07 Jan 2023, 18:47
އެމްޑަބްލިއުއެސްސީއިން ރ. ދުވާފަރުގައި ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އިއްޔެ އެކުންފުނިން ދުވާފަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ތަޢާރަފްކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އެރަށުގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްކާތެރި ގޮތެއްގައި ކުނި ނައްތާލައި އަދި އެރަށުގެ ރައްޔިތުން އެކަމަށް އަހުލުވެރި ކުރުވުމަށް ބޭއްވުނު ޕްރޮގްރާމެއް ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.
އެގޮތުން އިއްޔެ ބޭއްވި ހަފްލާގައި އެކަން އިފްތިތާހްކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހުގެ އިތުރުން އެރަށު ކައުންސިލް މެމްބަރުންނާއި އަދި މުއައްސަސާތަކުގެ އިސްވެރިންނެވެ. މި ހަފްލާގައި އެރަށުގެ ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ.

އެމްޑަބްލިއުއެސްސީ އިން ދުވާފަރުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން --- ފޮޓޯ/ އެމްޑަބްލިއުއެސްސީ
މި ޕްރޮގްރާމުގެ ތެރެއިން، ކުނީގެ ބާވަތްތައް ވަކިކުރުމަށް ޚާއްސަ ޑަސްބިންތަކެއް އެރަށުގެ ކޮންމެ ގޭބިސީއަކަށް ހަވާލުކުރެވޭނެއެވެ. އަދި ދުވާފަރުގެ ރައްޔިތުންގެ މެދުގައި ކުނި މެނޭޖްކުރުމުގެ އުސޫލުތަކަށް އިތުރަށް އަހުލުވެރިކުރުމަށް، ޑޯޓުޑޯ ކެމްޕެއިނެއް ވެސް މި ޕްރޮގްރާމްގެ ތެރެއިން އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ޕްރޮގްރާމްގެ މަގްސަދަކީ ދުވާފަރަކީ ނަލަ، ސާފު ރަށެއްގެ ގޮތުގައި ބޭއްވުމާއި އަދި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް އިރުތަށް ފަސޭހަ ކޮށްދިނުން ކަމުގައި އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.
މި ޕްރޮގްރާމާ ގުޅިގެން ދުވާފަރުގެ ކުޑަކުދިންނަށް ޚާއްސަކޮށްގެން "ކުޑަކުދިންނާއިއެކު އެމްޑަބްލިޔުއެސްސީ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް އެކުންފުނުން ވަނީ ނިންމާފައެވެ.
އެކުންފުނީގެ ގެ އަމާޒަކީ ރައްކާތެރި އަދި ދެމެހެއްޓެނެވި ގޮތެއްގައި ދުވާފަރުގައި ކުނި މެނޭޖްކޮށް ސާފު މާހައުލެ އެރަށުގެ ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.