14 Jan 2023, 09:26
އިންސާނުންނާއި، ޖަނަވާރުން ފަދަ ދިރުންތަކަށް ދިރިއުޅެވިދާނެ ފަދަ ދުނިޔެއާ ވަރަށް އެއްގޮތް ޕްލެނެޓެއް ނާސާގެ ސައިންސްވެރިން ހޯދައިފިއެވެ.
'ޓީއޯއައި 700 އީ'ގެ ނަމުން ނަން ދީފައިވާ މި ޕްލެނެޓަކީ ބިމުގެ ބޮޑުމިނަށް ވުރެ ގާތްގަނޑަކަށް 95 ޕަސެންޓް ބޮޑު ޕްލެނެޓެއް ކަމަށާއި އެ ޕްލެނެޓަކީ ކޮމްޕޮޒިޝަންގައި ހިލައިގެ ޕްލެނެޓެއް ކަމަށް ބެލެވެއެވެ.
ނާސާގެ ޓްރާންސިޓިން އެކްސޮޕްލެނެޓް ސާވޭ ސެޓެލައިޓް (ޓީއީއެސް)އިން ހޯދި މި ހިތްގައިމު ހޯދުމަކީ އެހެން ޓެލެސްކޯޕްތަކުގެ ފޮލޯއަޕް އޮބްޒަވޭޝަންތަކުން ކަށަވަރުކޮށްދިން ހޯދުމެކެވެ. އަލަށް މިފެނުނު ޕްލެނެޓް (ޓީ.އޯ.އައި 700 އީ)ގައި އިންސާނުންނަށް ދިރިއުޅޭވޭ މިންވަރަށް ނުވަތަ އެނޫންވެސް މިންވަރަކަށް ފެން ހުރުން އެކަށީގެންވާ ކަމަށް ނާސާގެ ސައިންސްވެރިން ވަނީ ލަފާކޮށްފައެވެ.
ނަސާގެ ސައިންސް ވެރިން ބުނާގޮތުގައި މި ޕްލެނެޓަކީ ޚާއްޞަ ތަރިއެއް ވަށައިގެން ދައުރުކޮށްކޮށް ހުންނަ ޕްލެނެޓަކަށްވާއިރު، ކޮންމެ 36 ދުވަހަކުން އޭގެ ނާރެހުގައި އޮވެ ފުރިހަމަ ބުރެއް ފުރިހަމަކުރާ ދުނިޔެއާއި ވަރަށް އެއްގޮތް ޕްލެނެޓެކެވެ. އަދި އެ ތަރިއަކީ އިރަށް ވުރެ ގާތްގަނޑަކަށް 40 ޕަސެންޓް ފިނި އިރަށްވުރެ ކުޑަ ރަތް ކުލައިގެ ޑްވާފެއްގެ ގޮތުގައި ގިންތިކުރެވިފައިވާ ތަރިއެކެވެ.
ޓީއޯއައި 700 އީ ފެނުމަކީ ދިރިއުޅުމަށް އެކަށީގެންވާ އެކްސޮޕްލެނެޓްތައް ހޯދުމުގައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. އަލަށް ހޯދުނު މި ޕްލެނެޓްގެ ބޮޑުމިނާއި، އޭގެ ތަރިއާއި ހުރި ދުރުމިނަކީ ދިރިއުޅުމަށް އެކަށިގެންވާ މާހައުލެއް އެ ޕްލެނެޓްގައި އޮވެދާނެކަމަށް ބެލެވޭ ހެކިތަކަކަށްވާތީ، އެއީ އިތުރަށް ދިރާސާކޮށް ބަލަންޖެހޭ ކަންކަން ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.
ސައިންސްވެރިން މިހާރު ދަނީ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް (ޖޭޑަބްލިއުއެސްޓީ) ބޭނުންކޮށްގެން އެ ޕްލެނެޓްގެ ޖައްވު ދިރާސާކޮށް ބަޔޯސިގްނޭޗާތައް ހޯދުމުގެ ވިސްނުން ގެންގުޅެމުންނެވެ. ޖޭޑަބްލިޔުއެސްޓީގެ ސަބަބުން މިހާރުގެ ޓެލެސްކޯޕްތަކަށް ވުރެ، ޕްލެނެޓްގެ ކޮމްޕޮޒިޝަން އާއި ދިރިއުޅުމުގެ ގާބިލުކަމާ ބެހޭ ގޮތުން މާ ތަފްސީލީ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.
މި ހިތްގައިމު ހޯދުމުގެ ސަބަބުން، އިރުގެ ނިޒާމުން ބޭރުން ދިރުން ހޯދުމުގެ އާ ފުރުޞަތުތަކެއް ހުޅުވިގެންދާއިރު، މިއީ ދުނިޔޭގެ ތަނަވަސްކަމާއި ތަފާތުކަން ހަނދާންކޮށްދޭ ކަމެކެވެ. މި ހޯދުމުގެ ފަހަތުގައި ތިބި ޓީމުން އުއްމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި ވެސް އިތުރު އެކްސްޕްލެނެޓްތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި ދުނިޔެ ފިޔަވައި އެހެން ޕްލެނެޓްތަކުގައި ދިރިއުޅުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމެވެ.