މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚު އަންނަ އާދިއްތަ ދުވަހު އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "ސަން" އަށް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، އިންތިޚާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު މަހުގެ ދޭއް ނުވަތަ ނުވަ ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.

އިލެކްޝަންސް އިން އިންތިޚާބަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ އިރު، މިވަގުތު ކުރިއަށްދަނީ އިދާރީ ގޮތުން ކުރަންޖެހޭ ކަންކަންކަމަށާއި، އޭގެ ތެރޭގައި އިންތިޚާބަށް ބޭނުންވާ ތަމްރީންތަކަށް ތައްޔާރުވުމާއި، އިންތިޚާބަށް ބޭނުންވާ ލިޔެކިޔުންތަކާއި ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޚާބުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނީ އިންތިޚާބީ މައި މަރުކަޒު ތައްޔާރު ކުރެވިގެން ކަމަށެވެ. މިއަހަރު އިންތިޚާބީ މައި މަރުކަޒެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތެވެ. އެގޮތުން، މިމަހުގެ 15 ވަނަ ދުވަހު އެ އިމާރާތް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު އޭގެތެރެއިން ރިޔާސީ އިންތިޚާބަށް ދޭން ހިމަނާފައިވަނީ 95 މިލިއަން ރުފިޔާއެވެ. ނަމަވެސް، މިހާރު ކަނޑައަޅާފައިވާ އަދަދާ އެކު އިންތިޚާބުގެ ފުރަތަމަ ބުރު އޮމާންކޮށް ބޭއްވޭނެ ކަމުގެ ޔަގީންކަން އޮތް ނަމަވެސް ދެ ވަނަ ބުރު ބޭއްވުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެތީ، އިތުރަށް ފައިސާ ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މީގެ ކުރިން އިލެކްޝަންސް އިން ބުނެފައިވެއެވެ.

ގިނަ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ނިންމާފައިވާއިރު، މިފަހަރުގެ ރިޔާސީ އިންތިޚާބަކީ މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އިންތިޚާބަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ ބަޔަކަށް ވޯޓް ލުމުގެ ހައްގު ލިބިގެންދާނެ އިންތިޚާބުވެސް މެއެވެ. އެގޮތުން، 2018 ވަނަ އަހަރުގެ އިންތިޚާބުގައި 260،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެން ދިޔައިރު، މިފަހަރުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 280،000 އަށް އިތުރުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކޮށްފައިވެއެވެ.