08 Jan 2023, 17:03
މާލޭގެ މިސްކިތްތައް މަރާމާތުކުރަން މާލެ ސިޓީ ކައުންސިލަށް ފައިސާ ހަމަޖައްސައިދީފައިވާކަމަށާއި، ނަމަވެސް ސިޓީ ކައުންސިލަށް ދޫކުރި ފައިސާއަށް ހެދި ގޮތެއް ހާމަކޮށްފައިނުވާކަމަށް ބުނެ, އިސްލާމިކް މިނިސްޓްރީން ކުރި ތުހުމަތުތަކަށް, މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު އިންކާރުކުރައްވައިފިއެވެ.
ކުރިއަށް އޮތް ރަމަޟާން މަހަށް މާލޭގެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ "ޗާލު މިސްކިތް" މި ނަމުގައި ފަންޑް ރައިސިން ހަރަކާތެއް ބާއްވާފައެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ 2020 ވަނަ އަހަރު އެމަސައްކަތް ކުރުމަށް، އެއް މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލަށް ދޫކޮށްފައިވާ ކަމަށާއި، ފައިސާ ބޭނުންކުރާ ގޮތުގެ ރިޕޯޓު ހުށައެޅުމަށް އެންގުމުން އެގޮތަށް ޢަމަލުނުކުރުމުން 2021 ވަނަ އަހަރުވެސް އެފައިސާ ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން އަންގާފައިވާނެ ކަމަށެވެ.
ނަމަވެސް 2021 ވަނަ އަހަރުވެސް އެފާއިސާ ބޭނުންކުރި ގޮތުގެ ރިޕޯޓު ހުށަނާޅާތީ ސުވާލުކުރުމުން ސިޓީ ކައުންސިލުން އެފައިސާ ބޭނުން ނުކުރާ ކަމަށާއި އެފައިސާ އެބަހުރިކަމަށް އޭރު ބުނެފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން، ނިމިދިޔަ 2022 ވަނަ އަހަރުވެސް ދެ މިލިއަން ރުފިޔާގެ ބަޖެޓެއް މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކަނޑައަޅާ، އެކަން ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ސަން" އަށް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ކަމަށާއި، މިސްކިތްތަކުގެ މަރާމާތައް އިސްލާމިކް މިނިސްޓްރީން ހުށަހަޅާފައިވަނީ އެއް މިލިއަން ރުފިޔާ ކަމަށާއި، އެ ފައިސާއިން ހުރިހާ މިސްކިތްތަކުގެ މަސައްކަތް ނުނިންމޭނެ ކަމަށް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ.
އަދި މިނިސްޓްރީން ހުށަހަޅާފައިވަނީ މަސައްކަތް ނިންމުމަށްފަހު ބިލްތައް މިނިސްޓްރީއަށް ފޮނުވުމަށް ކަމަށާއި ނަމަވެސް އެއީ މާލިއްޔަތު ގަވާއިދާ ޚިލާފުކަމެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.
ބަޖެޓެއް ނުދީ އެއްވެސް ފަރާތަކުން މަސައްކަތެއް ނުކުރާނެ. އެ ފައިސާ ހުރިކަން ޔަގީން ނުވެ އަޅުގަނޑުމެންނަށް ޓެންޑަރެއް ވެސް ނުކުރެވޭނެ. މާލިއްޔަތު ގަވާއިދާ ޚިލާފު ކަމެއް އެއީ. އަޅުގަނޑުމެން ޓެންޑާ ކޮށްގެން މަސައްކަތް ކުރީ އަޅުގަނޑުމެންގެ އާމްދަނީ ފައިސާގެ ތެރެއިން.މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
މޭޔަރު ވިދާޅުވީ ބިލްކޮށްގެން މަސައްކަތް ނުކުރެވޭނެ ވާހަކަ މިނިސްޓްރީގައި ދެންނެވި ކަމަށާއި، ދެ މިލިއަން ޖަމާކޮށްދިނުމަށް ތަކުރާރުކޮށް އެދުމުންވެސް މިނިސްޓްރީން އެ ފައިސާ ކައުންސިލާ ހަވާލުކޮށްފައި ނުވާކަމަށެވެ.
މިދިޔަ ހަފްތާ ބަންދުގައި ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ފަންޑް ރައިސިން ހަރަކާތުން ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އެކައުންސިލުން ބުނެއެވެ. މި ހަރަކާތުގެ ފުރަތަމަ ދުވަހު ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. ސިޓީ ކައުންސިލުން ބުނީ މި ހަރަކާތް ނިމުމަށްފަހު ވެސް އެހީވާން ބޭނުންވާ މީހުންނަށް އެފުރުސަތު ހުޅުވާލާފައި ހުންނާނެ ކަމަށެވެ.
ކައުންސިލުގެ އާމްދަނީ ބަޖެޓުން މިސްކިތްތައް މަރާމާތު ކުރުމަށް 10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވެފައިވެއެވެ. މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެއެވެ.