަކާއި މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި އަދިވެސް އެހެނިހެން ކަންކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އެ ކައުންސިލުން އަމަލު ނުކުރާކަމަށް ރިޕޯޓުގައި ވެއެވެ.
މިމައްސަލައާ ގުޅިގެން ދުވާފަރު ކައުންސިލްގެ ފަސް މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލާއި، އެހެން ބައެއް މުވައްޒަފުން ވަނީ މިދިޔަ ނޮވެމްބަރުމަހު ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް ސަސްޕެންޝަން ހަމަވެގެން އޭގެތެރެއިން ދެ ކައުންސިލަރަކު ވަނީ އަލުން ވަޒީފާއަށް ނުކުމެފައެވެ.
އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ މިއަދު "ސަން" އަށް ވިދާޅުވީ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާ ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.
ނިޝާން ވިދާޅުވީ ދައުވާ ކުރުމަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ. ނަމަވެސް ވަކި ތާރީޚެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
އޭސީސީން މިމައްސަލައިގެ ތަހުގީން ނިންމައި ދައުވާ ކުރަން ފޮނުވުމުގެ ކުރިން ޕީޖީ އޮފީހުގެ މަޝްވަރާއަށް ފޮނުވީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ އަށް ވަނަ ދުވަހުއެވެ.
މާލިއްޔަތު ގަވާއިދު ބުނާގޮތުން 35،000 ރުފިޔާއަށް ވުރެ ބޮޑު ޚަރަދެއް ކުރާ ނަމަ އާއްމު އިއުލާނަކަށްގޮސް ބީލަމަށް ހުޅުވާލަން ޖެހެއެވެ. ނަމަވެސް އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ "ދުވާފަރު ކައުންސިލްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް" ގައި ވާގޮތުން ދުވާފަރު ކައުންސިލުން މިދިޔަ އަހަރު މާލިއްޔަތު ގަވާއިދާ ޚިލާފަށް ބިޑް ކުރުމެއްނެތި އަދި ބިޑް ކޮމިޓީއަށް އެންގުމެއް ނެތި 2.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން ކައުންސިލް އިދާރާއަށް ލިބޭ ފައިސާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ބަލަހައްޓާފައި ނުވުމާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ގަވާއިދުން ބޭންކަށް ޖަމާކުރަމުން ނުދާކަމަށް ރިޕޯޓުން ހާމަވެއެވެ. ހަމައެއާއެކު ކައުންސިލްގެ ތިޖޫރީން ނަގާފައިވާ 242،000 ރުފިޔާ ޚަރަދުކުރި ގޮތް އެނގެން ނެތުމާއި، އޭގެ ތެރެއިން 130،000 ރުފިޔާ ކައުންސިލަރަކާ ހަވާލުކުރިކަން އެނގެން އޮތް ނަމަވެސް އެ ފައިސާ ވެސް ޚަރަދުކުރިގޮތް އެނގެން ނެތްކަމަށް ފާހަގަކޮށްފައިވެއެވެ.