މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒުގެ ނަމްބަރު މެދުވެރިކޮށް ކޮންބައެއްކަން ނޭނގޭ ބަޔަކު މެސެޖު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް މޭޔަރު އެދިލައްވައިފިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، އޭނާގެ ނަމްބަރުން، ކޮންމެވެސް ބަޔަކު ނޫސްވެރިންނަށާއި އެނޫންވެސް މީހުންނަށް ތަފާތު މެސެޖުތައް ފޮނުވަމުންދާކަމަށެވެ. އެގޮތުން އޭނާ ގެންގުޅުއްވާ ނަމްބަރުން ޓެކްސްޓް މެސެޖާއި ވައިބާ މެސެޖު އެކި މީހުންނަށް ފޮނުވަމުންދާ ކަމަށާއި އެފަދަ މެސެޖުތައް ލިބޭ ފަރާތްތަކުން އެ މެސެޖުތައް އޭނާއާ ހިއްސާކުރާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"މި މައްސަލާގައި އަޅުގަނޑު ދިރާގަށްވެސް ދިޔައިން. މިއީ އަޅުގަނޑުގެ ނަމްބަރުން ފޮނުވާ މެސެޖުތަކެއްތޯ ބެލުމަށް. ދިރާގުން ބުނީ އެއީ އަސްލު ނަމްބަރުން ފޮނުވާ މެސެޖުތަކެއް ނޫންކަމަށް. އަދި އެއީ ކޮންމެވެސް އެހެން ގޮތަކުން ފޮނުވާ މެސެޖުތަކެއްކަމަށް ދިރާގުގެ ބޭފުޅުން ދެންނެވި،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޮޅުވާލައިގެން މެސެޖު ކުރާ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފައިވާކަމަށާއި، ނަމަވެސް ފުލުހުން މައްސަލަ ނުބަލާ ކަމަށެވެ. އެ މައްސަލަ އަލުން ފުލުހުންނަށް ހުށަހަޅާނޭކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ، މިއީ ސިޔާސީ ކަންކަމުގައި އުޅުއްވާތީ އޭނާގެ އަގު ވައްޓާލުމުގެ ގޮތުން ވަކި ބަޔަކު ހިންގަމުންދާ ވަރަށް ނާތަހުޒީބު އަމަލެއްކަމަށާއި، މިފަދަ ކަންކަން ރައްޔިތުން ބަލައި ނުގަންނާނޭކަމަށެވެ. އަދި އޭނާގެ ނަމްބަރުން އެއްވެސް ފަރާތަކަށް ތަފާތު މެސެޖެއް ލިބިއްޖެ ނަމަ، އެކަން ކަށަވަރުކުރުމަށް ޑރ. މުއިއްޒު އެދިވަޑައިގަތެވެ.

ބައެއް ފަހަރު ސިޔާސީ ބޭފުޅުންގެ ނަންބަރުތައް ބޭނުންކޮށްގެން އޮޅުވާލައިގެން އެހެން މީހުންނަށް މެސެޖުތައް ފޮނުވުމަކީ ރާއްޖޭގައި މި ފަހުން ހިނގަމުން އަންނަ ކަމެކެވެ.