04 Jan 2023, 19:21
ގިނަ އަދަދެއްގެ ބޯހިޔާވަހިކަން އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މިއަދު ދިވެހިރާއްޖޭގައި އެންމެ ބޭނުންތެރި އެއް ކަންތައްކަމަށް, ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާއިރު ކެމްޕެއިނުގައި މިއަދު ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ, ހުޅުމާލޭގެ ދަރަނިއެއީ މިހާރު މި ދައުލަތުގެ އެންމެ ބޮޑު ދަރަނި ކަމަށެވެ. މިއަދު ޓެކްސް ބޮޑުކުރަން ޖެހިފަިއވަނީ ވެސް އެ ދަރަނި އަނބުރާ ދެއްކުމަށްޓަކައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ދައުލަތަށް އެދަރަނި އަލުން އެކުލަވާނުލެވި، މިއަދު 2023 ވަނަ އަހަރު މިވަނީ ޓެކްސް ބޮޑުކޮށް، ދަރަނި އަނބުރާ ދެއްކުމަށް ފައިސާ ހޯދަން ޖެހިފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހުޅުމާލޭގެ ތަރައްގީއަކީ އަދި ހުޅުމާލޭގެ ބޭނުންތެރިކަމަކީ އެއްވެސް ބޭފުޅަކަށް އިންކާރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަބަދުވެސް މަސައްކަތްތައް ހިންގާއިރު އެންމެ ބޮޑަށް ވިސްނަން ޖެހެނީ ފަހުން ވެދާނެ ކަންކަމަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން އިމާރާތް ކުރުމުގެ އަގު އިންތިހާއަށް ބޮޑުވެގެން ދިޔުމަކީ އެ އިމާރާތްތަކުގެ ކުލި ބޮޑުވެގެންދާ ސަބަބު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިއަދު ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ތަކުލީފަކީ އާމްދަނީ މަދުވުމާއި ތަކެތީގެ ޚަރަދު ބޮޑުވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ނަޝީދުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއިރު، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެނޑިޑޭޓަކު ކަނޑައެޅުމަށް މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ޕްރައިމަރީއަށް ކުރައްވާ ކެމްޕެއިނުގައި އެ މަނިކުފާނު އެންމެ ގަދައަށް ދައްކާ އެއް ވާހަކައަކީ ބޯހިޔާވަހިކަމުގެ ވާހަކައެވެ.
އެގޮތުން މި ހަފްތާގެ ހޯމަ ދުވަހު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބި، މުޅި މާލެއާއި ރާއްޖެ ބިކަވެދާ ގޮތަށް ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ. އަދި ތަނަވަސް ޖާގައިގައި, ރީތި ދިރިއުޅުމެއް އުޅެވޭނެ ގޮތަކަށް ސިޔާސަތު ތަންފީޒު ކުރެވެންވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެމަނިކުފާނަށް މި މައްސަލައަށް ހައްލު ހޯދޭނެކަމަށް ވެސް ވިދާޅުވެފައިވެއެވެ. "ކުރިމަތިލާ މިފަހަރުވެސް މި ހުރީ ފްލެޓް ދޮންބެ، އަޅުގަނޑަށް ކުރަން އެނގޭ ކަމެއް، އަދި އަޅުގަނޑުމެންނަށް މި މަސައްކަތް ހިންގޭނެ، އެއީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން"، ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެެވެ.
މި މަހު 28ގައި އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންދާއިރު ރައީސް ނަޝީދުގެ އިތުރުން އެ ޕާޓީން ޕްރައިމަރީގައި ދެން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެވެ. ދެ ބޭފުޅުންގެ ކެމްޕެއިން ވެސް ފައްޓަވާފައިވާއިރު ދެ ބޭފުޅުން ވެސް ދަނީ ކެމްޕެއިން ޖަލްސާތައް ބާއްވާ، ރައްޔިތުންނާ ބައްދަލު ކުރައްވަމުންނެވެ.
ރައީސް ޞާލިޙް ބާއްވަވާ ޖަލްސާއެއް މިރޭ އޮންނާނެއެވެ.
ރައީސް ނަޝީދު ހިޔާ ފްލެޓް ތަކަށް