04 Jan 2023, 22:55
ފުވައްމުލަކު ސިޓީގައި މަޝްރޫއެއް ނުހިނގައޭ ބުނުމަކީ ޖޯކެއްކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު، މިރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާއިރު ކެމްޕެއިނުގައި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެ ސިޓީގެ ދޫނޑިގަމު އަވަށުގައި، އެ އަވަށު ސަޕޯޓަރުންނާ، އެމަނިކުފާނު ވަނީ އިއްޔެ ބައްދަލު ކުރައްވާފައެވެ.
އެ ބައްދަލު ކުރެއްވުމުގައި ރައީސް ނަޝީދު ވަނީ ފުވައްމުލަކުން އެމްޑީޕީއަށް ތަރުހީބު ދިންވަރާ ގާތަށް ވެސް މި ސަރުކާރުން އެ ސިޓީއަށް އަޅާލާފައިނުވާ ކަމަށް ވިދާޅުވެފައެވެ.
"ނަޝީދު 2023" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ--- ސަން ފޮޓޯ/ ނާއިލް ހުސެއިން
"އަޅުގަނޑަށް ކަންބޮޑުވުން އަންނަނީ ތިބޭފުޅުން އެ ދިންމިންވަރާއި ގާތަށްވެސް ސަރުކާރުން މި ފުވައްމުލަކަށް ދީފައި ނުވާތީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް، ރައީސް ޞާލިހް ބައިވެރިވެވަޑައިގެން ބޭއްވެވި މިރޭގެ ޖަލްސާގައި އެކަމަށް ރައްދު ދެއްވާ ރައީސް ވިދާޅުވީ ފުވައްމުލަކުގައި މަޝްރޫއެއް ނުހިނގާ ކަމަށް ބުނުމަކީ ޖޯކެއް ކަމަށެވެ.
އެގޮތުން މިހާރު ވެސް ހަމައެކަނި ފުވައްމުލަކުގެ އެކި މަޝްރޫއުތަކަށް 786 މިލިޔަން ރުފިޔާ ހަމަޖައްސައި، އޭގެއިން 436 މިލިޔަން ރުފިޔާ އެކި މަޝްރޫއުތަކަށް ޚަރަދު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހު ވިދާޅުވީ، އެ ސިޓީގެ މަގުތައް ހަދަމުންދާ ކަމަށެވެ. އަދި އެ ސިޓީގައި މިސްކިތްތައް އެޅި، ސްކޫލުތަކުގައި ކްލާސްރޫމް ގާއިމްކުރެވުމާއެކު، ސްކޫލުތަކުގައި މަލްޓިޕާޕާސް ހޯލުތައް ގާއިމް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު--- ސަން ފޮޓޯ/ ނާއިލް ހުސައިން
އެމަނިކުފާނު ވިދާޅުވީ އާ އިންޖީނު ގޭގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށެވެ. އަދި އެ ސިޓީގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް ކުރިޔަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު ކުރިއަށް ދަނީ އެ ސިޓީގެ ބަނދަރު ބޮޑު ކުރެވޭނެ ގޮތް ބެލުމަށްޓަކައި ސާވޭގެ މަސައްކަތް،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ވެސް މިރޭގެ ޖަލްސާގައި ރައީސް ނަޝީދަށް އަމާޒުކޮށް ބައެއް ބަހުގެ ހަމަލާތައް ރައީސް ފޮނުއްވިއެވެ. އެގޮތުން ނަސޭހަތާއި ލަފާ ދިނުމުގެ ފުރުސަތު ފުރިހަމައަށް އެބައޮތްކަމަށާއި އެހެންނަމަވެސް އެއްވެސް މީހެއްގެ އަޅަކަަށްވެވަޑައިނުގަންނަވާނެކަމަށް ވިދާޅުވެ، ނުސީދާ ގޮތެއްގައި ރައީސް ނަޝީދަށް ރައީސް ޞާލިހު ވަނީ ރައްދު ދެއްވާފައެވެ.
މިރޭގެ ކެމްޕެއިން ޖަލްސާގައި، ރައީސް ޞާލިހަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ އާންމު މެމްބަރުން ބައިވެރިވެފައިވެއެވެ. ހަމައެއާއެކު ރައީސް ޞާލިހަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުންނާއި، ސަރުކާރު ކުންފުނިތަކުގެ ވެރިން ވެސް ބައިވެރިވެފައިވެއެވެ.
މި މަހު 28ގައި އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންދާއިރު ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ކެމްޕެއިން ވެސް ފައްޓަވާފައިވާއިރު ދެ ބޭފުޅުން ވެސް ދަނީ ކެމްޕެއިން ޖަލްސާތައް ބާއްވާ، ރައްޔިތުންނާ ބައްދަލު ކުރައްވަމުންނެވެ.