ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ހއ. ދިއްދޫގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

"އިބޫ 2023 އެމްޑީޕީ ކުރިއަށް" މި ނަމުގައި ދިއްދޫގައި މިރޭ ބޭއްވި އެމްޑީޕީ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެއާޕޯޓު ވާހަކައަކީ، ނުދެއްކޭނެ ވާހަކައެއް ނޫންކަމަށާއި، އެމްޑީޕީގެ ޕްރައިމަރީއަށް ފަހު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގެ ތެރޭގައި މެނިފެސްޓޯ އެކުލަވާލާނޭކަމަށެވެ.

"މެނިފެސްޓޯ އެކުލަވާލާނީ ތިޔަބޭފުޅުންގެ މަޝްވަރާގެ މަތިން. އެ މެނިފެސްޓޯގައި މިރަށުގައި އެއާޕޯޓެއް އެޅުމަށް ހިމެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ދިއްދޫގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، އެރަށުގައި އެއާޕޯޓެއް އެޅުމުގެ ވާހަކަ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޢަބްދުﷲ ޔާމީން ވެސް ދެއްކެވިއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދިއްދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީނު ވިދާޅުވީ، ދިއްދޫ ފަޅު ހިއްކައިގެން އެރަށުގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށެވެ.

ދިއްދޫގައި އެއާޕޯޓެއް އެޅުމާ ގުޅޭގޮތުން ރައީސް ޔާމީނު ވެސް ވިދާޅުވެފައިވަނީ، އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ ދައުރު ނިމޭނީ ދިއްދޫގައި އެއާޕޯޓެއް އެޅުމަށްފަހު ކަމަށެވެ.

"އަޅުގަނޑުމެންގެ މުޅި ކަޅުފޮއި މޫސުން ނިންމުމުގެ އުފާވެރިކަން އަޅުގަނޑުމެންނަށް މިންވަރުކުރަށްވައިފި ކަމަށް ވަންޏާ އަޅުގަނޑުގެ ފަސް އަހަރެއްގެ ދައުރު ދެން ނިމިގެންދާނީ ހަމަގައިމުވެސް ދިއްދޫ ފަޅު ހިއްކާފަ އެއާޕޯޓެއް އަޅައިދީފަ،" ރައީސް ޔާމީން އޭރު ވިދާޅުވިއެވެ.

"އިބޫ 2023 އެމްޑީޕީ ކުރިއަށް" ކެމްޕެއިނާ ބެހޭގޮތުން މިރޭ ރައީސް ޞާލިޙް ވިދާޅުވީ، އަދުގެ ސަރުކާރުން ކަންތައްތައް ކުރަނީ ރާވައިގެން އެކަންކަމަށް ބޭނުންވާ ފައިސާ ވެސް ހޯދައިގެން ކަމަށެވެ.

ކޮވިޑާ ގުޅިގެން ސަރުކާރަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ތަރައްޤީގެ މަސައްކަތްތަކެއް ކުރުމަށް ސަރުކާރަށް ލިބުނީ ދެ އަހަރާއި ބައިގެ ފަހުންކަމަށެވެ. އެހެންނަމަވެސް އަތޮޅުތެރޭގެ ރަށްތަކުގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ ދިއްދޫގައި މިހާރު އަޅަމުންދާ 75 ހައުސިން ޔުނިޓުގެ ތެރެއަށް 25 ހައުސިން ޔުނިޓް އިތުރުކުރުމަށް، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަހީދު ހުށަހެޅުއްވި ހުށަހެޅުން ބަލައިގަނެ އެކަން އެގޮތަށް ކުރިއަށްދާނޭ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ދިއްދޫ ބިންހިއްކައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތާއި އައުޓްޑޯ ޖިމް މަސައްކަތުގެ އިތުރުން، ޖޫނިއާ ކޮލެޖުގެ މަސައްކަތާއި އިތުރު ކްލާސްރޫމްތައް އެޅުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނޭކަމަށް މިރޭ ރައީސް ވިދާޅުވިއެވެ.