08 Jan 2023, 18:06
ބެއިޖިން (8 ޑިސެންބަރު 2022): ކޮވިޑް-19 ގެ ވަބާއާ ގުޅިގެން ތިން އަހަރުވަންދެން ޗައިނާގެ ސަރަހައްދީ ރޮނގުތައް ބަންދުކޮށްފައި އޮތުމަށްފަހު އެގައުމު އަލުން މިއަދު ހުޅުވާލައިފިއެވެ.
ޗައިނާ, އެގައުމުގެ ސަރަހައްދީ ރޮނގުތައް ހުޅުވާލީ ހަނދުމަހުގެ ގޮތުންބަލާ ޗައިނާގެ އާ އަހަރު ފެށުން ގާތްވެފައިވާއިރު އާ އަހަރުގެ އިހުތިފާލްތަކާ ދިމާކޮށެވެ. ސަރަހައްދީ ރޮނގު ހުޅުވާލުމުގެ ގޮތުން ޗައިނާ ސަރުކާރުން މިއަދުވަނީ ބަޔާނެއް ނެރެފައެވެ.
މިބަޔާން ބުނާގޮތުން ބޭރުގައުމުތަކުން ޗައިނާއަށް އަންނަ މީހުން އެމީހުން އައުމުގެ ދެދުވަސްކުރިން، ކޮވިޑް ޓެސްޓުން ނެގެޓިވް ކަމުގެ ރަސްމީ ލިޔުމެއް ޗައިނާގެ ކަމާބެހޭ ފަރާތަށް ހުށަހަޅަންވާނެއެވެ. މިކަން އޮންލައިންކޮށް ކުރެވޭނެއެވެ.
މިއާއެކު ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަނުންވަނީ ކޮވިޑްގެ ނުރައްކާތެރިކަމުގެ ހާލަތު އޭ ކެޓަގަރީން ބީ ކެޓަގަރީއަށް ދަށްކުރުމުގެ އަމުރެއް އިއްޔެ ނެރެފައެވެ. މީގެ މާނައަކީ ކޮވިޑްއަކީ އެއާއެކު އުޅެންޖެހިފައިވާ ބައްޔަކަށް ހެދުމާއި އަދި އެބަލިޖެހުނުނަމަވެސް ކުރިންއެޅިބާވަތުގެ ހަރުކަށި ފިޔަވަޅުތަކާނުލައި އެއީ ފަރުވާދީގެންނާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކޮންޓްރޯލް ކުރާ ބައްޔަކަށް ހެދުމެވެ.
ޗައިނާއަކީ ކޮވިޑް-19 އާ ގުޅިގެން ސަރަހައްދީ ރޮނގުތައް ބަންދުކުރުމަށްފަހު މިހާތަނަށް ހުޅުވައިނުލާ އޮތް ހަމައެކަނި ގައުމެވެ. ކޮވިޑް ޒީރޯ ގެ ސިޔާސަތުގެ ދަށުން ވަރަށް ފަހަކާ ޖެހެންދެންވެސް ޗައިނާ ގެންދިޔައީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ ކުރިން އެޅި ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. މީގެތެރޭގައި ޓައުންތަކާއި އަވަށްތައް ފުރަބަންދުކުރުން ހިމެނެއެވެ.
ނަމަވެސް މިފިޔަވަޅުތަކާ ދެކޮޅަށް ޗައިނާ ރައްޔިތުންގެ ގިނަ ބަޔަކު މިދިޔަ ނޮވެމްބަރުމަހު އަޑުއުފުލައި އެކަމާދެކޮޅަށް މުޒާހަރާކުރަން ފެށުމުން ޗައިނާ ސަރުކާރުންވަނީ ކޮވިޑް ޒީރޯގެ ސިޔާސަތަށް ބޮޑު ލުޔެއްދީ ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތައް ދޫކޮށްލާފައެވެ. މިއާއެކު ޗައިނާގައި އިތުރަށް ކޮވިޑް ފެތުރިގެން ދިޔައެވެ. ނަމަވެސް ޗައިނާއިން މިހާރުވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ކަރަންޓީނުކުރުމާއި މީހުން އެކަހެރި ކުރުމުގެ ސިޔާސަތު ދޫކޮށްލައި ކޮވިޑަކީ އެއާއެކު އުޅެންޖެހިފައިވާ ބައްޔަކަށް ހަދާފައެވެ.
ކޮވިޑްގެ ކޭސްތަކާ ދެން މުއާމަލާތްކުރާނީ ކުރިންއެޅިބާވަތުގެ ހަރުކަށި ފިޔަވަޅުތަކާނުލައި ފަރުވާދީގެންނާއި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށް ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަނުން މިހާރުވަނީ ނިންމާފައެވެ.
ކޮވިޑް-19 ގެ ވަބާއާ ގުޅިގެން ތިން އަހަރުވަންދެން ސަރަހައްދީ ރޮނގު ބަންދުކޮށްފައި އޮތުމަށްފަހު ޗައިނާ މިއަދު އަލުން ހުޅުވާލުމާއެކު ޗައިނާގެ ރައްޔިތުން ފަތުރުވެރިންގެ ގޮތުގައާއި ލޭބަރުންގެ ގޮތުގައާއި ކިޔަވާކުދިންގެ ގޮތުގައާއި އަދި އެނޫންވެސް ގޮތްގޮތުން ގައުމުން ބޭރަށް ދަތުރުކުރަން ވަނީ ފަށާފައެވެ.
މިއާއެކު ބައެއް ގައުމުތަކުންވަނީ ޗައިނާ ރައްޔިތުންގެ ކޮވިޑްގެ ހާލަތާ ގުޅޭގޮތުން މުއާމަލާތްކުރާނެ ގޮތްތަކެއް ކަނޑައަޅާފައެވެ. މީގެތެރޭގައި ކޮވިޑް ޓެސްޓުން ނެގެޓިވް ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމާއި ކޮވިޑް ވެކްސިން ޖަހާފައިވާކަމުގެ ލިޔުން ހުށަހެޅުން ހިމެނެއެވެ.
ޗައިނާވެސްވަނީ އެގައުމަށް އަންނަ ބޭރުމީހުންނާމެދު މިގޮތަށް ކޮވިޑް ޓެސްޓުން ނެގެޓިވް ކަމުގެ ރަސްމީ ލިޔުން ހުށަހެޅަންޖެހޭގޮތަށާއި އަދި ކޮވިޑް ވެކްސިން ޖަހާފައިވާ ކަމުގެ ލިޔުން ހުށަހަޅާގޮތަށް ނިންމާފައެވެ.