12 Jan 2023, 23:09
މާލޭ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ދޭނެ ކަމަށް ވިދާޅުވާ ގޯތި އަދި އޮތީ ކަނޑުއަޑީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ރާޅުގަނޑު ސަރަހައްދުގައި މިރޭ ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭ ރައްޔިތުންނަށް ފްލެޓާއި ގޯތި ދިނުމުގެ ސިޔާސަތެއް މި ސަރުކާރުގައި ނެތް ކަމަށެވެ.
މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަންނާނެ ތަނެއް ހޯދުމަކީ އެންމެ މުހިއްމު އަދި އެންމެ ބޮޑު ވާޖިބަށް ވީ ނަމަވެސް އެ މައްސަލައަށް މިސަރުކާރުން އަޅާނުލާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ނުލިބެނީ އާމްދަނީ ނެތިގެން އެކަނި ނޫން ކަމަށެވެ. އެގޮތުން އެކަން ކުރުމަށް ބޭނުންވާ ބިމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދު--- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން
"ރައީސް ޞާލިހު އެ ވިދާޅުވާ ގޯތި އަދި އޮތީ ކަނޑު އަޑީގައި. ގާދޫކޮލުން ބޭރުން މިއޮތް ވާދޫ ކަނޑުގައި ކަޑަ ޖެއްސެވިޔަސް ރަނގަޅުވާނެ. މާ ޖާގަ ބޮޑުވާނެ. އަލިހުރަސް ކަނޑުވެސް އެބައޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމަށް ވީނަމަވެސް އެކަމަށް ސަރުކާރުން ސަމާލުކަން ނުދޭ ކަމަށެވެ.
މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފްލެޓު ދޭނެ ކަމަށް ރައީސް ޞާލިހު އިއްޔެވެސް ބުނެފައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް މާލޭގެ މެންބަރުންނާއި ކެމްޕޭން ޓީމުތަކާއެކު އަންގާރަ ދުވަހު ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މާލޭ ރައްޔިތުން އެދޭ ގޮތަށް ދައުރު ނިމުމުގެ ކުރިން ގޯތި ދޫކޮށް، ސަރުކާރުން އަޅަން ފަށައިފައިވާ ފްލެޓުތަކަށް ވެސް މީހުންނަށް ވަދެވެން ފަށާނެ ކަމަށެވެ.
"މިއީ އޮޅުވާލައިގެން ވޯޓު ހޯދަން ދައްކާ ވާހަކައެއް ނޫން. ވޯޓަކާ މިކަމަކާ ގުޅުމެއް ނެތް، މި އަހަރުގެ މެދަށް އަންނައިރުގައި އަޅުގަނޑުވީ ވައުދާ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ގޯތި ކަނޑައި ދޭނަން." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިރޭ ބޭއްވި ޕްރައިމަރީ ކެމްޕެއިން ޖަލްސާގެތެރެއިން--- ފޮޓޯ/ ޓްވިޓާ
ރައީސް ވިދާޅުވީ ގޯތި ދިނުމަށްޓަކައި މިހާރު ކުރަމުން އަންނަނީ އިވެލުއޭޝަންގެ މަސައްކަތް ކަމަށާއި އެކަން ވީހާވެސް ރަނގަޅަކަށް ކުރެއްވުމަށް ފަހުގައި މިއަހަރު ތެރޭގައި ގޯތި ދޫކުރާނެ ކަމަށެވެ.
ރައީސްގެ އެވާހަކަތަކަށް ރައްދު ދެއްވާ ނަޝީދު ވިދާޅުވީ މި ސަރުކާރުގެ ޝިއާރަކީ "އަންނަނީ އަންނަނީ" ކަމަށެވެ. އެގޮތުން ރައީސް ޞާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ބޮޑު ޕްރޮޖެކްޓެއް ނުވަތަ ކުޑަ ޕްރޮޖެކްޓަކަށް ބެލި ނަމަވެސް ފެންނަނީ "އަންނަނީ އަންނަނީ" ބޯޑު އަޅުވާތަން ކަމަށެވެ.
މިސާލެއްގެ ގޮތުން އަމީނީމަގާއި އޮލިމްޕަސް ނަންގަވާ ރައީސް ނަޝީދު ވިދާޅުވީ އެ މަސައްކަތްތަކުގައި ވެސް އެ ބޯޑު އަޅުވައިގެން އުޅޭތާ ފަސް އަހަރު ވެއްޖެ ކަމަށެވެ.
"މި އަންނަ ކުއާޓަރުގައި އަންނަނީ. ދެން އަންނަ ކުއާޓަރުގައި އަންނަނީ. މި ފިލްމެއް ނުފެނުނު. ހަމަ އަންނަނީ. އޮލިމްޕަސް ހުޅުވާ ވާހަކަ އަންނަތާ ފަސް އަހަރު. އެއީ ރައީސް ނާސިރު ހަދާ ފައްކާ ކޮށްފައި ހުރި ތަނެއް. ކުލަލާފައި ބޮކި ދިއްލަން އަންނަނީ އަންނަނީގައި މިދަނީ ފަސް އަހަރު،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީ ކުރީ ކޮޅު ރައީސް ޞާލިހާއި އެމަނިކުފާނުގެ ޓީމަށް މިއީ ފަސޭހަ ކަމެއް ކަމަށް ހީވެފައި އޮތް ނަމަވެސް މިހާރު އެކަން އޮތީ ބަދަލުވެފައި ކަން ރައީސް ޞާލިހަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ރޭސް ކާމިޔާބު ކުރައްވާނީ ރައީސް ނަޝީދުކަން ރައީސް ޞާލިހަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޕްރައިމަރީ ފެށުނު އިރު ރައީސް ހީކޮށްފައި އޮވެދާނެ މީ ފަސޭހަ ކެމެކޭ. މިއަދު އެބޭފުޅާގެ ޓީމުގެ ބޭފުޅުންނަށް އެނގޭނެ އަޅުގަނޑުމެން އެތެރެއިން ޓްރެކަށް އަރައިފިކަން. މި ރޭސް ނިންމާނީ އަޅުގަނޑުމެންކަން. ދެނެއް އަޅުގަނޑުމެން އަތެއް ނުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި މިއަދު އަސްލު އެމްޑީޕީ ޖަމާވެއްޖެ ކަމަށާއި އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު މިރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ. ފޯރިގަދަ ޕްރައިމަރީ ވޯޓުލުން އޮންނާނީ މިމަހު 28ގައެވެ.