އިންޓަނެޓުގައި ތަފާތު ކުށްތަކަށް އަރައިގަންނަމުންދާ ހެކަރުންނާއި، އެނޫންވެސް އެފަދަ ފަރާތްތަކުން، ނަހަމަ ގޮތުގައި އާ ޓެކްނޮލޮޖީ (ޗެޓްޖީޕީޓީ) ބޭނުންކޮށްގެން މެލްވެއާ އުފައްދަން މަސައްކަތް ފަށައިފިއެވެ.

މެޝިން ލާނިން ބޭސްޑް ޗެޓްބޮޓް ފަރުމާކޮށްފައި ވަނީ ވާހަކަ ދައްކާ ގޮތަށް ތަފާތު މުއާމަލާތްކޮށް، ހުށަހަޅާ ސުވާލުތަކަށް ޖަވާބު ދީ، ބޭނުން ކޮންމެ ދާއިރާކުން ކޮންމެ މައުލޫމާތެއްވެސް ހޯދާލެވޭފަދަ ފަސޭހަ ގޮތަކަށެވެ. ޗެޓްޖީޕީޓީ އުފެއްދި އޯޕަންއޭއައިގެ ރިސާޗަރުންގެ އެހާ ފުރިހަމަ މަސައްކަތެއް ޢާޢްމުކޮށް އިންޓަނެޓަށް ދޫކޮށްލައިފައިވާއިރު، ކުދިކުދި އެޑްޖަސްޓްމަންޓްތަކާ އެކު މަސައްކަތް ކުރާ ކޯޑް ވެސް އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ލިޔަމުންދާ ކަމީ ފެންނަން ހުރި ހަޤީޤަތެކެވެ.

"ސެކިއުރިޓީ އެންޓަޕްރައިޒް ޗެކް ޕޮއިންޓު"ން ދާދި ފަހުން ވަނީ ޗެޓްޖީޕީޓީގެ އެހީގައި މެލިޝިއަސް ކޯޑްގެ ބައިތައް ހޯދުމަށް ސައިބާ ކްރައިމް ފޯރަމްތައް ބަލައި ފާސްކޮށްފައެވެ. އެމީހުން މިފަދަ ބޮޑު މަސައްކަތެއް ކުރީ ޗެޓްޖީޕީޓީ އަކީ "ތައުލީމީ" ވަސީލަތެއްގެ ގޮތުގައިވެސް އަދި ނާޖާއިޒު ފައިދާ ނެގުމަށް، މިސާލަކަށް މަލްވެއާ އުފެއްދުމުގެ ޕްލެޓްފޯމެއްގެ ގޮތުގައި ވެސް ބޭނުން ކުރަމުން އަންނަ އެއްޗެއް ކަމަށް ބެލެވޭތީއެވެ. އެ ޗެކްޕޮއިންޓުން ބުނެފައިވަނީ އެމީހުންގެ ހީކުރުންތައް މިހާރުވަނީ ހަޤީޤަތަކަށް ވެފައެވެ. އެފަދަ މެލްވެއާއަކަށް ބޭނުންވާނެ ހުރިހައި ކޯޑެއް ޗެޓްޖީޕީޓީ މެދުވެރިކޮށް ހޯދިދާނެއެވެ.

ސެކިއުރިޓީ އެންޓަޕްރައިޒް ޗެކް ޕޮއިންޓުން ކުރި ދިރާސާއިން އިތުރަށް ހާމަވީ، އޯޕަންއޭއައިގެ ޗެޓްބޮޓް މެދުވެރިކޮށް ޕައިތަން ބޭސްޑް ސްޓީލަރެއް އުފައްދައި، ކޮމަން ފައިލްގެ ބާވަތްތައް ހޯދާ، ޓެމްޕް ފޯލްޑަރަށް ކޮޕީކޮށް، ޒިޕްކޮށް، އަދި ހާޑްކޯޑެޑް އެފްޓީޕީ ސާވާއަކަށް އަޕްލޯޑް ކޮށްލެވޭކަމެވެ.

އަދިވެސް ޗެޓްޖީޕީޓީ އާއި ގުޅޭގޮތުން ހެދި އެހެން ދިރާސާއަކުން އެނގުނީ، އެސްއެސްއެޗް/ޓެލްނެޓް ކްލައިންޓް (ޕީޔޫޓީޓީވައި) ޑައުންލޯޑްކޮށް، ޕަވާޝެލް ބޭނުންކޮށްގެން ކޮމްޕިއުޓާ ސިސްޓަމެއްގައި ސިއްރުން ރަން ކުރުމުގެ ގާބިލުކަން ލިބިފައިވާ ޖާވާ ބޭސްޑް ކޯޑް ސްނިޕެޓެއް އުފެއްދި ދާނެކަމެވެ. އަދި ޖާވާ ސްކްރިޕްޓް ސާމްޕަލް މެލްވެއާއެއް ވަނީ އުފައްދާފައެވެ.

މިދިރާސާއަށްފަހު ޗެކް ޕޮއިންޓުން އިންޒާރު ދީފައި ވަނީ "ޑާކް ވެބް މާކެޓް ޕޭމަންޓް ސިސްޓަމްގެ ދަށުން އަޕް-ޓު-ޑޭޓް ކްރިޕްޓޯކަރަންސީ (މޮނެރޯ، ބިޓްކޮއިން އަދި އެތެރިއަމް) އަގުތައް ހޯދުމަށް ތިންވަނަ ފަރާތެއްގެ އޭޕީއައި ބޭނުންކޮށްގެން ޑާކް ވެބްގެ މާކެޓްޕްލޭސް ސްކްރިޕްޓްތައް ހެދުމުގެ ފުރުސަތު ވެސް ޗެޓްޖީޕީޓީން އޮތްކަމެވެ.

ޗެޓްޖީޕީޓީއާ ބެހޭ ގޮތުން ސައިންސްވެރިން ބުނަނީ ޗެޓްބޮޓަކީ އިންޓަނެޓްގައި ކުށްތަކަށް އަރައިގަންނަ ހެކަރުންނަށް މަޤުބޫލް ވަސީލަތަކަށް ވާނެތޯ ނުވަތަ ނޫންތޯ ނިންމަން އަދި މާ އަވަސް ކަމަށެވެ. އެހެންނަމަވެސް އަންޑަގްރައުންޑް ކޮމިއުނިޓީ (ސިއްރުން ފިލާތިބެގެން މަސައްކަތްކުރާ ފަރާތް)ތަކުން މިހާރުވެސް ވަނީ "މި ފަހުގެ ޓްރެންޑަށް ބަރޯސާވެގެން މެލިޝިއަސް ކޯޑް އުފައްދަން" ވަރަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައެވެ.

މިފަދަ ގޯނާއިން ސަލާމަތްވުމަށް ޗެޓްޖީޕީޓީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމަނަން ޖެހޭއިރު، މެލްވެއާ ލިޔުންތެރިންނާއި ސްކްރިޕްޓް ކޯޑްތަކުންވަނީ އެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފަސޭހައިން ބައިޕާސް ކުރެވިދާނެކަން ދައްކައިދީފައެވެ. އެހެންކަމުން ޗެޓްޖީޕީޓީ އަކީ ކުރިމަގަށް ވިސްނާއިރު ނުރައްކާތެރި އެއްޗަކަށް ވުންވެސް އެކަށީގެންވެއެވެ.