އެމްޑީޕީގެ ޕްރައިމަރީއަށް އިދިކޮޅު ކޯލިޝަންގެ އެއްވެސް ޝައުގެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ޕީޕީއެމްގެ އިސް ވެރިން އަޑީގައި ތިބެގެން ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކަށް އެ ޕާޓީގެ ކުދިން ފޮނުވައިގެން ކެމްޕެއިން ކޮށްދެމުން އަންނަ ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވުމާ ގުޅިގެންނެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ޝިޔާމް މިރޭ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަށް އިދިކޮޅު ކޮއެލިޝަންގެ ޝައުގުވެރިކަމެއް ނެތް ކަމަށާއި ކޮންމެ ބޭފުޅަކު ޓިކެޓް ކާމިޔާބުކުރެއްވިޔަސް ޖެހޭނީ އެއްތާކު ކަމަށެވެ.

"އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް އަޅުގަނޑުމެންގެ ޝައުގެއް ނެތް. ޑަޒަން މެޓާ، ޞާލިޙް ވިން ކުރުމެކޭ ނަޝީދު ވިންކުރުމެކޭ. އެ ވާނީ ހަމަ އެކައްޗަށް. އެއީ ޞާލިޙް ބަލިވާނެ ކަން އެނގޭތީ ދައްކާ ވާހަކައެއް،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްލަހަތު ގެއްލޭ ބާވަތުގެ އެތައް ކަމެއް އެމްޑީޕީން ކުރާނެ ކަމަށާއި އެކަންކަން ކޮށްފައި އިދިކޮޅުގެ ބޮލުގައި އަޅުވަން އުޅޭނެ ކަމަށެވެ.

ރައީސް ޞާލިޙުގެ ފަޅީގައި ހިމެނޭ އެމަނިކުފާނަށް ވަފާތެރި ބޭފުޅެއް ކަމަށްވާ މަރަދޫ ދާއިރާގެ މެންބަރު ޝަރީފް "ސަން"އަށް ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕުން އަޑީގައި ތިބެގެން ރައީސް ނަޝީދަށް ކެމްޕެއިން ކުރަނީ ސިއްރުން ނޫން ކަމަށެވެ.

"އަހަރެމެންނަށް އެ މަންޒަރު އެބަ ފެނޭ. އަހަރެމެންނަކީ އެހާ ލޯއަނދިރި ބައެއް ނޫން. އައިނެއް އަޅާފައި ހުއްޓަސް އެބަ ފެނޭ. މިސާލަކަށް އައްޑު އަތޮޅުގައި ހުރި އެންމެ ބޮޑު ޕީޕީއެމް އެކްޓިވިސްޓަކީ އެމީހުންގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒު. އޭނާގެ ޓްވީޓްތައް ބައްލަވާ،" ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ރައީސް ޔާމީން ޖަލަށްލާ ކޮންމެ ފަހަރަކުމެ، އެމަނިކުފާނާމެދު ހަމްދަރުދީވެވަޑައިގަންނަވާ ވަރަށް ގިނައިން ވާހަކަފުޅު ދައްކަވާފައިވާ ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.

އެގޮތުން އެންމެ ފުރަތަމަ ރައީސް ޔާމީން ޖަލަށް ލީ ފަހަރު އެމަނިކުފާނު ވިދާޅުވެފައިވަނީ ޔާމީންގެ އުސޫލުތަކާއި ޚިޔާލުފުޅުތަކަށް ތާއީދު ނުކުރައްވާ ކަމަށެވެ. އެކަމަކު އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ހަމައެކަނި ޔާމީން ޖަލުގައި ބެހެއްޓުމުގެ މާބޮޑު އިންސާފެއް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

މިމަހުގެ ފުރަތަމަ ދުވަހުގެ ރޭ ބޮޑުފެންވަޅުގޭގައި ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށްފަހު ނޫސްވެރިނާ ވާހަކަދައްކަވަމުން ވެސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމަކީ އުފާ ކުރަން ޖެހޭ ބާވަތުގެ ކަމެއް ނޫން ކަމަށެވެ.